ފެނަކައިގެ އައު ޗެއަރމަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ހަމަޖައްސައިފިއެވެ.
ފެނަކައިން އެ ކުންފުނީގެ ޗެއަރޕާސަންގެ މަގާމާއި ޝިމާދު ހަވާލުވެވަޑައިގަތުމަށް މަރުހަބާ ކިޔާ ތަހުނިޔާގެ މެސެޖެއް ޕޯސްޓުކޮށްފައެވެ.
އެ ކުންފުނިން ބުނެފައިވާގޮތުން ޝިމާދު ގެންގުޅުއްވާ ވަރުގަދަ ތަސައްވުރުގެ ދަށުންނާއި މަސައްކަތްތަކަށް ދެއްވާ އަހައްމިޔަތު މެދުވެރިކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް ފަހިވެގެންދާނެކަމަށެވެ.
ޝިމާދުގެ އިތުރުން އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން ވެސް ވަނީ ފެނަކައިގެ ބޯޑަށް އައްޔަންކޮށްފަ އެވެ.
އަންނަ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯގެ ދަށުން ފެނަކަ ކުންފުނިން ހިންގަން ފެށުމުން ފެނަކައިގެ މާލީ ހާލަތު ރަނގަޅުކޮށް، އެއީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ފަސޭހަވެގެން ދާނެކަމަށް ޝިމާދު ވަނީ ވިދާޅުވެފަ އެވެ.
ފެނަކައިގެ ޗެއަރޕާސަންގެ މަގާމާއި ޝިމާދު ހަވާލުވެފައި ވަނީ އެސްޓީއޯގެ ސަބްސިޑިއަރީއެއްގެ ގޮތުގައި އެ ކުންފުނި ކަނޑައެޅުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވަނިކޮށެވެ. މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިމާދްވަނީ މި ނިންމުމުގެ ސަބަބުން ފެނަކައިގެ ހިންގުންތެރިކަމަށް ބޮޑެތި ކުރިއެރުންތައް އަންނާނެކަން ހާމަކުރައްވާފައެވެ.

