ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީތަކުން މެމްބަރުން މަދުކޮށް މަޖިލީހުގެ ޖުމުލަ އަދަދު ދަށްކުރެވިދާނެ: އިބްރާހިމް ދީދީ

ކޮލަމާފުށި ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި ވަކި ރަށްތަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ދާއިރާތައް އުނިކުރުމުގެ ބަދަލުގައި ސިޓީތަކުގައި ތިބޭ މެމްބަރުންގެ އަދަދުތައް ދަށްކޮށްގެން ހަރަދުކުޑަކުރަން ފެނިވަޑައިގަންނަވާކަމަށް މަޖިލީހުގެ ކޮލަމާފުށި ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ތިން ދައުރަށް ބަލާއިރު 18 ވަނަ މަޖިލީހުގައި 85 މެންބަރުން، އަދި މިދިޔަ ދައުރުގައި 87 މެމްބަރުން ތިއްބެވި އެވެ. އެއަށް ފަހު މި ދައުރުގައި އެ އަދަދު ވަނީ 93 އަކަށް އިތުރުވެފަ އެވެ. ގާނޫނުއަސާސީ މިހާރު އޮތް ގޮތުން، ދެން އޮންނަ މަޖިލިސް އިންތިހާބަކަށް 100 އެއްހާ ގޮނޑިއަށް އިއުލާނު ކުރާނެކަމަށް ބެލެވެ އެވެ. އެހެންވެ، އެކަމަށް ހިޔާލު ހޯދުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައި، ބަހުސްކޮށްފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސް މަޖިލިސް މެމްބަރުންގެ އަދަދު ދަށް ކުރުމަށް ނިންމެވިކަން އިއުލާނު ކުރައްވާފަ އެވެ.

ރައީސްގެ ވިސްނުމަކީ އަންނަ ދައުރަކަށް، 77 މެމްބަރުން ހޮވާ ގޮތަށް އިސްލާހު ގެނައުމެވެ. އެ ނިންމެވުމަށް ސަންގުޓީވީގެ ޕްރޮގްރާމްއެއްގައި ވާހަކަދައްކަވަމުން މެމްބަރު ދީދީ ވިދާޅުވީ، މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ދައުރަކަށް ވެސް އިތުރުވެގެން ދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އަދި ދައުލަތުން މަޖިލިސް މެމްބަރުންގެ މައްޗަށް ބޮޑު ހޭދައެއް ކުރާއިރު، މެމްބަރުންގެ އަދަދު އިތުރުވުމަކީ ދައުލަތުގެ މާލިއްޔަތުން ކުރެވޭ އިސްރާފެއްކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ދީދީ ވިދާޅުވީ، ރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ ގައުމެއްކަމަށާއި އެހެންކަމުން މަޖިލީހުގެ މެމްބަރުންގެ އަދަދުތައް ގިނަވަމުން ވަމުން ގޮސް ރާއްޖޭގެ މާލިއްޔާތަށް ނުކަތާ ހިސާބަށް ދާން ރައްޔިތުން ބޭނުން ނުވާނެކަމަށެވެ. އިބްރާހިމް ދީދީ ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުވެސް ރައްޔިތުން އެންމެ ގިނައިން ކުރިމަތިކުރުވި އެއް ސުވާލަކީ މެމްބަރުންގެ މުސާރައާއި އިނާޔަތްތަކާއި ގުޅޭ ސުވާލުތައް ކަމަށެވެ.

އިބްރާހިމް ދީދީ ވިދާޅުވީ، މެމްބަރުންގެ އަދަދުތައް ގިނަވެގެންދިއުން ހުއްޓުވުމަށް މަސައްކަތްތައް ކުރާނެކަމާއިމެދުވެސް ރައްޔިތުންވަނީ ސުވާލުކޮށްފައިކަމަށާއި މިހާރު ޕީއެންސީގެ މަޖިލިސް މެމްބަރުން ކުރައްވަމުންދަނީ އެ މަސައްކަތްތައް ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ގެންގުޅުއްވަނީ ކުޑަ ހަރަދެއްކޮށްގެން ރާއްޖޭގެ އާމްދަނީ އިތުރުކޮށް ދައުލަތުގެ މުއްސަނދިކަން އިތުރުކުރަންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ މެނޭޖުކުރެވޭނީ ހަރަދުތައް ކުޑަކޮށްގެންކަމަށާއި އެހެންކަމުން ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މަޖިލީހުގެ މެމްބަރުންގެ އަދަދުތައް މަދުކުރުމަކީ ޕީއެންސީގެ ޕީޖީ ގުރޫޕުގެ ހުރިހާ މެމްބަރުންވެސް އިއްތިފާގުވާކަމަށެވެ.

