ބަލްކު ޕްރޮކިއަރމެންޓު އުސޫލުން އަދި ގެނެވުނީ ހަތް ބޭހެއްކަމަށްވާއިރު އެއީވެސް ސީދާ ޔޫރަޕުގެ ބޭސްތަކެއްކަން ކަށަވަރުނުވާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ. ޑީޑީ)
އެމްޑީޕީގެ ހަރުގެ ޖަލްސާއެއްގައި ސަރުކާރުން ބޭހުގެ އަގު ދަށްކުރުމަށާއި ކޮންޓްރޯލް ކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ”ބަލްކް ޕްރޮކިއަރމެންޓް“ ސިޔާސަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ ޑީޑީ ވިދާޅުވީ، ސަރުކާރުންވަނީ ބަލްކުކޮށް ޔޫރަޕުން ބޭސް ގެންނަ ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީއަށް އަރުވާފައިކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ދާދި ފަހުން ހެލްތު މިނިސްޓްރީގައި ވަރަށް ބޮޑު ބައްދަލުވުމެއްވެސް ކުރިއަށް ގެންދިޔަކަމަށާއި މާލެ ސަރަހައްދުގައި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި ހޮސްޕިޓާ ކްލިނިކް ފަދަ ތަންތަނުގެ އިސްވެރިންވެސް އެތަނަށް ދިއުމަށް އަންގައިގެން ވަޑައިގެންނެވިކަމަަށެވެ.
ޑރ ޑީޑީ ވިދާޅުވީ، އޭނާއަށްވެސް އެ މަންޒަރު ބެއްލެވުމަށް ފުރުސަތު ލިބިވަޑައިގެންނެވިކަމަށެވެ. އެހެންނަމަވެސް އެވަރުން އޭނާއަށް ފޯނުކޮށްގެން ގެންދިއުމަށް މަސައްކަތްކުރަމުންދިޔަކަމަށްވުމުން އުޅެނީ ކިހާ ވަރެއްގެ ކަމެއް ދިމާވެގެންތޯވެސް ސުވާލު އުފެދުނުކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އިވެންޓުގައި އަޑުއިވިގެންދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔޫއެންޑީޕީއާއިއެކު އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ބެއްލެވުމުގެ ދަށުން ސޮއިކުރެވިފައި އޮތް ސިޔާސަތެއް ކަމަށެވެ. އެހެންނަމަވެސް އެ ސިޔާސަތު ތަންފީޒުކުރުމާއި ހިސާބަށް ޕީއެންސީއަށް ވާސިލުވެވުނީ އަދި ކިރިޔާކަމަށް ވިދާޅުވިއެވެ.
ޑީޑީ ވިދާޅުވީ، ސިޔާސަތު ތަންފީޒުކުރުމާއި ހިސާބަށް އައި އިރުވެސް ދޫކުރަން ލިސްޓުކުރެވުނީ އެންމެ 7 ބާވަތެއްގެ ބޭސްކަމަށާއި އެއީ ސީދާ ޔޫރަޕުގެ ބޭސްކަމެއް ކަށަވަރު ނުވާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ޔޫރަޕުގައިވެސް އިންޑިއާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި އުފައްދާ ބޭސްތައް ހުންނަކަމަށެވެ.
ޑީޑީ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ޔޫއެންޑީޕީއާއި އެކު އެއްބަސްވެފައިވާނީ އޭޝިއާ ނުވަތަ ޔޫރަޕުގައި ގެންގުޅޭ ބޭސް ގެނައުމަށް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެއްބަސްވެފައިވާނީ ސީދާ ޔޫރަޕުގައި އުފައްދާ ކޮލިޓީ ބޭސްތައް ރާއްޖެއަށް ގެނައުމަށްކަމަށާއި މިކަން އަދުގެ ސަރުކާރުންދަނީ އަމިއްލަ ކަމެއްގެ ގޮތުގައި ދެއްކުމަށްޓަކައި ރިބަން ފަށްކަނޑަައި ނޫސްތަކުގައި ހިއްސާކުރަމުންކަމަށް އަލިއެޅުއްވިއެވެ. އެހެންނަމަވެސް އަދި ސަރުކާރަށް ގެނެވުނީ އެންމެ 7 ބާވަތެއްގެ ބޭސްކަން ތަކުރާރުކުރެއްވިއެވެ.

