އިންޑިއާގެ ކެރަލާ ސަރަހައްދުން ރާއްޖޭގެ ސައުތު ޕޯޓަށް ކާބޯތަކެތި ފަދަ ހަލާކުވާ ބާވަތުގެ މުދާ ގެންދަން ފައްޓައިފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުން މީގެ އަހަރުތަކެއް ކުރިން އައްޑޫގެ ބަނދަރަށް އިންޑިއާއިން މުދާ ގެންގޮސް ހެދުމުގެ މަސައްކަތްތައް ކުރަމުން އައިސްފައިވަނީ ލަކުޑި ބޯޓުތަކުގައެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން އަހަރުގެ ބައެއް ދުވަސްވަރު އެ މަސައްކަތްތައް ހުއްޓުމަކަށް އަންނަ ކަމަށްވެސް ބުނެފައިވާއިރު، މިހާރު މި މަަސައްކަތްތައް އަލުން ކުރަން ފަށާފައިވާއިރު މުދާ އުފުލުމަށް ބޭނުންކުރަމުންދަނީ ދަނގަނޑުން ބިނާކޮށްފައިވާ ޒަމާނީ އުޅަނދުތަކެއްކަމަށް ފާހަގަކުރެއެވެ.
ރިޕޯޓުތަކުގައިވާގޮތުން އިންޑިއާގެ ކެރަލާއިން ހިތަދޫ ޕޯޓަށް ގެންދިޔަ ފުރަތަމަ ޝިޕްމެންޓަކީ 150 ޓަނުގެ މުދާ ހިމެނޭ ޝިޕްމެންޓެއްކަމަށެވެ. އޭގެ ތެރޭގައި މޭވާ، ތަރުކާރީ ހިމެނޭކަމަށް ބުނެފައިވާއިރު ފިޔާ ހުރިކަން ވަކިން ފާހަގަކޮށްފައިވެއެވެ. އަދި ބިސްވެސް ގެންދިޔަކަމަށް ބުނެފައިވާއިރު އެ އުޅަނދު ނިމިދިޔަ ބުދަ ދުވަހު އައްޑޫގެ ހިތަދޫ ޕޯޓުގައި ބަނދަރުކޮށްފައިވާކަމަށް ބުނެފައިވެއެވެ.
އިންޑިއާގެ ކާގޯ އުޅަނދު އައްޑޫގައި ބަނދަރުކުރުމާއިއެކު އެމްޕީއެލްގެ ބެލުމުގެ ދަށުން ޑައިރެކްޓް ޝިޕިންގް ރޫޓެއް ހުޅުވިފައިވާކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ. އަދި މިހާރު މިއާއިއެކު އެއްވެސް މަޑުޖެހުމެއް ހުރަހެއް ނެތި ކާބޯތަކެތި އެ ގައުމުން އައްޑޫ ސަރަހައްދަށް އިމްޕޯޓުކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ.
މި ހިދުމަތްތައް ދެމުންދާނީ އިންޑިއާގެ ކެރަލާއަށް ނިސްބަތްވާ ކުންފުންޏެއްކަމަށްވާ ފިނެސް ގުރޫޕުންކަމަށްވާއިރު، އެ ކުންފުންޏަކީ ރާއްޖެއަށް އެންމެ ގިނައިން މޭވާ އާއި ތަރުކާރީ އެތެރެކުރާ ކުންފުނިކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމްވަނީ މި މަސައްކަތްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން ފެށިފައިވާ މަސައްކަތްތަކާއިއެކު އައްޑޫ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށާއި މާލެއަށް މުދާ ގެންދިއުމުގެ ބަދަލުގައި ސީދާ އައްޑޫއަށް އެތެރެކުރެވޭކަމަށްވުމުން އަގު ހެޔޮވުމުގެ އިތުރުން ތާޒާ މޭވާ އާއި ތަރުކާރީ ލިބޭނެ މަގުވެސް ފަހިވެފައިވާކަމަށް ބުނެފައިވެއެވެ.

