ރާއްޖޭގެ ހާރިޖީ މަސައްކަތްތަކުގެ ތެރެއިންވެސް ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރަމުންދާކަމަށް އެމްއެމްޕީއާރްސީގެ އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޑީ ޝީއުރީ ވިދާޅުވީ، މި ދުވަސްވަރަކީ ބަޖެޓުގެ ތާށިކަން ހުރި ދުވަސްވަރެއްކަމަށެވެ. އެހެން ނަމަވެސް ހާރިޖީ ވުޒާރާގެ ފަރާތުންވެސް މި ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މަސައްކަތްތަކުގައި އެހީތެރިކަން ލިބެމުންދާކަމަށްވުމުން ޝުކުރުވެރިވާކަމަށް ހިއްސާކުރެއްވިއެވެ.
ޝިއުރީ ވިދާޅުވީ، މީގެ ކުރިން ބޭރު ގައުމުތަކުގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީ ފަދަ ތަންތަނުން ކުރަމުންއައިސްފައިވަނީ ހަމައެކަަނި ޑިޕްލޮމެޓިކް މަސައްކަތްތަކެއް ނަމަވެސް މިހާރު އެ މަސައްކަތްތަކުގެ އިތުރުން ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދާނެކަމަށެވެ. އެހެންކަމުން އެމްއެމްޕީއާރްސީއިންވަނީ ރާއްޖޭގެ ހުރިހާ އެމްބެސަޑަރުންނާއި ބައްދަލުކޮށްފައިކަމަށާއި މަސައްކަތްތަކުގެ ތެރެއިން އެ ބޭފުޅުންގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޮންލައިންކޮށްވެސް އެމްބެސަޑަރުންނާއި ބައްދަލުކުރައްވާފައިވާކަމަށާއި، ބައެއް ބޭފުޅުން ވަރަށް ޕޮރޯއެކްޓިވް ކޮށް މި މަސައްކަތްތަކުުގައި އެއްބާރުލުން ދެއްވާކަމަށްވުމުން މިއީ ރާއްޖެއަށް ލިބިގެންދާ އިތުރު ފުރުސަތެއްކަމަށް ވިދާޅުވިއެވެ. ޝިއުރީ ވިދާޅުވީ، އެމްބަސަޑަރުން މެދުވެރިކޮށްގެން އެހެން ގައުމުތަކުގެ ޔުނިވާރިސީޓީތަކާއި ގުޅިގެން އޮފް ސީޒަންގައި އެކްސްޗޭންޖް ޕްރޮގްރާމްތައް ފަދަ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ސަރުކާރުން ވިސްނާކަމަށާއި އެމްބަސީތަކުގެ ފަރާތުން އެކަމުގައި އެއްބާރުލުން ލިބިގެންދާނެކަމުގެ ފެހި ސިގްނަލް ދީފައިވާކަމަށްވެސް ހާމަކުރެއްވިއެވެ.
ޝިއުރީ ވިދާޅުވީ، ސްޕޯޓްސް ޓުއަރިޒަމް ފަދަ އިތުރު ކަންކަންވެސް ހުރިކަމަށާއި ފިލްމް ޓުއަރިޒަމް ފަދަ ކަންކަންވެސް ރާއްޖޭގައި ކުރިއެރުވުމުގެ ވިސްނުން ގެންގުޅުއްވާކަން ހިއްސާކުރެއްވިއެވެ. އަދި ލަގްޝަރީ މާކެޓު ފުޅާކުރުމުގެ ގޮތުން ކުންފުނިތަކުގެ އިސްވެރިން ފަދަ މީހުންނާއި އެމްއެމްޕީއާރްސީއާއި ގުޅުވައިދިނުމުގެ މަސައްކަތްތައްވެސް ހާރިޖީ ވުޒާރާތަކުން ކުރަމުންދާކަމަށް މައުލޫމާތު ދެއްވިއެވެ.

