އާބަން ޑިވެލޮޕްމަންޓުގެ ބިލާމެދު ސުވާލު އުފެދޭ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ފަށާފައިވާއިރު ބިލަށް ބަހުސްކުރައްވަމުން މެންބަރު ވިދާޅުވީ މިދަފަ ބިލެއް ހުށަހަޅާއިރު ސިޔާސަތަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށެވެ. މާލެއާ ވިލިނގިލި ހުޅުމާލެ އަދި ގުޅީފަޅާ ގިރާވަރުފަޅުގެ އިތުރުން ފުށި ދިއްގަރުފަޅު ހިއްކުމުން ރާއްޖޭގެ އެންމެނަށް ދިރިއުޅެވޭނެ ކަމަށާ އެހެން ކަމުން އެންމެން މާލެ ޖަމާކުރަން ނިންމާފައިވާއިރު އާބަން ސިޓީގެ ބޭނުމަކީ ކޮބައިތޯ މެންބަރު ސުވާލު އުފެއްދެވިއެވެ.
މާލެއާ ވިލިނގިއްޔާ ހުޅުމާލެ ފޭސް އެކެއް ދޭއް ތިނެއް ހަތަރެއް، ގުޅީފަޅު، ގިރާވަރުފަޅު އަދި ނުވިތާކަށް ފުށިދިއްގަރު ފަޅު ހިއްކީމާ ރާއްޖޭގެ އެންމެނަށް ދިރިއުޅެވޭ. އެހެންވީމަ މާލެއަށް ޖަމާކުރާ ވާހަކަ އެއްކޮޅުން ދައްކާ އެގޮތަށް ޕްލޭން ހަދާ އަދި އިތުރަށް 85،000 ފްލެޓު އަޅާފަ އެތަނަށް މީހުން ގެނެސްފަ ދެން ކޮން އާބަން ސިޓީތަކެއް ހަދާ ވާހަކަތޯ މި ދައްކަނީ،
ކީއްކުރަން އަޅާ 85،000 ފްލެޓެއް ތޯ އެއީ މާލެ ސަރަހައްދުގަ. އެ ފްލެޓާ މި ބިލާ އެއްވެސް ގުޅުމެއް ވޭތޯ. އެހެންވީމާ އަޅުގަނޑު ހަމަ ހިސާބު ޖަހާއިރުގަ އަޅުގަނޑު ކުރިން މި ކީ ތަންތަނަށް އެއްކޮށްލީމަ ރާއްޖޭގެ އެންމެނަށް މިތާ އުޅެވޭ. އެހެންވީމަ އާބަން ސިޓީތަކުގެ ބިލާމެދު ސުވާޅު އުފެދޭ. ކުރެވޭ މަސައްކަތާ ދައްކާ ވާހަކައާ ދިމާ ނުވޭ،
ޣަފޫރު ވިދާޅުވީ ވާހަކައެއް ދައްކަން ޖެހޭނީ ސިޔާސަތެއް އޮވެގެން ކަމަށެވެ. އަދި ކަންކަން ހިނގާނީ އޭރުން ކަމަށާ ފުށިދިއްގަރުފަޅު ހިއްކަން ބުނާ ބިމަކީ ހުޅުމާލޭގެ ހަތަރު ހުޅުމާލެ ކަމަށެވެ. އެހެންކަމުން މިކަމުން ދޭހަވަނީ ކުރަން އުޅޭ ކަންކަން ސަރުކާރަށް ވެސް ސާފުނުވާ ކަން ކަމަށް މެންބަރު ވިދާޅުވިއެވެ.
މިއަދު މިގައުމުގައި ސިޓީތަކެއް އޮތް ނަމަވެސް އެހެން ރަށްރަށެކޭ އެއްވެސް ތަފާތެއް ނެތްކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ ހޮސްޕިޓަލުތަކެއް ވެސް ރަށްރަށުގައި އަޅާފައިވާ ކަމަށެވެ. ނަމަވެސް އެތަންތަނަކީ ނަންބޯޑުން އެކަނި ހޮސްޕިޓަލުތަކެއް ކަމާ ލިބޭ އެއްވެސް ޚިދުމަތެއް ނެތް ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ރައްޔިތުން އެތިބީ ޚިދުމަތްތަކަށް ބޭނުންވެފަ. އެ ޚިދުމަތްތައް ފޯރުކޮށްދޭން އެބަޖެހޭ. އޭރުން ކަންކަން ހިނގައިދާނީ. މިއަދު އާބަން ސެންޓަރުތައް ތަރައްގީ ކުރާ ވާހަކަދައްކާއިރުގައި އަޅުގަނޑުމެންނަކަށް ނުދެއްކޭ ހަނިމާދޫ އެއާޕޯޓު އެޅުނީމަ އެތަނުގަ ޓޫރިޒަމް ތަރައްގީކުރާނެ ވާހަކައެއް. ބޮޑުކޮށް އެއާޕޯޓެއް ނިމޭއިރު މިހާރު އެ މަސައްކަތް ފެށޭ ހިސާބަށް މިދަނީ. ހަގީގަތުގަ ފެންނަން ހުރި މަންޒަރުގެ މައްޗަށް ބިނާކޮށް ކަންކަން ކުރަން އުޅޭ މަންޒަރު އަޅުގަނޑުމެންނަށް ނުފެންނަނީ. އާބަން ސެންޓަރެއް ހެދިޔަސް ވަޒީފާޔާ ތައުލީމާ ސިއްހީ ޚިދުމަތާ އެއްޗެހި ލިބިގެން ނޫނީ ރައްޔިތުން ދިރިއުޅޭކަށް އެތާކަށް ނުދާނެ. އެހެންވީމަ އަޅުގަނޑުމެން އެހެން ގައުމުތަކުގައި ލިޔެފަ އޮންނަ ބިލުތައް ގެނަސްގެން މިތަނުން ފާސްކުރީމަ އޭގެ ފޮނިމީރުކަން ރައްޔިތުންނަކަށް ނުލިބޭނެ.
ވޭތުވެ ދިޔަ ތާރީޚުގައި ވެސް ރަށްރަށުން މީހުން ބަދަލު ކުރި ނަމަވެސް އެމީހުން މިހާރު އުޅެނީ އަމިއްލަ ރަށުގައި އުޅުނު ހާލަށްވުރެ މާ ދަތިހާލުގައި ކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ދައުލަތަށް ދުވަހަކުވެސް ނުވަންނަ ވަރަށް ފައިސާ ވަންނަމުން ދާ ކަމަށާ އާމްދަނީ ވެސް އިތުރުވެގެންދާއިރު އެ ފައިސާއިން ކަންކަން ކުރަންޖެހޭ ކަމަށެވެ.

