ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީއަށް މަގު ކޮށޭނީ އިހުތިރާމް ލިބި، އދ. ފަދަ މައިދާން ތަކުގައި އަޑުއުފުލައިގެން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އދ. ގެ މެންބަރުކަން ރާއްޖެއަށް ލިބުނުތާ 59 އަހަރު ފުރޭދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި މެސެޖް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ ތަރައްގީއަށް ބޭނުންވާ މަގުތައް ކޮށޭނީ މި ގައުމު މުޅި ދުނިޔޭގައިވެސް އިހުތިރާމު ލިބިފައިވާ ގައުމަކަށް ވެގެން ކަމަށާއި އަދި އެކަން ކުރުމަށްޓަކައި އދ. ފަދަ މައިދާން ތަކުގައި އަޑުއުފުލަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. ގެ މެންބަރުކަން ރާއްޖެއަށް ލިބުނުތާ 59 އަހަރު ފުރޭދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި މެސެޖުގައި ރައީސް ވިދާޅުވީ ފާހަގަކުރައްވަމުން ގެންދަވާ މި ދުވަހަކީ މުހިންމު ދުވަހެއް ކަމަށާއި އަދި ދިވެހިރާއްޖެ ދުނިޔޭގެ އެންމެ ބިޔަ އަދި އެންމެ ބޮޑު، ބާރުގަދަ ގައުމުތަކާއި އެއްސަފެއްގައި، އެއް ހަމައެއްގައި، ކޮނޑާއި ކޮނޑު ހަމަކޮށް ކުރިއަށް ދިއުމަށް މަގު ފަހިވެގެން ދިޔަ ދުވަސް ކަމަށެވެ.

”މިއަދަކީ ފެއްސާ ރަތާއި ހުދުގެ ދިވެހި ދިދަ އާދެ އެދިދައަކަށްޓަަކައި އެދިދައިން ރަމްޒުކޮށްދޭ ކަންތައްތަކަށްޓަކައި އަޅުގަނޑުމެން ނުހަނު ފަހުރުވެރިވާ ދިވެހި ދިދަ އެކުވެރި ދައުލަތްތަކުގެ މައި މަރުކަޒުގައި ވިހުރުމަށް ފުރުސަތު ލިބިގެން ދިޔަ ދުވަސް. މިއަދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށާއި ރާއްޖޭގެ ޑިޕްލޮމެޓުންނަށް ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަން. އދ. ގެ މެންބަރުކަން ރާއްޖެއަށް ލިބުނީ އަލުން ދިވެހި ގައުމަށް މިނިވަންކަން ލިބުނުތާ އެންމެ 57 ދުވަސްވީތަނާ. 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ލިބުނު މިނިވަންކަމަކީ ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ދިވެހިރާއްޖެއިން ގުރޫޕުތައް އުފައްދާ ކުރިއަށް ދިއުމުގެ މިނިވަންކަން.“

ރާއްޖެއަށް ލިބުނު މިނިވަންކަން ކަށަވަރު ވުމާއެކު ދިވެހިން މިނިވަންކަމުގެ މާނައިން އަވަސްވެގަތީ އދ. ގެ މެންބަރުކަން ހޯދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އޭރުގައުމުގެ މިނިވަންކަން ކަށަވަރު ވީނަމަވެސް ގައުމެއްގެ މިނިވަންކަން ދިފާއުވެގެން ދާނީ އެ ގައުމެއްގެ ރައްޔިތުން އެކަން ބަލައިގަތުމުން އެކަނި ނޫން ކަމަށެވެ. އަދި މުއާހަދާއެއްގައި ލިޔެ ޗާޕުކޮށް ޝާއިއުކޮށްގެންވެސް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގައުމެއްގެ މިނިވަންކަން ބައިނަލްއަގުވާމީ މަސްރަހުގައި ދިފާއުކޮށް ކުރިއެރުވޭނީ އެ މިނިވަންކަން ލިބިއްޖެ ކަމަށް އެެހެން ގައުމުތަކަށް އަންގައިދީގެން ކަމަށެވެ. ރައީސް ވިދާޅުވީ ކަނޑައެޅިގެންވާ ވަކި ސަރަހައްދެއްގެ މައްޗަށް