ފަލަސްތީނަށްފަހު އިސްރާއީލުންވަނީ ލުބުނާނަށް ހަމަލާ ދޭން ފަށާފައިކަމަށާއި އެއަށްފަހު ތުރުކީއަށް އެ ގައުމުގެ ހަތިޔާރުތައް އަމާޒުކުރާނެކަމަށް ރައީސް ތައްޔިބު އުރުއާން ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ތުރުކީއިންވަނީ ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުން ދިފާއުވުމަށް އެ ގައުމުގެ ފުރިހަމަ އެއްބާރުލުން ދޭނެކަން ހާމަކޮށްފައެވެ. އެގޮތުން އިސްރާއީލުން މަސައްކަތްކުރަމުންދަނީ މުޅި ސަރަހައްދުގައި ހުޅުޖެހުމަށްކަމަށާއި ލުބުނާނަށްފަހު ތުރުކީއަށް ހަމަލާދޭނެކަމަށް އެ ގައުމުގެ ރައީސް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، ތުރުކީގައި ގާބިލުކަން ހުރި މިންވަރަކުން ލުބުނާނަށް އެހީތެރިކަން ފޯރުވާނެކަން ޔަގީންކޮށްދެއްވާކަމަށެވެ.
އުރުދުއާން ވިދާޅުވީ، އިސްރާއީލަށް އިލާހީގޮތުން ކަނޑައަޅައި ނިންމާފައިވާކަމަށް އެ ގައުމުން ބުނާ ބިމުގެ އަވާމެންދުރުގައި ޖެހި ދެން ހަމަލާ ދޭނީ ތުރުކީއަށްކަމަށެވެ. އޭނާ މި ވާހަކަތައް ދެއްކެވީ އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، އިސްރާއީލުގެ އަނިޔާވެރިކަން ތުރުކީއާއި ދިމާލަށްވެސް އަމާޒުކުރާކަމަށެވެ. އެހެންކަމުން ގައުމާއި ގައުމުގެ މިނިވަންކަމަށްޓަކައި ޓެރަރިސްޓު ދައުލަތުން ހިންގަމުންދާ އަމަލުތަކާއި ދެކޮޅަށް އެ ގައުމަށް ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުން ހިފާނެކަމަށެވެ.
އުރުދުއާން ވިދާޅުވީ، ގައުމަށް ވެރިވެގަތުމުގެ ބިރާއި އަނިޔާވެރިކަން އޮތީ ގާތުގައިކަމަށެވެ. އޭނާ ވިދާޅުވީ، ތުރުކީއަށް ކުރިމަތިލާންޖެހިފައިވަނީ ގާނޫނަށް ތަބާވުމެއް ނެތް ގައުމަކާއިކަމަށާއި ކުރިމަތިލާންޖެހިފައިވަނީ މީހުން މަރާ ލެޔާއި އަނެކާގެ މައްޗަށް ބާރުވެރިވެގަތުމުގެ ހަޔާތެއް ދިރިއުޅޭ ބަޔަކާއިކަމަށެވެ.
އޭނާ ވިދާޅުވީ، ޣައްޒާގައި އިސްރާއީލުންދަނީ އިންސާނީ ދަރިފަސްކޮޅާއި ދެކޮޅަށް ހިންގޭނެ ހުރިހާ ޖަރީމާތަކެއް ހިންގަމުންކަމަށެވެ. އަދި އެ ގައުމުންދަނީ ލުބުނާނުގައިވެސް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަމުންކަމަށާއި މަސައްކަތްކުރަމުންދަނީ ސަރަހައްދުގެ އެހެނިހެން ގައުމުތައްވެސް މައްސަލައިގެ ތެރެއަށް ވެއްދުމަށްކަމަށެވެ.
އުރުދުއާން ވިދާޅުވީ، އިސްރާއީލުން ލުބުނާނަށް އެއްގަމުން އަރައިގަނެ ހިންގަމުންދާ އަމަލުތަކާއި މީގެ ކުރިން ގައުމުތައް ހިފައިގެން ތިބި ތިބުމާއި އެއްގޮތް ނަތީޖާއެއް ނުނުކުންނާނެކަމަށެވެ. އަދި ތުރުކީއިން ލުބުނާނުގައި ތިބި އެ ގައުމުގެ ބައިވެރިންނަށް ހުރިހާ ގޮތަކުންވެސް އެއްބާރުލުން ދޭނެކަމަށެވެ.

