ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިމެއް ތަރައްގީ ކުރެވޭނީ ހުއްދަ ހޯދުމަށްފަހު ކަމަށް ބުނާ ބިލު މަޖިލީހުން ފާސްކޮށްފި

ފުށިދިއްގަރުފަޅު ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު... ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އެއްވެސް ބިމެއް ތަރައްގީކުރެވޭނީ ބިން ތަރައްގީ ކުރުމުގެ ހުއްދަ ހޯދުމަށްފަހު ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެ ބިލުގެ ނަމުގައި ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ދިރާސާކުރި ގޮތުގެ ރިޕޯޓު މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ އިއްވާފައެެވެ. ކޮމިޓީން ނިންމީ ބަދަލެއް ނުގެނަސް، ބިލު އޮތްގޮތަށް ފާސްކުރުމަށެވެ.

އެ ރިޕޯޓު މިއަދުގެ ވޯޓުގެ ވަގުތުގައި ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އެ ބިލުގައި ބުނީ މި ބިލުގެ ބޭނުމަކީ ރާއްޖޭގައި ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމް ކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ރާއްޖޭގެ ބިމުގެ ބޭނުން ހިފޭނެ ގޮތަކަށް ބިނާވެށި ޕްލޭން ކުރުން ކަމަށެވެ. އަދި ބިނާވެށި ޕްލޭން ކުރުމާ ހިންގުމާ ބިނާވެށީގެ ޕްލޭންތަކާ އެއްގޮތްވާ ގޮތުގެމަތިން ބިން ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާ ތަރައްގީގެ މަސައްކަތްތައް މޮނިޓަރ ކޮށް ފިޔަވަޅު އަޅާނެ އުސޫލު ބަޔާން ކުރުން ކަމަށެވެ.

މި ބިލުގެ ހަތަރު ވަނަ ބާބުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި އެއްވެސް ބިމެއް ތަރައްގީކުރެވޭނީ ބިން ތަރައްގީ ކުރުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ. އެގޮތުން ސިޓީއެއް ނުވަތަ ރަށެއްގެ ބިމެއް ތަރައްގީ ކުރުމަށްޓަކައި ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ އެ ސިޓީއެއް ނުވަތަ ރަށެއް ނިސްބަތްވާ ކައުންސިލަށް ކަމަށް ބިލުގައިވެއެވެ.

ސިޓީ ނުވަތަ ރަށް ފިޔަވައި އެނޫން ސަރަހައްދުތަކުގެ ބިން ތަރައްގީކުރުމަށް ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ ކަމާގުޅޭ މިނިސްޓްރީއަށެވެ. ބިލުގައި ބުނީ ބިން ތަރައްގީކުރުމުގެ ހުއްދަ ދިނުމުގައި އެ ބިމުގައި ކުރުމަށް ހުށަހަޅާފައިވާ ތަރައްގީގެ މަސައްކަތް ކުރަން ރާވާފައިވަނީ އެ މަސައްކަތެއް ކުރުމާގުޅޭ ގޮތުން އަމަލުކުރެވޭ ކަމާބެހޭ ގާނޫނުތަކާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަން ކަށަވަރު ކުރަންވާނީ ހުއްދަ ދޭ ފަރާތުންނެވެ.

ބިލުގައި ވާގޮތުން ބިނާވެށި ޕްލޭން ކުރުމާ ހިންގުމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އޭގެތެރޭގައި ބިން ބޭނުންކޮށްގެން ތަރައްގީ ކުރާނެ ގޮތާ ގުޅޭ ގޮތުން މި ބިލު ގާނޫނަކަށް ވުމުން ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކާ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުން ހިމެނެއެވެ.

އޭގެ އިތުރުން ރާއްޖޭގައި ބިނާވެރި ޕްލޭން ކުރުމުގައި ހަރަކާތްތެރިވާ ޕްލޭނަރުން ރަޖިސްޓްރީކޮށް، އެ ފަރާތްތަކުގެ ދަފްތަރު ބެލެހެއްޓުމާ ޕްލޭނިން އިދާރާތަކަށް ފަންނީ އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެ އިދާރާތަކަށް ލަފާދިނުން ހިމެނެއެވެ. އަދި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ މީހުންނަށް ފިޔަވަޅު އެޅުމާއެކު ގާނޫނު ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކޮށް ކަމާގުޅޭ ތަފާސްހިސާބުތަކާ ރިޕޯޓުތައް އެކުލަވާލައި ޝާއިއުކުރުމަކީ ވެސް މިނިސްޓްރީގެ ޒިންމާއެެކެވެ.

ބިލުގައި ވަނީ، ރޭވުންތެރިކަމާއެކު ދެމެހެއްޓެނިވި އަދި ހެޔޮގޮތުގައި ރާއްޖޭގެ ބިން ތަރައްގީ ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ޕްލޭނިންގ އިދާރާތަކުން އެ އިދާރާއެއްގެ އިހުތިސާސް ހިނގާ ސަރަހައްދަކަށް ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. އޭގެ މައިގަނޑު މަގްސަދަކީ ވަކި ރަށެއް ނުވަތަ ސިޓީއެއް ނުވަތަ ސަރަހައްދެއްގެ ތަބީއީ ކުރިއެރުމާ ތަރައްގީ ދުރުރާސްތާގައި ޕްލޭން ކުރާނެ ގޮތުގެ އިރުޝާދު ފޯރުކޮށްދިނުން ކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިއީ އަނެއްކާވެސް ވަކި ބަޔަކަށް މަންފާ ތަކެއް ހޯދަން ހިންގާ ކަމެއް. 2 ބަޔަކު އެއްގޮތަކަށް ޕްލޭން ނަހަދާ އިރުގަ ކިހިނެއް ކަމެއް ރަނގަޅުވާނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: