ދިމާވާ ކުއްލި ހާލަތްތަކުގައި އެހީތެރިކަމާއި ރައްކާތެރިކަމަށް އެދި ގުޅަން ”ޝޯޓްކޯޑް ލައިން“ 911 ރާއްޖެއަށް ތައާރަފްކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފަށައިފިއެވެ.
911 ގުޅުމުން ކަމާ ގުޅޭ އިދާއިރާތަކުން ވަގުތުން އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ހަމަޖައްސަން ނިންމީ ހެލްތު މިނިސްޓްރީން ރައީސް އޮފީހުގެ ސޯޝަލް ކައުންސިލަށް ހުށަހަޅައިގެންނެވެ. އެކަން ވީހާވެސް އަވަހަށް ފަށަން ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
އެ ކައުންސިލުން ނިންމާފައި ވަނީ ގައުމީ އިމަޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތްތަކަށް އެއް ނަމްބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިން ގާއިމުކުރުމާ ގުޅޭ ކަންކަން ހޯމް މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދިއުމަށެވެ. ކައުންސިލްގައި ނިންމާފައި ވަނީ ހެލްޕްލައިނަކަށް 911 ބޭނުން ކުރުމަށެވެ.
އެކަމަށް ހާއްސަކޮށް މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިތުރުން އެމްއެންޑީއެފްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ހޯމް މިނިސްޓްރީން އިއްޔެ ވަނީ އާސަންދަ އާއި އައިޖީއެމްއެޗްގެ އިތުރުން ވެސް ކަމާ ގުޅުން ހުރި އިދާރާތަކުގެ ބޭފުޅުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. ކުއްލި ހާލަތްތަކުގައި ގުޅުމަށް އިމެޖެންސީ ނަމްބަރެއްގެ ގޮތުގައި 911 ގިނަ ގައުމުތަކުގައި މިހާރު ވެސް ބޭނުންކުރެ އެވެ.

