ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށް ގޮވާލައި، ގާނޫނީ ވެރިކަމެއް ބަދަލު ކުރުމަށް ގޮވާލައި، ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރި މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަޙްޤީޤު މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ލިމިޓަށް އެ ބޭންކުން ގެނައި ބަދަލު އަލުން އަނބުރާ ގެންދިޔަ ނަމަވެސް އިދިކޮޅު އެމްޑީޕީ ދިޔައީ ސަރުކާރަށް ގިނަ ފާޑުކިއުން އަމާޒު ކުރަމުންނެވެ. މި ހާލަތުގައި މަގުމައްޗަށް ނިކުންނަން ޖެހޭކަމަށް ބުނެ އަޑުއުފުލައި، ހަމަޖެހުން ނަގާލުމަށް ހިތްވަރު ލިބޭ މޭރުމަކުން އެމްޑީޕީ ޕޯސްޓުކޮށްފައި ވެއެވެ.
މި މައްސަލައިގައި ފުލުހުން އާންމު ކުރި ބަޔާނުގައި ބުނީ ބޭންކުގެ އެ ނިންމުން އާންމު ކުރި ވަގުތާއި ދިމާކޮށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި ގިނަ ބޮޓުތަކެއް ބޭނުންކޮށްގެން ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުން ދިޔަކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ހަމަޖެހުން ނަގާލުމަށް ގޮވާލައި، ގާނޫނީ ވެރިކަމެއް ވައްޓާލަން ގޮވާލާފައި ވާތީ އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.
އެކަމުގެ އިތުރު މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނީ ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި، ހޯދަންޖެހޭ އެންމެހައި މަޢުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބޭންކުން ކުއްލިއަކަށް ނޯޓިސްއެއް އާންމު ކުރުމާއި ދިވެހި އެތައް ރައްޔިތުންނެއްގެ ދިރިއުޅުން ހުއްޓިގެން ދިޔައެވެ. އަދި މިއީ ސަރުކާރާއި އެކު ކުރަމުން ދިޔަ މަޝްވަރާތަކާއި، ލަފައާއި ހިލާފު ނިންމުމަކަށް ވާތީ އެކި ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.
އެ ނިންމުން ބީއެމްއެލް އަނބުރާ ގެންދިޔަ ނަމަވެސް، އިދިކޮޅު އެމްޑީޕީ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ސަރުކާރު ބަދަލު ކުރަން ހިތްވަރުދީ ވާހަކަ ދައްކާފައެވެ. އަދި ސޯޝަލް މީޑީއާގައި ދައުރު ކުރި ޕޯސްޓުތަކުގެ ތެރޭގައި ލަންކާއައި ބަންގްލަދޭޝްގެ ވެރިކަން ވައްޓާލައި ބޮޑުވަޒީރުގެ ގެކޮޅަށް ވަދެ އާންމުން އުޅުނު މަންޒަރު ފެންނަ ފޮޓޯތައް ދައުރު ކުރިއެވެ.
ބޭންކުގެ އެ ނިންމުމާއި އެކު އަވައްޓެރި ގައުމުތަކުގައި ސަރުކާރުތައް ވައްޓާލި ގޮތަށް މަގުމައްޗަށް ނިކުމެ ބަޣާވާތެއް ހިންގުމަށް ކުރި މަސައްކަތް ފެއިލްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މައްސަލަ ހިނގި ގޮތާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާއިރު، ބޭންކުގައި މިވަގުތު ތިބީ ސަރުކާރުގެ ހަތަރު ޑިރެކްޓަރުން ކަމަށެވެ. އަދި ދެން ތިއްބެވި ފަސް މެމްބަރުން ތިއްބެވިއިރު ބޭނުންވާ މެޖޯރިޓީއެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ފަރާތުން ދެ ނަމެއް ފޮނުވައިގެން އަދިވެސް ކުރިޔަށް ދެވޭ ގޮތެއް ވެފައި ނުވާކަމަށެވެ. އަދި ބީއެމްއެލްގެ ނިންމުން އާންމު ކުރި ވަގުތުން ފެށިގެން ކެބިނެޓު ބައްދަލުވުން ބާއްވައި ގިނަ މަޝްވަރާތަކެއްކޮށް އެންމެފަހުން ދިވެހިންނަށް ދަތިވާ ގޮތަށް އޮތް އެ އުސޫލު އަނބުރާ ގެންދިޔަކަމަށް ރައީސް ވިދާޅުވިއެވެ.

