އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ފުރައްސާރަކޮށް ފަތުރަމުން ގެންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށާ އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް ޕީއެންސީން ބުނެފިއެވެ.
ޕީއެންސީން އެކަން ކުށްވެރިކޯށް ނެރުނު ބަޔާނެއްގައި ބުނީ ޝަހީމްގެ އަބުރު ނަގާލުމުގެ ބޭނުމުގައި ސޯޝަލް މީޑިއާގެ އިތުރުން ބައެއް މީޑިއާތަކުން ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ދައްކަމުން ދާ ކަމަށެވެ. އަދި ޑރ. ޝަހީމަކީ މުޅި އިސްލާމީ ދުނިޔޭގައި ވެސް ނަން ހިނގާ، މަޝްހޫރު އަދި އިސްލާމީ ދައުލަތްތަކުން އެމަނިކުފާނުގެ ޚިދުމަތުގެ އަގުވަޒަން ކުރަމުން ގެންދާ ޚުލްގުހެޔޮ ދީނީ ލީޑަރެއް ކަމަށެވެ.
މިނިސްޓަރު ޝަހީމް އެ މަގާމުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދީނީ ސިޔާސަތުތައް ކުރިއެރުވުމުގައި ސާބިތުކަމާއެކު ކުރައްވާ މަސައްކަތަށް އެ ކޯލިޝަނުން ފަޚުރުވެރިވާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ބަޔާނުގައި ވަނީ ރައީސްގެ މެނިފެސްޓޯގައި އިސްލާމިކް މިނިސްޓްރީއާ ގުޅުންހުރި އެންމެހާ ކަންކަން ކުރެއްވުމުގައި ޑރ. ޝަހީމް ކާމިޔާބު ހޯއްދަވަމުން ދާކަމަށް ބުނެ އެކަން ފާހަގަކޮށްފައެވެ.
އޭގެ އިތުރުން ބަޔާނުގައި ބުނީ ޝަހީމަކީ ގުރުއާން ހިތު ދަސް ދީނީ ލީޑަރެއް ކަމަށާ، މިނިސްޓަރަށް ފުރައްސާކޮށް ހަގީގަތާ ޚިލާފު ދޮގު އިލްޒާމުތަކުން ފަސްޖެހިވަޑައިނުގަންނަވާނެ ބޭފުޅެއް ކަމަށެވެ. އަދި އެއީ ދީނީ އިލްމު ދެނެވަޑައިގެން ހުންނެވި އަޒުމް ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށާ އެހެންކަމުން މިނިސްޓަރު ޝަހީމްގެ އަބުރު ކަތިލުމުގެ ބޭނުމުގައި ބަޔަކު ކުރަމުން ގެންދާ ހަޑި މުޑުދާރު އަދި ނާތަހުޒީބު ކަންކަން މީހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
ޑރ. ޝަހީމްގެ އަގުވައްޓާލުމަށްޓަކައި ދައުރުކުރި އެޑިޓް ކޮށްފައިވާ ވީޑިއޯ އާންމު ކުރުމާއެކު ގިނަ ބަޔަކު ވަނީ ޝަހީމްގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އެ އަމަލު ކުށްވެރި ކުރައްވާފައެވެ.

