ފަގީރުކަން ފަދަ ގޮންޖެހުންތަކުން ރައްޔިތުން ރައްކައުތެރިކުރުމުގައި ކައުންސިލުތަކުގެ މުހިންމު ދައުރެއް އޮންނަކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އދގެ އޮފީސް ފޯ ޑިސާސްޓާރ ރިސްކް ރިޑަކްޝަން އަދި ބައިވެރިން ގުޅިގެން ކުރިއަށް ގެންދާ މޫވްމެންޓެއްކަމަށްވާ ”މޭކިންގް ސިޓީސް ރިސިލިއަންޓް 2030 އިނިޝިއަޓިވް“ ގައި ސޮއިކުރެއްވުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ މަންޒަރުތައް މާލެ ސިޓީ ކައުންސިލުންވަނީ ސޯޝަލްމީޑިއާގައި އާންމުކޮށްފައެވެ.
ކައުންސިލުންވަނީ މިކަމާއި ގުޅިގެން މޭޔާރ ދައްކަވާފައިވާ ބައެއް މުހިންމު ވާހަކަތައް އެކްސް އެކައުންޓުން ހިއްސާކޮށްފައެވެ. އެގޮތުން ކައުންސިލުތަކަކީ ތަރައްގީ އާއި ފުރުސަތުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެ، ކުރިިމަތިވާ ދަތިއުނދަގޫތަކުން އަރައިގަތުމުގައި ރައްޔިތުން ފަގީރުކަން ފަދަ ހާލަތްތަކުން ރައްކައުތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރާ މުއައްސަސާއެއްކަމަށެވެ.
މޭޔާރ ވިދާޅުވީ ކައުންސިލުތަކަކީ މިންނެތް މަސައްކަތްތަކުން ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީތައް ހިމާޔަތްކޮށް އިހުތިސާސްގައި ހިމެނޭ ވެއްޓަކީ އެންމެންވެސް ޝާމިލުކުރެވިފައިވާ އަމާން ދުޅަަހެޔޮ ދެމެހެއްޓިވި ވެއްޓެއްކަން ކަށަވަރުކުރުމުގެ މަސައްކަތްތައްވެސް ކުރާ ތަނެއްކަމަށެވެ.
އާޒިމް ވިދާޅުވީ، ކްލައިމެޓް އެމެޖެންސީތަކާއި ޕެންޑެމިކްތައް ފަދަ ގޮންޖެހުންތައް ކުރިމަތިވަމުންދާއިރުއާއި އެހެނިހެން ދަތިތަކުގެ އަސަރުވެސް ދުނިޔެއަށް ކުރަމުންދާއިރު، ކައުންސިލުތަކުގެ ޒިންމާއަކީ ބަލަހައްޓަމުންދާ ވެށީގެ ރައްކައުތެރިކަމާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރުންކަމަށާއި އެ މަސައްކަތްތައް މިހާރު އިންތިހާއަށް މުހިންމުވެފައިވާކަމަށް ހިއްސާކުރެއްވިއެވެ.
މޭޔާރ ވިދާޅުވީ، އަމާން ދުޅެހެޔޮ ކުރިމަގެއް ބިނާކުރުމަށް ދެ ފަރާތުންވެސް ދޭ އަހައްމިޔު މި އިނިޝިއެޓިވް އިން ފެނިގެންދާކަމަށެވެ. އަދި މިއީ 10 އަހަރުގެ މުއްދަތަކަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށް މައުލޫމާތު ދެއްވިއިރު، މިއީ ކައުންސިލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދީ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ފަރުމާކުރެވިފައިވާ ތަފްސީލީ މަސައްކަތްތަކެއްކަމަށްވެސް ހިއްސާކުރެއްވިއެވެ.

