ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީ ވޯޓިންގް ނިޒާމު ތައާރަފު ކުރަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އީ ވޯޓިންގްގެ ނިޒާމު ތައާރަފުކޮށް، ބައި އިލެކްޝަންތައް އީ ވޯޓިންގް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަހަލަ ގޮތަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ކޮމިޓީ މަރުހަލާގައި އިސްލާހު ކުރުމަށްފަހު ފާސްކުރުމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ގޮވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ކާށިދޫ ދާއިރާގެ މެމްބަރު މުމްތަޒިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހު ހުށަހަޅާފައި ވަނީ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ 50 ދުވަހުގެ ބަދަލުގައި އިންތިހާބު ބާއްވާނީ އެ ކައުންސިލެއްގެ ގޮނޑި ހުސްވިކަން އަންގާތާ 183 ދުވަހުގެ ތެރޭގައިކަމަށް ކަނޑައެޅުމަށެވެ. އެގޮތުން ލޯކަލް ކައުންސިލްގެ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ލޯކަލް ކައުންސިލްތަކުގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންތައް ބާއްވަން ވާނީ، އަހަރަކު ދެފަހަރުކަމަށް ކަނޑައެޅުން ހިމެނެއެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ މި ބިލަކީ ކައުންސިލް އިންތިޚާބުތަކުގެ ބައި އިލެކްޝަންތައް އަވަސް އަވަހަށް ބާއްވަން ޖެހިގެން އެއަށް ކުރަންޖެހޭ ޚަރަދު ބޮޑުވެގެންދާތީ އެ ޚަރަދު ފޫބެއްދުމުގެ ގޮތަށް ނުވަތަ އެ އިންތިޚާބުތައް އަހަރަކު ދެފަހަރު ބޭއްވޭ ގޮތަށް ބަދަލު ގެނައުމަށް ހުށަހެޅިފައިވާ އިސްލާހެއް ކަމަށެވެ.

މެމްބަރު ވިދާޅުވީ މިއަދުގެ މި ޓެކްނޮލޮޖީގެ ޒަމާނުގައި ރާއްޖޭގައި މިހާރު ބައި އިލެކްޝަންތައ ބާއްވާހެންް ކޮންމެހެން ވޯޓު ފޮށިތައް ބަހައްޓައިގެން ވަރަށް އުނދަގޫ ގޮތަކަށް އެކަން ކުރަން ޖެހުން އެއީ މި މައްސަލަ މިގޮތަށް މެދުވެރިވާ އެއް ސަބަބު ކަމަށެވެ. އޭގެ ބަދަލުގައި ޓެކްނޮލޮޖީގެ ބޭނުން ހިފާ، އީ ވޯޓިންގެ ނިޒާމް ތައާރަފުކޮށް، އިންތިޚާބުތަކުގައި ވޯޓު ލެވޭނަމަ މި އިންތިޚާބުތަކަށް ކުރަން ޖެހޭ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ބައި އިލެކްޝަންތަކުގައި ރައްޔިތުން ވޯޓުލާ މިންވަރު އިންތިހާއަށް މަދުކަން. އެހެން ނަމަވެސް ސަރުކާރަށް އެބަ މަޖުބޫރުވޭ  ކޮންމެ ގޮތެއް ހަދާފަވެސް އެ އިންތިޚާބެއް ވިން ކުރަން. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ މި އިންތިޚާބު ކާމިޔާބު ކުރަން އެބަޖެހެޔޭ ރައްޔިތުންގެ ތާއީދު އޮތް މިންވަރު ދައްކާލަން. އެހެންވީމާ މި ޖެހިނީ ލާރިއަޅައިންނާ އެގޮތް މިގޮތުން ކޮންމެހެން ވެސް އިންތިޚާބު ވިން ކުރަން. އެހެންވީމަ ސަރުކާރަށް ކުރަންޖެހޭ ޚަރަދު މިވަނީ ބޮޑު،

