ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި މަތީ ތައުލީމާ ތަމްރީނުގެ ގާނޫނުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ.
މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ އެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާ ކޮށްފައިވާއިރު، އެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ޖުލައި 15 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ފާތުމަތު ސައުދާ ހުށަހެޅުއްވި ބިލުގެ ބޭނުމަކީ ކޮޕީ ރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ ދަށުން ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާއި ގުޅޭ އެ ނޫން ވެސް ހައްގުތަކާއި ބެހޭ ކަންކަން އިތުރަށް ތަފްސީލު ކުރުމެވެ.
އެ އިދާރާއިން ބުނީ އެ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ ޖުލައި 22 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް އެދޭ ކަމަށެވެ. ހުށަހަޅަން ބޭނުންވާ ހިޔާލު ނުވަތަ ކޮމެންޓު އެ މުއްދަތުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވޭނެ ކަމަށް ވެސް މަޖިލީހުން ބުންޏެވެ.
މި ބިލުގައި ސައުދާ ހުށަހަޅާފައި ވަނީ، ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އިސްލާހު ކުރުމަށެވެ. އެއީ ލިއުމުގެ އަސްލީ އުފެއްދުންތަކާއި، މިއުޒިކީ އަސްލީ އުފެއްދުންތައް އަދި އަސްލީ ފަންނުވެރި އުފެއްދުންތައްކަމަށް ގާނޫނުގައިވާ މާއްދާއަށް ނަމްބަރެއް އިތުރުކޮށް އޭގައި އޯޑިއޯ ވިޝުއަލް މަސައްކަތްތައް ހިމެނުމެވެ. އަދި އަދި 3 ވަނަ މާއްދާގެ (ށ) އިސްލާހުކޮށް އޯޑިއޯ ރެކޯޑިންއާއި، ސެޓްލައިޓް، އިންޓަނެޓް، އަދި ކޭބަލް މެދުވެރިކޮށް ކުރެވޭ ބްރޯޑްކާސްޓު ހިމެނުމެވެ.
އެ ބިލުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މަތީ ތައުލީމާ ތަމްރީނުގެ ގާނޫނުގެ ބިލާ ގުޅޭ ގޮތުން އެ އިދާރާއިން ބުނީ އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކަ ކޮމިޓީގައި ދިރާސާކުރަމުންދާއިރު އެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ޖުލައި 15 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ އެ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ ޖުލައި 23 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް އެދޭ ކަމަށެވެ.ގެ ހުށަހަޅަން ބޭނުންވާ ހިޔާލު ނުވަތަ ކޮމެންޓު އެ މުއްދަތުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކަ ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވޭނެ ކަމަށް ވެސް މަޖިލީހުން ބުންޏެވެ.

