ހުޅުމާލެ ޑިވެލޮޕްމެންޓު ޕްލޭންގެ ތެރެއިން 4000 ޕާކިންގް ސްލޮޓު އުފެއްދާނެކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ ސްލޮޓުތަކުގެ ޕްރީސޭލް މަސައްކަތްތައްވެސް ކުރިއަށް ގެންދާނެކަމަށް އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި އުޅަނދުތައް ގިނަވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކް އަދި ޕާކިން މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޑީ ފަޒުލް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހުޅުމާލެ ސަރަހައްދުން ޕާކު ކުރުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި އިއުލާންކުރައްވާނެކަމަށެވެ.
ފަޒުލް ވިދާޅުވީ، ކުލިދައްކާ އުސޫލުން ޕާކިންގް ބޭނުންވާ ފަރާތްތަކަށް އެ މަގުފަހިކުރާނެކަމަށާއި އެއީ މަގުގެ އެތެރޭގައި ހުންނަ ތަންތަން ކަމަށް ފާހަގަކުރެއްވިއެވެ. ފަޒުލް ވިދާޅުވީ، މަގުތެރޭގައި ހުންނަ ޕާކިންގް ސްލޮޓުތަކެއްވެސް ވިސިޓަރުންނަށް އެލޮކޭޓްކުރާނެކަމަށާއި އަގު ދައްކާ ގޮތަށާއި ނުދައްކާ ގޮތަށް ތަފާތު އެކި މޮޑެލްތަކުގެ މައްޗަށް މި ފުރުސަތު ފަހިކޮށްދޭނެކަމަށްވެސް ހިއްސާކުރެއްވިއެވެ.
ފަޒުލް ވިދާޅުވީ، ހުޅުމާލެ ޑިވެލޮޕްމެންޓް ޕްލޭންގެ ތެރެއިން 15 ވަރަކަށް ޕާކިންގް ބިލްޑިންގް ބިނާކުރުމަށްވެސް ސަރުކާރުން އިއުލާނުކުރާނެކަމަށާއި މިކަންކަމުގެ ސަބަބުން ގާތްގަނޑަކަށް 4000 ޕާކިންގް ފުރުސަތު ފަހިވެގެންދާނެކަމަށް މައުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވީ، ޕާކިންގް ބިލްޑިންގްތަކާއިއެކު އުފެދިގެންދާ 4000 ޖާގައިގެ ސަބަބުން ރައްޔިތުން ބޭނުންކުރާ އުޅަނދުތައް ”ނިދަން ވައްދާނެ“ ތަނެއް ލިބިގެންދާކަމަށާއި ޕާކުކޮށްފައި ދާއިމީކޮށް ބޭއްވޭނެ ތަނެއް އިންތިޒާމުވެގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.
ފަޒުލް ވިދާޅުވީ މި ޕްރޮޖެކްޓަކީ ކުރިއަށް އޮތްތާނގައި ވިޔަފާރި އުސޫލުން ކުރިއަށް ގެންދާނެ މަސައްކަތްތަކެއްކަމަށާއި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެކަން ވެސް އިއުލާނުކުރައްވާނެކަމަށާއި ޕްރީސޭލްގެ މަސައްކަތްތައްވެސް ވަރަށް އަވަހަށް ފައްޓަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

