ފަތުރުވެރިކަމުގެ އުޅަނދެއްގެ އެޖެންޓުކަމާއި ހަވާލުވެވޭނީ، ހިއްސާދާރުންގެ ގޮތުގައި ދިވެހިން ހިމެނޭ ކުންފުނިތަކަށް އެކަނިކަމަށް ބަޔާންކޮށް ގަވައިދު އިސްލާހުކޮށްފި އެވެ.
ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރު ކުރުމާއި ބެހޭ ގަވައިދަށް އިސްލާހު ގެނެސް ޓޫރިޒަމް މިނިސްޓްރީން އެ އުސޫލު ގެޒެޓުކޮށްފައި ވަނީ މިދިޔަ ހަފްތާގަ އެވެ.
މި އިސްލާހުގައި ވާގޮތުން ފަތުރުވެރިކަމުގެ އުޅަނދެއްގެ އެޖެންޓުކަމާއި ހަވާލުވެވޭނީ، ހިއްސާދާރުންގެ ގޮތުގައި ދިވެހިން ހިމެނޭ ކުންފުނިތަކަށް އެކަންޏެވެ. އަދި އެފަދަ ކުންފުންޏެއްގެ ހިއްސާދާރުންގެ ގޮތުގައި، ނުވަތަ ޕާޓްނާޝިޕްއާއި ސޯލް ޕްރޮޕްރިއޭޓާޝިޕެއް ހިމެނޭ ނަމަ ބައިވެރިން ވެސް ވާން ޖެހޭނީ ދިވެހިންނަށެވެ.
އައު އުސޫލުގެ ކްރޫޒްލައިނާތަކުން ރާއްޖެ އަންނަ ފަސިންޖަރުންނަށް ދޭ ޝޯ އެކްސްކާޝަން ދިނުމުގައި ހަރަކާތްތެރިވެވޭނީ އުޅަނދުގެ ފަޅުވެރިންނަށް ނުވަތަ އުޅަނދު ދިވެހިރާއްޖެއަށް އައިއިރު އުޅަނދުގައި ތިބި ފަސިންޖަރުން ނުވަތަ ޓުއާގައިޑުންނާއި ބެހޭ ގަވައިދުގެ ދަށުން ހުއްދަ ލިބިފައިވާ ގައިޑުންނަށެވެ.
އުޅަނދު ބަނދަރު ކުރުމާއި ދުއްވުމުގެ ހުއްދަ ބަޔާން ކުރާ މާއްދާގެ (ނ) ގައި މީގެ ކުރިން އޮތީ ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ދިވެހިރާއްޖޭގައި ބަނދަރު ކުރުމަށާއި ދުއްވުމަށް ޓަކައި، އަންނަނިވި ގޮތުގެ މަތީން، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހުއްދަ ހޯދުމަށްޓައްކައި ހޯދުމަށް ޓަކައި އެދެނީ 20 މީޓަރަށްވުރެ ބޮޑު އުޅަނދެއްނަމަ، ކްރޫސިންގ ޕާމިޓް ހޯދުމަށް ޓަކައި 1,000 އެމެރިކާ ޑޮލަރުގެ ފީއެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމުން، ކްރޫސިންގ ޕާމިޓް އޭޖެންޓަށް ދޫކުރަންވާނެ ކަމަށެވެ.
މިހާރު އޮތީ ހުއްދަ ހޯދުމަށް އެދެނީ 100 ގްރޮސް ރެޖިސްޓަރ ޓަނޭޖް ނުވަތަ 100 ގްރޮސް ރެޖިސްޓަރ ޓަނޭޖްއަށް ވުރެ މަތީ އުޅަނދެއް ނަމަ، ކްރޫސިން ޕާމިޓް ހޯދުމަށް 10،000 ޑޮލަރުގެ ފީއެއް މީރާއަށް ދެއްކުމުން ކްރޫސިން ޕާމިޓް އޭޖެންޓަށް ދޫކުރަން ވާނެކަމަށެވެ. އަދި ހުއްދައަށް އެދި ހުށަހަޅާފައިވާ 100 ގްރޮސް ރެޖިސްޓަރ ޓަނޭޖްއަށް ވުރެ ދަށް ބޭރުގެ ޓުރިސްޓު އުޅަނދުފަހަރަށް އެއްވެސް ފީއަކާއި ނުލައި ކްރޫސިން ޕާމިޓް ދޫކުރަންވާނެކަމަށެވެ.
މުއްދަތު އިތުރު ކުރެވޭނީ، އެ އިތުރު ކުރާ މުއްދަތަށް ކޮންމެ ދުވަހަކަށް 100 ޑޮލަރު މީރާއަށް ދެއްކުމުންނެވެ.
ގަވައިދުގެ ފަސް ވަނަ މާއްދާގައި ބަޔާން ކުރާ، ބަނދަރު ކުރުމާއި ދުއްވުމުގެ ހުއްދައިގެ ދަށަށް ނަމްބަރެއް އިތުރު ކުރާއިރު އޭގެ ދަށުން އުޅަނދުގައި ތިބޭ ފަޅުވެރިންނާއި ޕެސެންޖަރުންގެ އަދަދު ހިމެނޭގޮތަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ހަދައިފައިވާ އުޅަނދުގެ ކެޕްޓަނުގެ ޑެކްލަރޭޝަންއެއް ބޭނުންވާނެ އެވެ.
ގަވައިދުގައިވާ ގޮތުން ޕެސެންޖަރ ލައިސަނަސް ދޫކުރެވޭނީ، އެކަމަށް ހުށަހަޅަން ޖެހޭ ލިޔެކިއުންތައް ފުރިހަމަކޮށްގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޕެސެންޖަރ ލައިސަންސް ނަގައިގެން ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހުއްދަ ހޯދުމަށް ޓަކައި އެ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ ”ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު“ އަދި ޕެސެންޖަރ ލައިސަންސްގެ މުއްދަތާއި އެ މުއްދަތުގެ ތެރޭގައި އުޅަނދުގައި ތިބޭނެ ޓޫރިސްޓުންގެ އަދަދާއި މަޢުލޫމާތު ބަޔާންކޮށް، އުޅަނދުގެ ކެޕްޓަނުގެ ފަރާތުން ލިޔުމެކެވެ. އެ ލިއުން އޮންނަން ވާނީ ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި އާންމު ކުރާ ނަމޫނާއާއި އެއްގޮތަށެވެ.