އެ ގައުމެއްގެ ސިޔާދަތީ ބާރުއޮތްކަމާއި އެ ބާރު ފުރިހަމައަށް ހިނގާ ކަމުގެ މައުލުމާތު އެހެން ގައުމުތަކަށް ފޯރުކޮށްދީގެން ކަމަށެވެ. އެ ސިޔާދަތީ ބާރަށް އެހެން ގައުމުތަކުގެ އިހުތިރާމު ހޯދައިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް ކުރިއެރުވުމުގެ މަތިވެރި މަސައްކަތަކުރާ އެންމެ މުހިންމު މައިދާނަކީ އދ. ޖަމިއްޔާ ކަމަށެވެ. އދ. ގެ މެންބަރުކަން މުހިންމުވަނީ އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. އދ. އަށް ރާއްޖެއިން ކުރަމުންދާ ދަތުރަކީ ދިވެހިން ފަހުރުވެރިވާފަދަ ކާމިޔާބު ދަތުރެއްކަމަށާއި އަދި އެކަހެރިކޮށް އޮތް ކުޑަކުޑަ ޖަޒީރާ ގައުމެއް ދުނިޔޭގެ ސިޔާސީ ސަފުތަކާއި ގުޅި އެކުވެރިވެރި ކަމުގައި ކުރާ ދަތުރެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެއާއިއެކު ނިކަމެތިކަމުން ފުދުންތެރިކަމަށް ބިންގާ އެޅި ދަތުރެއް ދަތުރެއް ކަމަށާއި ދުނިޔެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަ ކަމަށްވާ މޫސުމީ ނުރައްކާ ކުރިމަތިމާކަމުގެ ހަބަރު މުޅި ދުނިޔެއަށްދީ، ދުނިޔޭގެ ސަމާލުކަމަށް އެކަން ގެނެސްދިން ދަތުރެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފާއިތުވި 59 އަހަރު ދިވެހި ދައުލަތުގެ މަންދޫބުން، ރާއްޖޭގެ ޑިޕްލޮމެޓުންވަނީ އދ. ގައި ދިވެހިރާއްޖޭ މަސްލަހަތު ކުރިއަރުވާފައި ކަމަށެވެ. ރާއްޖެއިން އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖެ މިހާރު ދަނީ އދ. ގެ ހިއުމަން ރައިޓްސްގެ މެމްބަރުކަމުގެ ތިން ވަނަ ދައުރު ފުރިހަމަ ކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ދިވެހި ގައުމީ މަސްލަހަތު އިތުރު ބާރުމިނެއްގައި ކުރިއަރުވާފައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުދި ޖަޒީރާ ގައުކުތަކުގެ ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އދ. އިން މިހާރު ދަނީ އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާއިރު އެމަސައްކަތުގެ ރިޔާސަތު ބަލަހައްޓާ ދެގައުމުގެ ތެރެއިން އެއް ގައުމަކީ ރާއްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އިކޮނިމިކް އެންޑް ސޯޝިއަލް ކައުންސިލްގެ މެންބަރުކަން ހޯދުމަށް ވާދަކުރައްވަމުން ކަމަށެވެ. އދ. އަކީ ދުނިޔޭގެ މައި މަޖިލިސް ކަމަށާއި ދުނިޔެއަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާ މައިދާން ކަމަށް ރައީސް ވިދާޅުވިއެވެ. ދެބަސްވެ އަރާރުންވުމުން ސުލްހާވާން ވާހަކަދައްކައި މައިދާން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަސައްވަރު ހާމަކުރެއްވުމަށްކަމަށް ކަމަށެވެ. ހާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި އަދި ހިންގެވުމުގައި އަބަދުވެސް އެންމެ އިސްކަން ދެއްވާނީ ދިވެހިރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެއްވުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: