އަހަރުގެ މިހާތަނަށް 106 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާާތަކެތި އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކަސްޓަމްސް އިންޓެލިޖެންސްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ކަސްޓަމްސް މުހައްމަދު އަފްޒަލް ވިދާޅުވީ، ކަސްޓަމްސްއިން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން އަހަރުގެ މިހާތަނަށް 64.87 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
މަގުމަތީގެ އަގުން ބަލާނަމަ މީ ގާތްގަނޑަކަށް 106 މިލިއަން ދިވެހި ރުފިޔާގެ އަދަދެއް. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަށް ބަލާއިރު އެންމެ ގިނައިން އަތުލައިގަނެވިފަ މިވަނީ ކެނަބިސްގެ ބާވަތް. އެއީ 17.38 ކިލޯގްރާމްގެ ކެނަބިސް. ދެވަނައަށް އެންމެ ގިނަ ބާވަތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ހެރޮއިން. ފަސް ކޭސްއަކުން ޖުމްލަ 11.6 ކިލޯގްރާމް މަސްތުވާތަކެތި އަތުލައިގަނެވިފައިވޭ،
އަފްޒަލް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގްރޫޕްތަކުން ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމުތައް ކަމަށްވާ މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކަ އެ ގްރޫޕްތަކުގެ މީހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެހެން ކަމުން މަސްތުވާތަކެތި ރާއްޖެއަށް ފޮނުވުމުގަ މިދަފަ ގްރޫޕްތަކުން އާންމުކޮށް ދިވެހިން ގޮސްއުޅޭ ގައުމުތަކުގައި ހަރަކާތްތެރިވަމުން ދިއުމާގުޅިގެން ދިވެހިން އާންމުކޮށް ދަތުރުކޮށް އުޅޭއިރުގަ ވަރަށް ބޮޑަށް އެކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މީހުންދޭ ގޮތް ނޭންގޭ ތަކެއްޗާ ހަވާލުނުވުމަށް ވެސް އަފްޒަލް އިލްތިމާސް ކުރެއްވިއެވެ. އަދި ހަވާލުވާ ހާލަތުގައި ވެސް އެއީ ކޮން އެއްޗެއްކަން އެނގުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ނާކޮޓިކްސް ކޮންޓްރޯލްގެ އޮޕަރޭޝަންސް ހެޑް ޗީފް އިންސްޕެކްޓަރ އިބްރާހިމް އިމްރާން ވިދާޅުވީ ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރުމަށް މަސައްކަތް ކުރި 15 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. މިއީ ވައިގެ މަގުން މިހާ ބޮޑު އަދަދެއް އެތެރެ ކުރުމަށް މަސައްކަތް ކުރަނިކޮށް އަތުލައިގަތް ފުރަތަމަ ފަހެރު ކަމަށާ މީގެ ކުރިން ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ ކަނޑުމަގުން ކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

