އެމްޑީޕީ ސަރުކާރުން ބިންވެެރިޔާ ސްކީމުގެ ފްލެޓުތައް ލިބުނު ފަރާތްތަކަށް ލިޔުން ނުދިންނަމަ މިއަދު އެ ފްލެޓުތަކާ ދީފައިވާ ބިންތައް އޭގެ ހައްގުވެރިންގެ އަތުން އަތުލައި، މި ސަރުކާރުން ބޭނުން ބަޔަކަށް ބަހާ ނިންމާލީސް ކަމަށް މާލެ ސިޓީގެ މޭޔަރު އަދި އެމްޑީޕީގެ މާލެ ސިޓީގެ ރައީސް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ވެރިކަން ލިބުމަކީ ސަޅިކަނޑަން ލިބޭ ފުރުސަތެއް ބާއޭ މިހާރު ހިތަށް އަރާ ކަމަށެވެ. އަދި މި ސަރުކާރުން ކުރާ ކަމަކީ އެއީ ކަމަށާ ނުވަ މަސް ވީއިރުވެސް މި ސަރުކާރަށް ’ކެނޑުނީ ހުސް ސަޅި‘ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާ ނުވަ މަސްވީއިރު ވެސް އެކަމަށް އެއްވެސް ހައްލެއް ގެނަސް ނުދެވުނު ކަމަށެވެ.
ބިން ހިއްކާފަ ދިނީމަ ބިމުން އެ ކަނޑާފަ ނުދެވުނު ނުވަ މަސް ވީއިރުގަ. އަޅުގަނޑުމެން ސަރުކާރު ލަސް ވާހަކަ ދެއްކި މީހުންނަށް ބިން ހިއްކާފަ ދިނީމަ ބިން ނުދެވުމަކީ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑުމެން ހުރިހާ ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް. އަދި އިމާރާތްތައް އަޅާފަ، ފްލެޓު ދޭން ބުނީމަ 4،000 މީހުންނަށް ފްލެޓު ނުދީ މަގުމަތިކޮށް އެތިބީ ބައިތިއްބާފަ. މިއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ މައްސަލައެއް.
އާޒިމް ވިދާޅުވީ މިއަދު އެއްވެސް މީހެއްގެ އަތުން ބިމާ ފްލެޓް އަތުނުލެވިގެން އުޅޭ މައިގަނޑު ސަބަބަކީ އެމްޑީޕީ ސަރުކާރުން ވިސްނުންތެރިކަމާ ހިކުމަތްތެރިކަމާ އެކު އެ ތަންތަނުގެ ހައްގުވެރިންނަށް ސަރުކާރުގެ ލިޔުން ދިނުމުގެ ސަބަބުން ކަމަށެވެ. އަދި އެކަން ރައްޔިތުން މިހާރު ގަބޫލުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެމްޑީޕީން ވައުދުވި ހުރިހާ ކަމެއް ފަހު ދުވަހު ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީން ވައުދުވީ ރަށްތައް ތަރައްގީ ކުރަން. އެމްޑީޕީން ވައުދުވީ މާލޭ ރައްޔިތުންނަށް ގޯތި ދޭން. ފުރަތަމަ ދުވަހު ދިނުމެކޭ ފަހު ދުވަހު ދިނުމެކޭ އަޅުގަނޑު ދެކޭ ގޮތުގަ ތަފާތެއް ނެތް. އެމްޑީޕީ ސަރުކާރު ފަސް އަހަރު ނިމުނު އިރުގަ ވައުދު ފުއްދާ ރަނުން ރަނަށް ވައުދުފުއްދާފަ އޮންނަން ވާނީ. މާލޭގެ ތައްޔިތުންނަށް ގޯތި ދީފަ އޮންނާނީ. ކަނޑުން ވިޔަސް އެހެންތަނަކުން ވިޔަސް ގޯތި ދީފަ އޮންނާނީ. ދެން ހިއްކާފަ ނިންމާފަ އޮތީ ދިނުން. އެތަންތަން ތަރައްގީކުރުން. ދެވަނަ ދައުރަކަށް ނިންމާފަ އޮންނާނީ.
އާޒިމް ވިދާޅުވީ އެމްޑީޕީން މިއަދު ބޯހިޔާވަހިކަމުގެ މައްސަލައިގައި މަޑުން ނުތިބެ އަޑުއުފުލަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ތެދުވެ، ރައްޔިތުންނަށް ހައްގުވާ ފްލެޓާ ބިން ހޯދައިދީ ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ. އެކަމުުގައި އެމްޑީޕީގެ ހުރިހާ މެންބަރުން ބައިވެރިވުމަށް ވެސް އާޒިމް އެދިވަޑައިގަތެވެ.

