ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް އައްޔަނު ކުރެއްވީ ޅ. ހިންނަވަރު ސަންދުރަ، ފާޠިމަތު ދިޔާނާ އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ރައީސް ވަނީ ދިޔާނާއާ ހަވާލުކުރައްވާފައެވެ.
އެ މަގާމަށް ފާޠިމަތު ދިޔާނާ، ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ދިޔާނާ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައެވެ.
މީގެ ކުރިން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި ގ.އަތަ ޔޫސުފް މާނިޢު މުޙައްމަދު ، މިއަދު ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ބަދަލުކުރައްވާފައެވެ.

