ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ ޢާއިލާތަކަށް ގޯނާ ކުރުމަކީ ފަލަޞްޠީނަށް ނަޞްރު ދިނުމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަމުންދިޔަ ޑރ. މުޙައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް ސަފީރަކަށް އުނދަގޫކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ފަދަ އަމަލުތަކެއް ހިންގުމުންގެ ތުހުމަތުގައި އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ.
އެކަމާ ގުޅިގެން މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ އެތައް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް، ރާއްޖޭން ފައިބަން ގޮވާލައި، އެ ސަފީރުގެ އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫން ކަމަށެވެ.
މި މައްސަލައިގައި ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަ ކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރުމުގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫ ކުރުމުގެ އަމަލުތަކެއް ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި ދެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި މި ދެމީހުންގެ މައްޗަށް ފުލުހުން ކުރަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތެވެ. އެމީހުން ހައްޔަރު ކުރީ އިއްޔެ މެންދުރު ފަހު 1:00 ހާއިރު މާލެއިންނެވެ.
ފުލުހުން ބުނީ މިފަދަ އަމަލުތަކާ ގުޅިގެން ޝާދިޔާ އާއި ޝަޒްރާއަށް އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރު މަތީން ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.

