އަރބަން ސަރަހައްދުތަކުގެ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މަސްޓަރ ޕްލޭން ތައްޔާރުކޮށް، އެފަދަ ތަންތަން ތަރައްގީ ކުރުމުގެ ހުއްދަ ދިނުމާ އެ މަސައްކަތް ވިލަރެސްކުރުމަށްޓަކައި އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަން ޖެހޭ ގޮތަށް އަރބަން ޑިވެލޮޕްމަންޓުގެ ބިލުގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ވިލިނގިލީގެ ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒް ހުށަހެޅުއްވި ބިލުގައި ބުނީ ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި އަރބަން ސަރަހައްދުތައް ކަނޑައެޅުމާ އެފަދަ ތަންތަން ތަރައްގީކުރުމާ ގުޅޭ ކަންކަން ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމު ކުރުން ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި އެ ސަރަހައްދުތަކާ ޒޯންތައް އަދި ގިންތިތަކާ ބިމުގެ ބޭނުން ކަނޑައެޅުން ކަމަށެވެ.
ބިލު ހުށަހެޅުމުގެ އިތުރު ބޭނުންމެއް ކަމުގައި ބުނީ އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާ އަރބަން ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނިޓަރކޮށް ފިޔަވަޅުއެޅުމާ ބެހޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ.
ބިލުގައި ބުނީ މި ގާނޫނުގެ ދަށުން އަރބަން ސަރަހައްދުތައް ކަނޑައެޅުމާ، އަރބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި އެ ސަރަހައްދުތައް ކަނޑައެޅުމާ އެ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާ އާންމު ކުރަން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން އަރބަން ސަރަހައްދުތައް ކަނޑައެޅުމުގައި އެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ބިމެއް ވަކިވަކި ޒޯންތަކަށް ބަހާލައި އެއިން ކޮންމެ ޒޯނެއްގެ ބޭނުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ޒޯންތައް ވަކި ބޭނުންތަކަށް ޚާއްސަ ކުރެވިދާނެ ކަމަށް ވެސް ބިލުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ދިރިއުޅުމުގެ ބޭނުމަށް ޚާއްސަ ކުރެވޭ ޒޯނާ، ވިޔަފާރީގެ ބޭނުމަށް ޒޯން ޚާއްސަ ކުރުމާ، ސިނާއީ ބޭނުމަށް، ދަނޑުވެރިކަމުގެ ބޭނުމަށް، މުނިފޫހިފިލުވުމުގެ ބޭނުމަށް ޒޯން ޚާއްސަ ކުރުމުގެ އިތުރުން މިކްސްޑް ޔޫސް އަދި ރައްކާތެރިކަމާ ޚާއްސަ ބޭނުންތަކަށް ވެސް ޒޯންތައް ޚާއްސަ ކުރެވިދާނެ ކަމަށް ބިލުގައި ވެއެވެ.
ބިލުގައި ބުނީ ކޮންމެ އަރބަން ސަރަހައްދަކަށް އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓާ ޕްލޭނެއް އެކުލަވާލަންޖެހޭނެ ކަމަށެވެ. އަދި އެ ޕްލޭން އެކުލަވާލާނީ އޮތޯރިޓީން ކަމަށް ވެސް ބިލުގައި ފާހަގަކޮށްފައިވެއެވެ.

