އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ ހިމަބިއްސާއި ރުބެއްލާ ވެކްސިންގެ ދެވަނަ ޝިޕްމަންޓުގެ އިތުރުން، ބޭސްފަރުވާއަށް ބޭނުންވާ 3 ޓަނުގެ ސާމާނު މިއަދު މާލެ ގެނެސްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނާ ހިޒް އެކްސެލެންސީ ޖީ. ބަލަސުބްރަމާނިއަމްއެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން ތަކެއްޗާ ޙަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.
އެ ތަކެތި މިހާރު ރާއްޖެއަށް ގެނެސްފައިވާކަން އިންޑީއާ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި، މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ މީސަލްސް ހުއްޓުވުމަށް ވެކްސިންގެ 20،000 ޑޯސް އާއި ހިމަބިހި ޓެސްޓުކުރުމަށް ބޭނުންވާ ތަކެއްޗާއި، ހިމަބިހި ކޮންޓްރޯލް ކުރުމުގައި ބޭނުންކުރާ އެހެނިހެން ސާމާނު ހިމެނެއެވެ.
ދިވެހިރާއްޖެއަށް ދިމާވާ ކަންކަމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް އިންޑިއާ ސަރުކާރަށާއި ހައިކޮމިޝަން އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް މިނިސްޓާ ގީލާ އަލީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނީ، އިންޑިއާއިން ރާއްޖެއަށް މެދުކެނޑުމެއް ނެތި ދެމުންދާ އެހީތެރިކަން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.
ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ ފަދަ ކަންކަމުގައި ރާއްޖޭގެ ސަރުކާރާއެކު މަސައްކަތްކުރުމުގައި ދެމި އޮންނާނެކަމުގެ ޔަގިންކަން ވެސް އެމްބަސީން ވަނީ ދީފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މާލެ ސަރަހައްދުން ހިމަބިހީގެ ޖުމްލަ 15 ކޭސް މިހާތަނަށް ފެނިފައިވެއެވެ.