އޭނާ ވިދާޅުވީ މިއަދުގެ ޒުވާނުން ޚާއްސަކޮށް ޖެންޒީ އެއްގޮތަކަށް ވެސް ވޯޓުލާން ނިކުންނަން ޝައުގު ނުހުންނަ ކަމަށެވެ. އެހެންކަމުން މި ޑިމޮކްރެޓިކް ޕްރޮސެސް ޕްރެކްޓިސް ކުރުމުގެ ބަދަލުގައި މިގައުމުން އިހުތިޔާރު ކުރާ މަަގަކީ އިންތިޚާބުތައް ނުބޭއްވުން ކަމުގައި ވާނަމަ އެއީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

މިއަދު ޓެކްނިލޮޖީއާ ގުޅުންހުރި ގާނޫނުތައް ތައާރަފު ކުރެވި ރައްޔިތުންގެ މަޖިލީހުގަ ޓެކްނޮލޮޖީ އާ ގުޅުންހުރި ޚާއްސަ ކޮމިޓީތައް ވެސް އެކުލަވާލުމުގެ އިތުރުން މިހާރު ފާސްކުރެވެމުންދާ ކޮންމެ ގާނޫނަކަށް ފަހުގެ ޓެކްނޮލޮޖީއާ ގުޅުންހުރި މާއްދާތައް އިތުރުކުރަމުންދާ ދަނޑިވަޅެއްގައި އިލެކްޝަންސް ނުބޭއްވުން އެއީ ޚަރަދު ބޮޑު ކަމަކަށްވެގެން ނުބޭއްވުން އެއީ މިއަދުގެ މި 21 ވަނަ ގަރުނުގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ޚާއްސަކޮށް ރައީސް މުއިއްޒު ގެންގުޅުއްވާ ވަކިން ޚާއްސަ ބާރު ސްޕީޑުގައި މިކަންކަން ކުރިއަށްގެންދަން ބޭނުންކަމުގައި ވާނަމަ އަޅުގަނޑަށް ފެންނަނީ މިފަދަ އިސްލާހުތައް މަޖިލީހަށް އެއްވެސް ވަރަކަށް ނުގެންނަން. ނުގެނެސް، މި ދެންނެވި ގޮތަށް މިކަންކަން ބަދަލުކުރަން. މިނިވަން މުއައްސަސާތައް ހަވާލުކޮށްފަ ތިބޭ ފަރާތްތައް ނާގާބިލްވުން އެއީ އަޅުގަނޑުމެންގެ ޑިމޮކްރެޓިކް ޕްރެކްޓިސް ކުރުމަށް އޮތް ހުރަހަކަށް އެއްގޮތަކަށް ވެސް ހައްދަވައިގެން ނުވާނެ. މިދުވަސްކޮޅު މި ޒާތްޒާތުގެ ވާހަގަ މިނިވަން މުއައްސަސާތަކުގެ މެންބަރުން ދައްކަވާނެ. އެއީ މަގާމުގެ ދިފާއުގަ. ދިވެހިރާއްޖޭގަ ވަކި ޚާއްސަކޮށް ބައި އިލެކްޝަންތައް އެއީ ކުދިކުދި އިންތިޚާބުތަކެއް.

މައުރޫފް ވިދާޅުވީ ބައި އިލެކްޝަންތައް އެއީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އީ ވޯޓިންސް މެދުވެރިކޮށް ފައްޓަން ރަނގަޅު ކަމެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ ގިނަ ގައުމުތަކެެއްގަ ޕްރެކްޓިސް ކުރަމުންދާ ކަމެއް ކަމަށާ އެހެންކަމުން ޚަރަދު ބޮޑު ކަމަށް ބުނެ މިގައުމުގެ ޑިމޮކްރެޓިކް ޕްރޮސެސް އެއްކޮށް ނައްތާލުން އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: