ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށްކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި ފައިސަލް ވަނީ، އެކި މާކެޓުތަކަށް ރާއްޖެ ޕްރޮމޯޓު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޗައިނާއިން އައީ އެއްލަކަ ފަތުރުވެރިން ނަމަވެސް މިއަހަރުގެ މިހާތަނަށް އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު ދެލައްކަ ތޭރަހާހަށް އަރާކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އިޓަލީ، ރަޝިއާ، ޖަރުމަން ފަދަ މާކެޓުތަކުން ވެސް އެރައިވައިލް އިތުރުވެފައިވާކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އަންނަ އަހަރަށް އަމާޒުކޮށް އެމްއެމްޕީއާރުސީ ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް، މާކެޓިން ހަރަކާތްތައް އިތުރަށް އެކްސްޕްލޯ ކުރެވިގެންދާނެކަމަށެވެ. އެހެންކަމުން އަންނަ އަހަރު ވެސް މާ ބޮޑެތި ކާމިޔާބީތަކެއް ލިބޭނެކަމުގެ އުންމީދު އެބައޮތްކަމަށް ފައިސަލް ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓު ކުރިޔަށް ދާއިރު، ފައިސަލް ވިދަޅުވި ގޮތުގައި އައު ޓާމިނަލް ހުޅުވެންވާއިރަށް އޭގެ ފުރިހަމަ ފައިދާ ނެގުމަށް ތިބެން ޖެހޭނީ ތައްޔާރަށެވެ. އެއާއި އެކު މިހާރަށް ވުރެ އޮކިއުޕަންސީ ރޭޓު އިތުރު ކުރުމަށް މަސައްކަތްކޮށް، ފަތުރުވެރިން ރާއްޖޭގައި ކުރާ ހަރަދުތަކުގެ ނިސްބަތް އިތުރުކޮށް، ބެޑްނައިޓު އިތުރު ކުރުމަށް އިސްކަން ދެވޭނެކަމަށް ފައިސަލް ވިދާޅުވި އެވެ.
މިހާރު ހަތް ދުވަސް އެވްރެޖުކޮށް މި ހުންނަނީ.. ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ.. އެހެންވީމަ އެ މުއްދަތު އިތުރު ކުރެވުނު ވަރަކަށް ދިވެހިރާއްޖެއަށް.. ލިބޭ ރެވެނިއު އިތުރު ކުރެވިގެންދާނީ.. ގާތްގަނޑަކަށް 4.5 ބިލިއަން އެ ކޮންޓްރިބިއުޓް ކުރަނީ… ދެން އަޅުގަނޑުމެންގެ އަމާޒަކީ 2027 އަންނަވާއިރަށް މި އަދަދު 07 ބިލިއަން ޑޮލަރަށް ޖެއްސުން..
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ގިނަ ޕްރޮގްރާމްތަކެއް ރޭވިފައިވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، ފަތުރުވެރިކަމަށް މިވަގަގު އެންމެ މުހިންމީ ވީއައިއޭގެ އައު ޓާމިނަލް އޮޕަރޭޝަނަށް ގެނައުން ކަމަށެވެ. އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ހިދުމަތަށް ގެނެވޭނެކަމަށް ބެލެވޭ، އައު ޓާމިނަލްއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ފައިސަލް ވިދާޅުވި އެވެ.
މީގެއިތުރުން ފައިސަލް ވަނީ، އެ ހިދުމަތާއި އެކު އަހަރަކު ރާއްޖެއަށް 04 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ވެސް ހާސިލު ކުރެވޭނެކަމަށް ވިދާޅުވެފަ އެވެ.

