ބައިނަލްއަޤްވާމީ މައިދާނުގައި އެހެން ޤައުމުތަކާ އަޅާބަލާއިރު، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކުގެ ނުރައްކާތެރިކަން އިތުރުކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ދައުރުގެ އާންމު ބަހުސްގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބާ ގުޅޭގޮތުން، ސަންގު ޓީވީން ގެނެސްދިން ”ދިވެހިން އދ. ގައި ފަޚުރުވެރިކަމާއެކު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވިދާޅުވީ މިފަދަ މައްސަލަތައް ބައިނަލްއަޤްވާމީ މަންޞަތަކުގައި ހާމަކުރުމުގެ މުހިންމުކަމެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އދ. އަށް ވަޑައިގެން، ކަމާބެހޭ އެންމެހައި ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވަމުން ގެންދަވައެވެ. އަދި ކުރީގެ އަހަރުތަކާ އަޅާބަލާއިރު، މިހާރުގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ތަފާތުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އދ. ގެ އާންމު މަޖިލީހުގައި ރައީސް ވަނީ ދުނިޔެއަށް ދިމާވެިމާވެފައިވާ މައްސަލަތައް ހިތްވަރުގަދަކަމާއެކު ފާޅުކުރައްވަމުންނެވެ. އަދި ބައިނަލްއަޤްވާމީ މަންޞަތަކުގައި ދިވެހި ރައްޔިތުންގެ އަޑު އުފުއްލަވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުން އެ ޤައުމު ސަލާމަތްކޮށް، މިނިވަން އަދި މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ރައީސް ވަކާލާތުކުރައްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
”ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ އެކިއެކި ލީޑަރުން، ވެރިން، ޚާރިޖީ ވަޒީރުން އަދި ބޮޑެތި ޖަމްޢިއްޔާތަކުގެ އިސްވެރިންނާއި، އެކުވެރި ޤައުމުތަކުގެ އެކި ފަރާތްތަކާ ހުއްޓުމެއްނެތި ބައްދަލުކުރައްވަމުންނެވެ. މިފަދަ ތަފާތު ބައްދަލުވުންތަކުގައި ރާއްޖޭގެ އަޑު، ދިވެހިންގެ އަޑު ދުނިޔެއަށް ވަރަށް ސާބިތުކަމާއެކު އިއްވަވަމުން ގެންދަވައެވެ.“ ވަޒީރު ވިދާޅުވިއެވެ.
މެދުފަންތީގެ ޤައުމުތަކުގެ ތެރެއިން ރާއްޖެ ހިމެނޭއިރު، ”ސިޑްސް“ ގެ ތެރޭގައި ދިވެހިރާއްޖެއަކީ މުހިންމު އަޑެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ބާބަޑޯސްކޯ ސަމިޓުން ފެށިގެން ރައީސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށް ސާބިތުކަމާއެކުކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

