އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް އާއި އިންޑިއާ ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ގުޅިގެންވެސް ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.
މި ބަދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި ރައީސް އިންޑިއާއަށް ވަޑައިގެންނެވީތީ ޝުކުރުއަދާކުރެއްވިއެވެ. އަދި ދެ ޤައުމުން އެއްބާރުލައިގެން ފައިދާހުރި އަދި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިވުމުގައި އިންޑިއާ ދެމިއޮންނާނެ ކަމުގައިވެސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، އިންޑިއާގެ ބޮޑުވަޒީރު ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ލިބިވަޑައިގަތް ދަޢުވަތަށް އެ ޤައުމަށް ކުރެއްވި ޒިޔާރަތުގައި އިންޑިއާއިން އަދާކުރެއްވި މެހެމާންދާރީއާ ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއާ ކުރިއެރުމުގައި އަދި ދިވެހިރައްޔިތުން އެހީތެރިކަމަކަށް ބޭނުންވާ ކޮންމެ ވަގުތެއްގައި އިންޑިއާއިން ދޭ ސަމާލުކަމާ އަހައްމިއްޔަތު ފާހަގަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ އުންމީދީ ވާހަކަފުޅުތަކާއެކުއެވެ. އަދި އިންޑިއާކަނޑުގެ ޞުލްޙައާއި ހަމަޖެހުން ދެމެހެއްޓުމުގައި، މިހާރެކޭވެސް އެއްގޮތަށް، އެއް ވިސްނުމެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި، ރާއްޖޭގެ ޚާރިޖީވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގަތެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވަނީ، ޤައުމުތަކާ ގުޅިގެން، ހަލުވި ބާރުމިނުގައި ރާއްޖެ ތަރައްޤީކުރުމަށް، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްބާރުލުމާއިއެކު މަސައްކަތްކުރެއްވުމަށް އިސްކަންދެއްވުމުގެ ޚާރިޖީ ސިޔާސަތެވެ.

