އެމްޑީޕީގެ ވެރިކަމުގެ ކުރިންވެސް ދިވެހިރާއްޖޭގެ ސަރުކާރުން ފައިސާ ޗާޕުކުރިކަމަށާއި އެހެންނަމަވެސް އޭރު އެކަން ކުރީ ބަލައިގެން ކުރަންޖެހޭ ގޮތަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުލް ސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އަބްދުލް ސައްތާރު ވިދާޅުވީ، ފައިސާ ޗާޕުކުރާ ވާހަކަ ދެއްކުމުން އެކަން ކުރީ ރަނގަޅަށްކަމަށް އެމްޑީޕީއިން ބުނާކަމަށެވެ. އަދި އެކަން ކުރީ ވަރަށް ބަލައިގެންކަމަށާއި އެކަން ކޮށްފައިވަނީ ކުރަން ޖެހުމުންކަމަށްވެސް އެމްޑީޕީއިން މައުލޫމާތު ދީފައިވާކަމަށް އަލިއެޅުއްވިއެވެ. އެހެންނަމަވެސް ފައިސާ ޗާޕުކުރަންޖެހެނީ ވަކި ހާލަތްތަކެއް މެދުވެރިވެގެންކަން އިގްތިސާދީ މާހިރުންގެ ވާހަކަތަކުން އެނގޭކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގެ ކުރިންވެސް ފައިސާ ޗާޕުކުރިކަމަށާއި އެހެންނަމަވެސް އެކަން ކޮށްފައި ހުރީ އެ ވަގުތަށް ބޭނުންވާ މިންވަރަށް އިގްތިސާދަަށް އެންމެ އަސަރުކުޑަވާނެ ގޮތަށް ބަލައިގެންކަމަށް ވިދާޅުވިއެވެ.
އަބްދުލް ސައްތާރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ކޮވިޑްގެ ހާލަތާއި ގުޅުވައި ފައިސާ ޗާޕުކުރުމާއި އިގްތިސާދު ބެލެހެއްޓުމުގެ މަސައްކަތްތައް ކޮށްފައިވަނީ އުސޫލެއް ނެތި ދޯހަޅި ސިޔާސަތުތަކެއްގެ މައްޗަށް ބިނާކޮށްކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއިން އޮތީ މުޅި އިގްތިސާދު ފޫ އަޅުވާލާފައިކަމަށާއި އިގްތިސާދު އޮތް ގޮތް ފުށް ފުރޭންޏަކާއި އެއްފަދަކަމަށް ހިއްސާކުރެއްވިއެވެ.
އަބްދުލް ސައްތާރު ވިދާޅުވީ، އޭގެން ލީކުވަމުންދާކަމަށާއި މިހާ ހިސާބަށް އައިސްފައިވަނީ އެ ދަތިތައްކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއިން 8 ބިލިއަން ރުފިޔާ ޗާޕުކުރިކަމަށާއި އެތެރޭގެ ކުންފުނިތަކުގައި އެކަނިވެސް އިންތިހާއަށް ދަރަނީގެ އަދަދުތައް ބޮޑުވެފައިވާކަމަށެވެ. އަބްދުލް ސައްތާރު ވިދާޅުވީ ތަފާސް ހިސާބުތައް ފެންނަން ހުރިކަމަށާއި އާސަންދަ ކުންފުނީގައި އެކަނިވެސް 1.1 ބިލިއަންގެ ދަރަންޏެއް އުފެދިފައިވާކަމަށެވެ. އަދި ބިލުތައް ނުދައްކާ ގޮސް ފެނަކައިގެވެސް 4 ބިލިއަނަށްވުރެ އިތުރު އަދަދެއްގެ ދަރަނި ހުރިކަމަށާއި ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދައުރުން ފެށިގެން ފައިދާވަމުން އައި ކުންފުނިތައްވެސް އެއްކޮށް ގެއްލުންވެފައިވާކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ހުރިހާ ކަމެއް އެމްޑީޕީއިން އަޅުވަނީ ކޮވިޑްގައިކަމަށާއި އެހެންނަމަވެސް އޭރު ކޮވިޑް ދުވަސްވަރު ދުނިޔޭގެ ފެންވަރަށް ގައުމު މެނޭޖުކުރިކަމަށްވެސް ބުނަމުންދިޔަކަމަށް އިޝާރާތްކުރެއްވިއެވެ. އަދި ބައިވަރު ގައުމުތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަކަމުގެ ވާހަކަވެސް ދައްކަމުންދިޔަކަމަށެވެ. އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމާއި ފަތުރުވެރިން ގިނަ އަދަދަކަށް އައުމަކީވެސް ހަގީގަތްކަމަށެވެ. އެހެންނަމަވެސް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުންވަނީ މީގެ ކުރީ އެކި ދައުރުތަކުގެ މަތިންވެސް ނުނަގާ ވަރަށް ލޯނު ނަގާފައިކަމަށް ފާހަގަކުރެއްވިއެވެ.

