ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ދިވެހިރާއްޖެއާ ޗައިނާއާ ދެމެދުވާ ވަރުގަދަ ގުޅުމުގެ ރަމްޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބްރިޖަށް ހަ އަހަރު ފުރުން ފާހަގަކޮށް އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބްރިޖަކީ ހަމައެކަނި ދެ ރަށް ގުޅުވާލަދޭ ބްރިޖެއް ނޫން ކަމަށެވެ. އަދި އެއީ ދެ ގައުމުގެ ވަރުގަދަ ގުޅުމާ އެއްގައުމު އަނެއް ގައުމަށް ކުރާ އިތުބާރު ދައްކުވައިދޭ އަލިގަދަ ހެތްކެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ވެސް މި ބްރިޖުގެ ފައިދާ ކުރާނެ ކަމަށާ އުއްމީދަކީ އެ ޖީލުތަކަށް ވެސް ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އެނގި، އެ ގުުޅުން އިތުރަށް ބަދަހިކޮށްދޭ މެދުވެރިއެއްގެ ގޮތުގައި ސިނަމާލެ ބްރިޖު އޮންނާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ފެށި އެ މަޝްރޫއު 2017 ވަނަ އަހަރާ ހަމައަށް ދިޔައިރު 35 ތަނބުގެ ތެރެއިން 22 ތަނބަށް ކޮންކްރީޓު އަޅާ ވަނީ ނިމިފައެވެ. އެއަށް ފަހު އަހަރު މެދާއި ހަމައަށް ދިޔައިރު ވީ އަކުރެއްގެ ސިފައިގައި އިންނަ ކެޕެއިން އެޅުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި އެ މަސައްކަތް ކުރިޔަށް ދިޔަ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް ފަހު، ބްރިޖު ގުޅުވާލައި 2018 ގެ ޖުލައި މަހުގެ ތެރޭގައި ވެސް ނޫސްވެރިންނަށް މަސައްކަތް ކުރިޔަށް ދާގޮތް ދައްކާލިއެވެ.
އޭރު ވެސް ރައީސް މުއިއްޒު ވިދާޅުވީ، ބްރިޖުގެ މަސައްކަތް ދަނީ ޝެޑިއުލް ކުރެވުނު މިންވަރަށް ވެސް ބާރު ސްޕީޑެއްގައިކަަމަށާއި، ބްރިޖު ވެގެން ދާނީ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާދާރަށް ކަމަށެވެ.
އޭގެ ފަހުން މިވީ ހަ އަހަރުގެ ތެރޭގައި ބްރިޖު ފާހަގަކުރެވުނީ ރާއްޖޭގެ ތަރީހުގައި ވެސް އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓަށެވެ. އޭރު އިދިކޮޅުގައި އޮވެ އެމްޑީޕީން ބުނަމުން ދިޔައީ ދައުރު ނިމޭއިރު ވެސް ބްރިޖުގެ މަސައްކަތް ނިންމާ ނުލެވޭނެކަމަށާއި، ޝެޑިއުލްއަށް މަސައްކަތް ކުރިޔަށް ވެސް ނުދާކަމަށެވެ.

