ސަރުކާރުގެ އަމަލުތައް ހުރިގޮތުން ރައްޔިތުންގެ ހައްގުތަކުން ފަހަރަކު ހައްގެއް ނިގުޅައިގަންނަމުންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިބްރާހިމް ވިދާޅުވީ، މިފަހުން އެންމެ މީޑިއާތަކަށް އަނިޔާވެރި ވެރިކަމެއްގެ ގޮތުގައި ފެނިގެންދިޔައީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަންކަމަށެވެ. އެގޮތުން އެ ދައުރުުގައި ރާއްޖެ ޓީވީ ރޯކޮށްލުމާއި އަބުރުގެ ގާނޫނު ވުޖޫދަށް ގެނައުން ހިމެނޭކަމަށާއި އެތައް ބަޔަކު އެތައް މިލިއަނަކުން ޖޫރިމަނާކުރިކަމަށެވެ. އެހެންނަމަވެސް އެ ހުރިހާ ކަމެއް ކުރި ސަރުކާރަކުން އެފަދަ ނުކުރާވަރަށާއި ނިމިދިޔަ ފަސް އަހަރުގައިވެސް މީޑިއާތަކުގެ ޝަކުވާ ނުކުރާ ވަރަށް 9 މަސް ދުވަހުގެ ތެރޭގައި މީޑިއާ ކައުންސިލަށް ރައީސް އޮފީހުން އެކަނިވެސް މައްސަލަތައް ހުށައަޅާފައިވާކަމަށެވެ.
އިބްރާހިމް ވިދާޅުވީ، ގިނަ މީޑިއާތައް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިކަމަށާއި އެހެންކަމުން އެ މައްސަލަތައް ހުށައެޅުމުގެ ބޭނުމަކީ މިނިވަންކަމާއިއެކު ހަރަކާތްތެރިވާ މަދު ނޫސްތަކެއްވެސް ހުއްޓުވާލުންކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް އޮފީހުން މީޑިއާ ކައުންސިލަށް ގިނަ އަދަދެއްގެ މައްސަލަތައް ހުށައަޅާފައިވުމުގެ އިތުރުން މީހުންގެ ފޯނުތައް އަތުލާފައިވާ މައްސަލަތައްވެސް ހުރިކަމަށް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ އިތުރު ގޮތްތަކާއިމެދުވެސް ވިސްނަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށާއި މިހާރު ދާ ގޮތުން ފަހަރަކު ހައްގެއް ނިގުޅައިގަންނަމުންދާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ދައުރުގައި ކައުންސިލުތަކުގެ އިހުތިސާސް ވަކިކޮށް އެ އިދާރާތަކަށް ދީފައިވާ ހުރިހާ ބާރެއް ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ އަތުލާފައިކަމަށާއި ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ މަންޒަރު ބަލަން ތިބެގެން ނުވާނެކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ، ދިވެހި ރައްޔިތުންވެސް ނުތިބޭނެކަމަށާއި، އެމްޑީޕީގެ މަސައްކަތަކުގައި ރައްޔިތުންގެ ގިނަ އަދަދެއް ބައިވެރިވާނެކަމުގެ ޔަގީންކަން އޮތްކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ހަރަކާތްތައް ދާނީ ދުވަހަކުން ދުވަހަކަށް ވަރުގަދަވަމުންކަމަށެވެ.

