ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ގައުމީ މަޖިލިސް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެކުލަވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
މި މަޖިލީހަކީ ގައުމީ މުހިންމު ކަންކަމުގައި ސަރުކާރަށް ފަންނީ އަދި އިލްމީ ލަފާ ފޯރުކޮށްދިނުމަށް އުފައްދާ ހާއްސަ ނިޒާމެކެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ”ނޭޝަން ޗެޓް“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި އައު ނިޒާމުގެ ދަށުން ދެ މަޖިލީހެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކުޑަ މަޝްވަރާ މަޖިލީހަކާއި ބޮޑު މަޝްވަރާ މަޖިލީހެކެވެ. މި ދެ މަޖިލީހުގެ ތެރެއިން ކުޑަ މަޝްވަރާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާނީ ދައުލަތަށް ގިނަ ދުވަހު އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ އިސް ބޭފުޅުންނެވެ.
ބޮޑު މަޝްވަރާ މަޖިލީހާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ މަޖިލީހުގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ 100 އާއި 150 އާ ދެމެދުގެ އަދަދަކަށް ތަޖުރިބާކާރުން ހިމެނޭނެ ކަމަށެވެ. މީގެ ތެރޭގައި ތައުލީމީ އަދި ފަންނީ އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާނެއެވެ.
އަޅުގަނޑުމެން މި ބަލަނީ ގާތްގަނޑަކަށް ސަތޭކައަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭގޮތަށް. ދެން އަދި ތަފްޞީލުތައް އެގޮތަށް ނުއެއްނިމޭ. މިސާލަކަށް ބަލަމާ ހިންގަވާ. މިސާލަކަށް، ޞިއްޙީ ދާއިރާއަށް ބެއްޔަސް، ޞިއްޙީ ދާއިރާއަކީވެސް ވަރަށް ފުޅާ ދާއިރާއެއް. ޞިއްޙީ ދާއިރާގެ ޕަބްލިކް ހެލްތު ދާއިރާ، ޑޮކްޓަރުން، ނަރުހުން، ކާބޯތަކެތި، މިހެންގޮސް އެކި ދާއިރާތައް އެބަހުރި. ތަޢުލީމީ ދާއިރާގައިވެސް، ހަޔަރ އެޑިޔުކޭޝަން ދާއިރާ. ދެންގޮސް، ޕްރައިމަރީ ޓީޗިންގ ދާއިރާ، މިހެންގޮސް އެކި ދާއިރާ، ތަޢުލީމީ ދާއިރާގައިވެސް އެބަހުރި. އެކިކަހަލަ އިކޮނޮމިކް ދާއިރާތައްވެސް އެބަހުރި. މިހެން ބަލައިލާއިރު މުޅި ޤައުމެއްގެ ހުރިހާ ފަންނުތަކަށް ބަލައިލާއިރުގައި، ވަރަށް ކޮމްޕްރިހެންސިވް ޕޫލެއް ހަދާކަމަށްވަންޏާ ސަތޭކައަށްވުރެ ގިނަވާނެ. ސަތޭކައާއި ސަތޭކަ ފަންސާހާ ދޭތެރޭގައި ހިނގައިދާނެ.
މި މަޖިލިސްތައް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ގައުމީ ބޮޑެތި ކަންކަމުގައި ތައުލީމީ އަދި ފަންނީ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ ނިޒާމީ ގޮތެއްގައި ހޯދައި، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި އެ ބޭފުޅުންގެ ތަޖުރިބާގެ ބޭނުން ހިފުމެވެ. މިއީ ގައުމީ ތަރައްގީއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
މިކަމާ ގުޅޭ އިދާރީ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް އެއްކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. މި މަޖިލިސްތައް ރަސްމީކޮށް އަމަލީ ސިފައެއްގައި މަސައްކަތް ފަށާނީ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

