އެމްޑީޕީ ހިންގުމަށް ގޮންޖެހުން ކުރިމަތިވާ ކަމަށާއި ލީޑަޝިޕްގައި ހުންނެވުމުގެ ސަބަބުން ޕާޓީ ހިންގަން ބައެއް ބޭފުޅުން ބޭނުން ނުވެދާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް ބައެއް ބަދަލުތައް ގެންނަން ހުށައެޅުމުން ބައެއް މެމްބަރުން ވަނީ ކޮންގްރެސް އެއްގައި އިސްލާހުތައް ފާސް ކުރުމަށް ގޮވާލައްވާފައެވެ. ފައްޔާޒްގެ ރައްދު އެކަމަށް އަމާޒުވެފައިވާއިރު އޭނާ ވިދާޅުވީ ޕާޓީ ހިންގުމަށްޓަކައި އެ އިސްލާހުތައް މުހިންމު ކަމަށާއި އެހެންނަމަވެސް ފައްޔާޒްގެ ލީޑަޝިޕްގައި ޕާޓީ ހިންގަން ބައެއް މީހުން ބޭނުން ނުވެދާނެ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ކޮންގްރެސްއެއް އެހާ އަވަހަށް ވަގުތުން ވަގުތަށް ބޭއްވޭނެ ގޮތެއް ފެންނާން ނެތް ކަމަށާ އެހެންނަމަވެސް އަންނަ އަހަރު ކުރީކޮޅު ނުވަތަ މެދުތެރޭގައި ކޮންގްރެސްއެއް ބޭއްވުމަށް ރޯޑްމެޕުގައި ދަނީ މަޝްވަރާކުރަމުން ކަމަށެވެ. އަދި އެ ފަދަ ބަދަލުތައް އަންނަ އަހަރުގެ މެދު ތެރޭގައި ބާއްވައިގެން ކުރިއަށް ގެންދަންޖެހިއްޖެ ނަމަ ޕާޓީ ހިންގުމަށް ލަސްވެދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
”ފަހަރެއްގައި ބައެއް ބޭފުޅުން ބޭނުންފުޅުވެދާނެ ޕާޓީ ނުހިނގައި މިވަގުތު އޮންނަން އަޅުގަނޑުގެ ލީޑާޝިޕްގެ ދަށުގައި. އެހެން ނަމަވެސް އަޅުގަނޑުމެން އެބަޖެހޭ މިކަންކަން ބަދަލު ކުރަން.“
ފައްޔާޒް ވިދާޅުވީ ޕާޓީ ހިންގުމަށް ގޮންޖެހުންތައް ހުރިނަމަވެސް އެކަމާ ކަންބޮޑުވެ ވަޑައިނުގަންނަވައި ކަމަށެވެ. އަސާސީ ގަވާއިދަށް ގެންނަން ހުށައެޅި ބަދަލުތަކުގެ ތެރޭގައި ދާއިރާގެ ހިންގާ ކޮމެޓީގެ ތުރުން ރަށު ހިންގާ ކޮމެޓީއެއް އުފެއްދުން ހިމެނެއެވެ. އަދި ޕާޓީއަށް ކުރިން ހިދުމަތް ކުރައްވާފައިވާ ބޭފުޅުން ހިމެނޭ ގޮތަށް ގައުމީ މަޖިލީހުން އައްޔަން ކުރާ މަޝްވަރާ މަޖިލީހެއް އުފެއްދުން ވެސް ހިމެނެ އެވެ.
ގައުމީ މަޖިލީހުގެ ތެރޭގައި ބައެއް މެމްބަރުން އިސްލާހުތައް ފާސްކުރުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައިވެއެވެ. އޭގެތެރޭގައި އެ މެމްމަބަރުން ފާހަގަކުރެއްވީ ގައުމީ މަޖިލީހަކީ 121 މެމްބަރުން ތިއްބަވާ މަޖިލީހެއް ކަމަށާއި އެހެންނަމަވެސް ކޯރަމަކީ 30 ކަމަށެވެ. އަދި ކޯތަމް ހަމަވާވަރަށް މެމްބަރުންނެތް ަކަމަށާއި އެހެންކަމުން އެ ޖަލްސާގައި އިސްލާހުތައް ގެންނަން ވޯޓު ދެއްވައިފިނަމަ އަސާސީ ގަވާއިދު ވަރަށް ބޮޑަށް އެކަހެރި ކޮށްލެވޭ ކަމަށް ވެސް ވަނީ ވިދާޅުވެއްފައެވެ.
ނަމަވެސް ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ވިދާޅުވީ އެ މަޖިލީހުގެ ޖަލްސާއެއްގައި އަސާސީ އިސްލާހު ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހިމެނެ އެވެ. މާރިޔާ ވިދާޅުވީ ކުރިން ވެސް ގައުމީ މަޖިލީހުން އަސާސީ އިސްލާހުކޮށްފައިވާ ކަމަށާއި އެހެންކަމުން އެއީ ކުރިން ކަނޑައެޅިފައިވާ ޕްރެސީޑެންޓެއް ކަމަށެވެ.
ރަށު ހިންގާ ކޮމެޓީއަކާއި މަޝްވަރާ މަޖިލީހެއް އުފެއްދުމުގެ އިތުރުން ތިންކް ޓޭންކަކާއި ޕާޓީގެ މާލީ ތަނަވަސްކަން އިތުރު ކުރަން ގާނޫނު ހުއްދަ ކުރާ ކޮންމެވެސް ވިޔަފާރިއެއް ކުރަން ވެސް އެމްޑީޕީން ފާސް ކުރިއެވެ.

