ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ.
އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެޖެންޑާ ކޮށްފައިވާ ގޮތުގެމަތިން މެންބަރުންގެ މާލީ ބަޔާން ހުށަހަޅަން އޮންނަ މާއްދާއާ ގުޅޭ ގޮތުން މެންބަރުން މަޝްވަރާ ކުރެއްވިއެވެ. އަދި އެ މާއްދާއަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވާފައިވާ ލަފާ އިދާރީ މޭޒުން ވަނީ އިއްވާފައެވެ.
ފިލްޒާ ދެއްވި ލަފާގައި ބުނީ މަޖިލިސް އިންތިޚާބަށްފަހު މެންބަރުން ހުވާކުރާ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެތެރޭގައި އެ މެންބަރެއްގެ މިލްކިއްޔާތުގައި ހުރި މުދާ އަދި ފައިސާގެ މާލީ ބަޔާން އަމީންއާމަށް ހުށަހެޅުމަށެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދަށް އިސްލާހު ގެނައުމަށް ވެސް ލަފާ ދެއްވާފައިވެއެވެ.
ފިލްޒާ ދެއްވި ލަފާ އިއްވުމާއެކު ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ މިހާރު ގަވާއިދު އޮތް ގޮތުން އެހެން އޮތުމުން އޮޑިޓް ކުރަން ބަލާއިރު މަޖިލީހަށް އިންތިހާބުވާ މެންބަރެއްގެ އަތުގައި ހުރި އެއްޗަކާއި އެއް އަހަރު ފަހުން އޭނަ އަތުގައި ހުރި އެއްޗަކާ ދިމާ ނުވާ ކަމަށެވެ. އަދި ކައުންސެލް ޖެނެރަލް ހުށަހެޅި ގޮތަށް 90 ދުވަސް ތެރޭ ހުށަހެޅުމަކީ އެންމެ ނަޒާހަތް ގޮތް ކަމަށް އަޅުގަނޑު ގަބޫލު ކުރައްވާ ކަމަށް 18 ވަނަ މަޖިލީހުގައި ވެސް މެންބަރުކަން ކުރެއްވި އިބްރާހިމް ދީދީ ވިދާޅުވިއެވެ.
އެ ހުށަހެޅުމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ތާއީދު ކުރެއްވިއެވެ. އެކަން ފާސްކުރީ ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

