ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން ”އިމިގްރޭޝަން ވޮޗް“ ގެ ނަމުގައި ޙިދުމަތެއް ތަޢާރަފްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަންއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ވޮޗް ތަޢާރަފްކޮށްދެއްވީ ކޮންޓްރޯލާރ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދުއެވެ.
އިމިގްރޭޝަން ވޮޗްއަކީ އާންމުންނަށް އިމިގްރޭޝަންއަށް ފަސޭހައިން މައްސަލަތައް ހުށަހެޅުމަށް ފަސޭހަވާނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ.
އިމިގްރޭޝަން ވޮޗް އިފްތިތާހްކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝައްމާން ވިދާޅުވީ މި ޕްލެޓްފޯމް މެދުވެރިކޮށް އާންމުނަށް ޤަވަޢިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ފަސޭހަކަމާއި އެކު އިމިގްރޭޝަންއާއި ހިއްސާކުރެވޭނެކަމަށެވެ. އަދި މި ޕްލެޓްފޯމްއިން ރާއްޖެއަށް ޤަވައިދާއި ހިލާފަށް އެތެރެވާނެ މަސައްކަތްކުރާ ބިދޭސީއެއްގެ މަޢުލޫމާތު ލިބިފައިވާނަމަ މި މައްސަލަތައްވެސް ހުށަހެޅިދާނެކަމަށް ވިދާޅުވިއެވެ.
މި ޕްލެޓްފޯމް ބޭނުން ކުރާ ފަރާތްތަކުގެ އައިޑެންޓިޓީ އިމިގްރޭޝަނުން ހާމަނުކުރާނެކަމުގެ ޔަޤީންކަން އުިމިގްރޭޝަނުން އާންމުންނަށް ކަށަވަރުކޮށްދޭކަމަށްވެސް ޝައްމާން ވިދާޅުވިއެވެ.
މި ޕްލެޓްފޯމްގެ މެދުވެރިކޮށް 24 ގަޑިއިރު ރައްޔިތުންނަށް މައްސަލަތައް ރިޕޯޓްކުރެވޭނެކަމަށާއި، މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި އިމިގްރޭޝަންތަކުގައި ބޭނުންކުރަމުން އަންނަ ޕްލެޓްފޯމެއްކަމަށް ޝައްމާން މަޢުލޫމާތުދެއްވިއެވެ.

