އިންޑިއާ ކަނޑުގެ ބާރުތަކުގެ ތަރުތީބު ކަށަވަރުކުރުމަށް، ދިވެހިރާއްޖެއަކީ ބާރުގަދަ، ފުދުންތެރި އަދި މިނިވަން ގައުމެއްގެ ގޮތުގައި އޮންނަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، އެމަނިކުފާނު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުގެ ތެރޭގައި ގުނާލެވޭ ޕްރިންސްޓަން ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް ޕޮލިސީގެ ”ޑީންސް ލީޑަރޝިޕް ސީރީސް“ގައި ދެއްވި ތަގުރީގުގައެވެ.
ރައީސްގެ މި ޒިޔާރަތަކީ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ސްކޫލްގެ އެޑްވަރޑްސް އެސް ސެންފޯޑް ޕްރޮފެސަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް އެފެއާޒް، ޑީން އަމާނީ އޭ ޖަމާލްގެ ދައުވަތަކަށް، ”ޑީންސް ލީޑަރޝިޕް ސީރީޒް“ ގެ ދަށުން ކުރެއްވި ޒިޔާރަތެކެވެ.
ހަލުވި ދުވެއްޔެއްގައި ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ރާއްޖޭގެ ވާހަކައަކީ، ކާމިޔާބުކަމާއެކު ތަރައްގީ ވަމުންދާ ގައުމެއްގެ ވާހަކަ ކަމަށް ވިދާޅުވެފައެވެ. އަދި ޝާމިލު، ފުދުންތެރި މުޖުތަމައެއްގެ ގޮތުގައި ގައުމު ބައްޓަންކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ބައިނަލްއަގުވާމީ މާލީ އާކިޓެކްޗަރ އިސްލާހުކުރުމަކީ އެ މަނިކުފާނުގެ އަޒުމެއްކަމަށް ވިދާޅުވެ ތަކުރާރު ކުރެއްވިއެވެ.
މޫސުމީ ކާރިސާއެއް އަޔަނުދިނުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު އަޑުއުފުލުމުގައި ދިވެހިރާއްޖެ އަދާކުރާ އިސް ދައުރުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ ތިމާވެށި ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހިން އިހްލާސްތެރިކަމާއެކު މަސައްކަތްކުރާނޭކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ. ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި، އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކުރުމަށް ރާއްޖޭގައި މަސައްކަތްތަކެއް ކުރާނޭކަންވެސް އެމަނިކުފާނުގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ތަގުރީރުގައި ރައީސް ވަނީ، ދިވެހިރާއްޖެއަށް އދ.ގެ މެންބަރުކަން މުހިއްމުވާ ސަބަބު ހަނދުމަފުޅުކޮށްއަރުވާފައެވެ. ރައީސްގެ ތަގުރީރު ކުރިއަށް ގެންދަވަމުން، އަދުގެ ބައިނަލްއަގުވާމީ ނިޒާމު ބިނާވެފައި އޮތް އަސާސީ އުސޫލުތަކަކީ، ގައުމުތަކާއި ދައުލަތްތަކުގެ މެދުގައި އިސްތިގުލާލަށް އަދި އިސްތިގުލާލީ ހަމަހަމަކަމަށް އިހްތިރާމްކުރުމުގެ ސިފަ ދެމެހެއްޓުންކަމަށް ވިދާޅުވިއެވެ. އަދި ކުދި ޖަޒީރާ ގައުމުތައް ކުރިއަރައިގޮސް، ފުދުންތެރިވުމަށް، އެ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކުރުމުގެ މުހިއްމުކަމަށްވެސް އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ.
ޣައްޒާގައި ހަނގުރާމަކޮށް ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހިންގަމުން ގެންދާ މި ދަނޑިވަޅުގައި، އިސްވެ ދެންނެވި އުސޫލުތައް ހިފަހައްޓަމުން ދިއުމަކީ އެމެރިކާގެ މުއައްސަސާތަކަށް ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޔުނިވަރސިޓީތައް ދެމިތިބެން ވާނީ، ސުލްހަވެރިކަމާއި، ޒިންމާދާރުކަމާއި، މުޖުތަމައަށް ލާބައާއި މަންފާ ދެނިވި، މުޒާހަރާތައް ކުރުމަށް އޮތް ހައްގަށް އިހްތިރާމްކުރާ، އަދި ފިކުރާއި ހިޔާލު ފާޅު ކުރުމުގެ ވަރުގަދަ މައިދާންތަކެއްގެ ގޮތުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

