ފަސް އަހަރު ދުވަހުގެތެރޭގައި ރާއްޖެއިން ބޭރަށް 500 އިމާމުން ތަމްރީން ކުރުމަށް ފޮނުވަން މަސައްކަތްކުރަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިމާމުންގެ މަހާސިންތާ 2024 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަހާ ސިންތާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިމާމުންގެ މަހާސިންތާ ކަމަށެވެ. އަދި އިމާމުންގެ މުހިންމުކަމާއި، އިމާމްކަމުގެ މަސްޢޫލިއްޔަތު އަދާކުރުމަކީ ހެޔޮކަމެއްކަން ވަނީ ފާހަގަކުރައްވައިފައެވެ.
އިމާމުން ތަމްރީންކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވަޒީރު ވިދާޅުވީ، މިހާތަނަށް އައު މަންހަޖުގެ ތެރެއިން 400 އިމާމުންނަށް ތަމްރީން ދީފައިވާކަމަށެވެ. އަދި ރާއްޖޭއިން ބޭރަށް 60 އިމާމުން ފޮނުވައިގެން ތަމްރީންކޮށްފައިވާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން 100 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައި ތަމްރީނު ކުރުމަށް އެ ވުޒާރާއިން މަސައްކަތް ކުރައްވައި ކަމަށް ވިދާޅުވިއެވެެ. އަދި ފަސް އަހަރު ދުވަހުގެ ތެރޭގައި 500 އިމާމުން ރާއްޖެއިން ބޭރުން ތަމްރީން ކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މަދުވެގެން 1000 ޒުވާން ޙަތީބުން ތަމްރީނުކޮށް ނެރޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، އިމާމުންގެ މަހާސިންތާއަކީ ވަރަށް ބޮޑު ހެޔޮކަމެއްގެ ފެށުން ކަމަށެވެ. މަހާސިންތާގައި މަޝްވަރާ ކުރެވިގެންދާ ކަންތައްތައް ތަންފީޒު ކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިމާމުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އިމާމުން ބިނާކޮށް އެމީހުން ތަމްރީންކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