މީގެއިތުރުން އިބްރާހިމް ދީދީ ވިދާޅުވީ، ބައެއް މެމްބަރުންނަށް މިހާރު ހުރި އަދަދުގައި ހިފެހެއްޓުމަށް ފެނިވަޑައިގަންނަވާކަމަށާއި އަދި މީގެ ކުރިން 2017 ވަނަ އަހަރު މަޖިލިީހުގެ މެމްބަރުން ތިއްބެވި އަދަދުތައް ރަނގަޅުކަމަށް ފެނިވަޑައިގަންނަވާ މެމްބަރުން ތިއްބެވިކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް މެމްބަރުން މަދުކުރުމަށް ބަލާއިރު ބައެއް ދަތިތައް ކުރިމަތިވެގެންދިއުން އެކަށީގެންވާކަމަށް ވެސް ފާހަގަކުރެއްވިއެވެ.

އިބްރާހިމް ދީދީ ވިދާޅުވީ، މެމްބަރުން ނަގަނީ ދާއިރާތަކުގެ މައްޗަށް ބަހާލައިގެންކަމަށެވެ. އޭނާ ވިދާޅުވީ، މެމްބަރެއްގެ ޒިންމާއަކީ ދާއިރާއަށް ބޭނުންވާ ކަންކަން ސަރުކާރުގެ ތެރެއިން ހައްލުކޮށްދީ ރައްޔިތުންގެ ތަރައްގީއަށްޓަކައި މަސައްކަތްކުރުންކަމަށެވެ. އޭނާ ވިދާޅުވީ، ގޮނޑިތައް ގިނެވެފައިވާ ގޮތަށް ބަލާއިރު، އެ އަދަދުތައް ގިނަވެފައިވަނީ ސިޓީތަކުގެ ގޮތުގައި ކަނޑައެޅިފައިވާ ރަށްތަކުންކަން ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ ވަކި ރަށްތަކަށްވުރެ މެމްބަރުންގެ އަދަދުތައް ގިނައީ ސިޓީތަކުގެ ގޮތުގައި ކިޔާ ރަށްތަކުގައިކަމަށާއި އޭނާ ނިސްބަތްވާ ކޮލަމާފުށި ދާއިރާ ލިބުނީވެސް ދާދި ފަހުންކަމަށެވެ.

ދީއިބްރާހިމް ދީދީ ވިދާޅުވީ، ގާނޫނަށް ގެނައުމަށް މަސައްކަތްކުރަމުންދާ އިސްލާހުތައް ގެނައުމުން އޭނާގެ ދާއިރާވެސް ގެއްލިގެންދިއުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި އެއީ އެދޭ ގޮތް ނޫންކަމަށާއި އެހެން މެމްބަރުންވެސް އެގޮތަށް ވުމަށް ނޭދޭނެކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮލަމާފުށި ދާއިރާއަކީ ވަކިން އޮންނަ ރަށްތަކެއް ކަމަށާއި އެ ރަށްތަކުގެ ރައްޔިތުން ސަރުކާރުގެ ތެރެއިން ބޭނުންވާ ކަންކަން ކޮށްދީ ވަކާލާތުކޮށްދޭނެ މީހަކު މަޖިލީހުގައި ހުރުމަށް އެދޭކަމަށްވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް ސިޓީތަކަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ އިސްނެގުމެއްގެ މަތިން ތަރައްގީ ކުރާ ތަންތަންކަމަށާއި އެ ދާއިރާތަކަށް ގިނަ ފަހަރުގެ މަތިން ސަރުކާރު ޖަވާބުދާރީ ކުރުވަންވެސް ނުޖެހޭކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި، ސަރުކާރަށް ކަމެއް ހުށައެޅުމުގެ ބަދަލުގައި ސަރުކާރުން އިސް ނަގައިގެން ސިޓީތަކަށް ތަރައްގީ ގެނެސްދޭކަމަށެވެ.

އެހެންކަމުން ސިޓީތަކުން މެމްބަރުން މަދުކުރެވިދާނެކަމަށް ގަބޫލުކުރައްވާކަމަށާއި ފުވައްމުލަކާއި އައްޑޫ ސިޓީ ފަދަ ތަންތަނުން މެމްބަރުން މަދުކޮށްފި ހާލަތެއްގައި ދެން ހުރި ދާއިރާތައް ބަހައްޓާފައި 77 އަކަށް އަދަދުތައް ދަށް ކޮށްލެވިދާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދެން ހުރި ދާއިރާތަކަކީ އަޅާ ނުލެވި ދޫކޮށްލެވިދާނެ ދާއިރާތަކަކަށް ވެގެން ގޮސްދާނެކަމަށާއި 10000 ރައްޔިތުން ހަމަ ކުރާއިރު އެއީ އެތަކެއް ރަށެއްގެ އާބާދީއަށްވުމުގެ ފުރުސަތު އޮތުމުން މެމްބަރަކަށް އެ ހުރިހާ ރަށެއްގެ ކަންކަން ބެލެހެއްޓުން ދަތިކަމަކަށް ވެދާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: