ރާއްޖެ އާއި އިންޑިއާ އެކު އޮތް ޕާޓްނަރޝިޕް ވަރުގަދަވަމުންދާއިރު ސަލާމަތާއި ތަރައްގީ އަދި ދެ ގައުމުގެ ސަގާފަތް ބަދަލުކުރުމުގައާއި އެއްބާރުލުން ދިނުމުގައި ދެ ގައުމު އިތުރަށް ގާތް ވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިންމައި، އެ މަޝްރޫޢުތައް ރަސްމީކޮށް ލަވާލުކޮށްދެއްވުމަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ވަޑައިގަތުމަކީ ލިބުނު އުފަލެއްކަމަށެވެ. އެހެންކަމުން އިންޑިއާ ސަރުކާރާއި އަދި ހާއްސަކޮށް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރުއަދާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކަކީ ދެ ގައުމުގައި އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމަށެވެ. މި މަޝްރޫއުތަކުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފައިދާތަކެއް ލިބެމުން އަންނަ ކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އިޖުތިމާއީ އެކި ކަހަލަ މަޝްރޫއުތައް ހިންގުމަށް އިންޑިއާގެ ސަރުކާރުގެ އެހީތެރިކަން އަބަދުވެސް ލިބޭކަން ފާހަގަކުރައްވައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރެ މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

