އިސްރާއީލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި އެތައް ސަތޭކަ މީހުންނެއް މަރާލައިފިއެވެ.
ރިޕޯޓުތަކުުގައިވާގޮތުން، އިސްރާއީލުން ލުބުނާނަށް ފޮނުވާލާފައިވާ ވައިގެ ހަމަލާތަކަކީ 2006 ވަނަ އަހަރު އެ ގައުމާއި އީރާނުގެ ހިޒްބުﷲ ޖަމާއަތުގެ ދެމެދު ކުރެވުނު ހަނގުރާމައަށް ފަހު ލުބުނާނު މިފަދަ ނުރައްކާތެރި ހާލަތަކަށް ވެއްޓުން ފަހަރުކަމަށެވެ. އަދި އެ ގައުމުގެ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން ފެތުރިފައިވާއިރު އިސްރާއީލުން ދީފައިވާ ބޮމުގެ ހަމަލާތަކުގައި ކުޑަކުދިންވެސް ހިމެނޭހެން 500 އަށްވުރެ ގިނަ މީހުން ނިޔާވެފައިވާކަމަށާއި 1800 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށެވެ.
ކަމާއި ބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާގޮތުން ހަމަލާގެ އަސަރުކުރި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންވަނީ ގެދޮރު ދޫކޮށް އެހެނިހެން ސަރަހައްދުތަކަށް ރައްކައުތެރިކަން ހޯދުމަށްޓަކައި ބަދަލުވެފައެެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވާގޮތުން އެނާގެ ގައުމުންދަނީ ދުނިޔޭގެ ބާރުވެރިކަމަށް ބަދަލުތައް ގެންނަމުންކަމަށެވެ. އަދި އޭނާ މި ވާހަކަތައް ދެއްކީ ލުބުނާނުގައި ތިބި ހިޒްބުﷲ ޖަމާއަތުގެ އެސެޓުތަކެއް ކަމަށް ބުނާ އަމާޒުތަކަކަށް ހަމަލާ ދިނުމުންކަމަށާއި އެއްގަމު މަގުން ލުބުނާނުގެ ސަަަރަހައްދީ އިމުގެ ތެރޭގައި ހަރަކާތްތަކެއް ނުހިންގާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
ގިނަ އަދަދެއްގެ ގައުމުތަކުންވަނީ އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދަށް ހަނގުރާމަ ފުޅާވެގެން ގޮސްދާނެކަމުގެ ބިރު އޮތްކަމަށް ބުނެ މަސްރަހު ފިނި ކުރުމަށް ބާރު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ. އަދި އިސްރާއީލުން ލުބުނާނަށް ދީފައިވަނީ ވަރުގަދަ ހަމަލާތަކެއް ނަމަވެސް އެއްވެސް ފަރާތަކުން ހަނގުރާމައެއް ފެށިފައިވާކަން ރަސްމީގޮތުން އިއުލާނުކޮށްފައިނުވާކަން ފާހަގަކުރެވޭކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
އަންހެހުންނާއި ކުޑަކުދިންގެ އިތުރުން ސިއްހީ ހިދުމަތްތެރިންވެސް ނިޔާވެފައިވާއިރު އެ މީހުންގެ ތެރެއިން ހިޒްބުﷲ ޖަމާއަތަށް ނިސްބަތްވަނީ ކޮން ބައެއްކަން ސާފުނުވާކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީއިން މީޑީއާތަކަށް މައުލޫމާތު ދީފައިވެއެވެ. އަދި އިސްރާއީލުން ހަމަލާ ދިން ގިނަ ތަންތަނަކީ އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި ރަށްފުށުގައި މީހުން ދިރިއުޅޭ ސަރަހައްދުތައް ކަމަށްވެސް ބުނެފައިވެއެވެ.
އިސްރާއީލުން ބުނެފައިވާގޮތުން ހިޒްބުﷲ ޖަމާއަތަށް ދިން ހަމަލާގެ އަމާޒުތަކުގެ ތެރޭގައި އެތައް ސަތޭކަ ކިލޯމީޓަރަކަށް ދަތުރުކުރުމުގެ ގާބިލުކަން ހުރި ކްރޫޒް މިސައިލުތަކާއި ރޮކެޓުތަކުގެ އިތުރުން ގޮވާ ޒާތުގެ އެހެން ހަތިޔާރުތައްވެސް ތިބިކަމަށެވެ. އަދި އެތަކެތި ހުރީ އާންމުން ދިރިއުޅޭ ގޭތަކުގައި ފޮރުވާފައިކަމަށްވެސް ތުހުމަތުކުރާކަން މީޑިއާތަކުން ފާހަގަކުރެއެވެ.

