އިންފްރާސްޓްރަކްޗަރ ބަޖެޓުގެ ތެރެއިން އަންނަ އަހަރުން ފެށިގެން ދުއިސައްތަ މިލިއަން ރުފިޔާ އެކި ދާއިރާތަކުން ކިޔަވައިފައި ތިބި މީހުންނަށް، ސަރުކާރުގެ ތެރެއިން ރަނގަޅު ފެންވަރުގެ މުސާރައެއް ނުވަތަ ވަރަށް ބޮޑު މުސާރަ ލިބޭ ގޮތަށް ކަންތައްތައް ބައްޓަން ކުރުމަށްޓަކައި ކޮންމެ އަހަރަކު ވެސް ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި، ހައި އެޗީވާސް ސްކޮލާޝިޕްގެ ލިޔުން ހަވާލު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ރާއްޖޭގައި ހުރިހާ ކަމެއް ހުރީ އެންމެ ފުރިހަމައަކަށް ނޫން ކަމަށެވެ. އެއީ ގެދޮރުވެރިކަމުގެ ގޮތުން ބެލި ނަމަވެސް އަދި ވަޒީފާގެ ފުރުސަތަށް ބެލިކަމުގައި ވީނަމަވެސް ކަމަށް ރައީސް ވިދާޅުވިއެވެ.
އެއީ، ގެދޮރުވެރިކަމުގެ ގޮތުން ބެއްޔަސް، ތިޔައިގެ ތެރެއިން ގިނަ ކުދިން އުޅޭނީ، ވަރަށް ހާލުގައި، ކުއްޔަށް. ޑިއުޓީ ބަހައިގެން ނިދާ ގެތައްވެސް މަދެއްނޫން މާލޭގައި. އެކި ކުދިން، އެކި އާއިލާގެ އެކި މީހުން، ހޯދާ އާމްދަނީ ޕޫލްކޮށްގެން، ރެންޓް ދައްކައިގެން، ކުލި ދައްކައިގެން އުޅޭ ކުދިން މަދެއް ނުވާނެ. މިރޭ ތިޔަ ހޯދި މަތިވެރި ކާމިޔާބީ ހޯދުމުގައި، ވަރަށް ހާލުގައި ހޯމްވާރކް ހަދައި، ކިޔެވި ކުދިން މަދެއް ނުވާނެ. އެތައް ދަތި އުނދަގުލެއް ކަނޑައްތު ކުރި ކުދިން މަދެއް ނުވާނެ.
ގިނަ ކުދިން ކިޔަވައި ނިމިގެން ރާއްޖެ ނައިސް މަޑުކުރާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަބަބަކީ ރާއްޖެ އައިސް ހަމަޖެހިގެން އުޅެވޭނެ ގޮތެއް ނެތުން ކަމަށެވެ. އެހެންކަމުން އެންމެ އިސްކަމެއްދޭ ކަމަކަށް ގެދޮރުވެރިކަމުގައި އޮތް ދަތިކަން ރާއްޖެއިން ފިލުވައިލުމުގެ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަޒީފާގެ ފުރުޞަތުތަކަށް ބަލާއިރު، މިހާރު ކަނޑައަޅާފައިވާ ވަރަށް ގިނަ ދާއިރާތަކަކީ، ހަމައެކަނި ދިވެހިންނަށް ޚާއްޞަ ދާއިރާތަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެކި މަރުޙަލާތަކުން ގޮސް ކުރިއަށް އޮތް ދެތިން ހަތަރު އަހަރު، ގިނަވެގެން ފަސްވަރަކަށް އަހަރުގެ ތެރޭގައި ގިނަ ދާއިރާތައް ބަދަލުވެގެންދާނީ، ދިވެހިންނަށް ޚާއްޞަ، ދިވެހިން އެކަނި ވަޒީފާ އަދާކުރާ ދާއިރާތަކަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ހަމައެކަނި ފުރުޞަތު ލިބުމަކުން ކަން ނިމުނީ ނޫން ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މިއަދު ދަރިވަރުން ކިޔާނިންމާ އެނބުރި އައިސް މާބޮޑު އާމްދަނީއެއް ހޯދޭނެ ގޮތެއް ނެތް ކަމަށެވެ. މި ރާއްޖެ ތަރައްޤީކުރުމަށްޓަކައި، ސަރުކާރުން އެކިއެކި ދާއިރާތަކުން ކުރަން ނިންމާފައިވާ މަސައްކަތްތަކަށް އެކި ދާއިރާތަކުން ކިޔަވައިގެން ތިބި ދިވެހިން ބޭނުންވާ ކަމަށާ މިހާރު ވެސް ކިޔަވައިގެން އައިސް ތިބި އެތައް ބަޔަކު ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މި ހިންގާ އެއްވެސް ކަމެއްގައި ބައިވެރިވާން ބަލާއިރުގައި، އެކަށީގެންވާ އާމްދަނީއެއް ނުލިބޭ. އެހެންވީމާވެސް ރާއްޖެ ނައިސް އެތައް ކުދިންނެއް އެބަތިބޭ، ރާއްޖެއިން ބޭރުގައި މަޑުކޮށްގެން. އެކި ޤައުމުތަކުގައި އެބަ ތިބި. އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ. އެކަން ބަދަލުކުރުމަށްޓަކައި، ސަރުކާރުގެ ނިޒާމުގެ ތެރޭގައި، ޕްރައިވެޓް ސެކްޓަރގައި ލިބޭ މުސާރައާއި، އަދި އެއަށްވުރެވެސް ރަނގަޅު މުސާރައެއް ދިނުމަށް އަޅުގަނޑު ވާނީ ނިންމާފައި.
އެމަނިކުފާނު ވިދާޅުވީ އެކި ފަންނުތަކުން ކިޔަވާ ކުދިންނަށް، ސަރުކާރުގެ މަގާމުތައް، ރަނގަޅު ފެންވަރުގެ މުސާރަ ލިބޭ މަގާމުތައް ހަމަޖެއްސުމަށްޓަކައި، މި އަންނަ އަހަރުން ފެށިގެން ޢުމްރާނީ ތަރައްޤީއަށް ކުރާ ޚަރަދުން، އެއްބައި އިންސާނީ ތަރައްޤީއަށްޓަކައި ޚަރަދުކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަތީޖާއަކަށް ވާނީ، ޕްރައިވެޓް ސެކްޓަރުން ލިބޭ މުސާރައަށް ވުރެވެސް، ރަނގަޅު މުސާރައެއް ސަރުކާރަށް އައިސްގެން ގިނަ ދައިރާތަކުން ލިބުން ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެކި ދާއިރާތަކުން، އެކި ފަންނުތަކުން، ސަރުކާރުގެ
ރާއްޖޭގައި މިހާރު ޕްރައިވެޓް ސެކްޓަރގައި، އެކި ދާއިރާތަކުން ކިޔަވައިގެން ތިއްބެވި ބޭފުޅުންނަށް ވެސް އަންނަ އަހަރުން ފެށިގެން މި ފުރުޞަތުތައް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވައިގެން ތިބި ދިވެހިންނަށް ވެސް އަވަހަށް ރާއްޖެ އައުމަށް ވިސްނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

