ނޭޓޯގެ އައު ޖެނަރަލް ސެކްރެޓަރީ މާކް ރުޓާ ޔޫކްރެއިންގެ ދިފާއުގައި ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން މާކް ރުޓްވަނީ މިފަހުން ރަސްމީ ފުރަތަމަ ދަތުރުގެ ގޮތުގައި ޔޫކްރެއިންއަށް ޒިޔާރަތްކުރައްވާފައެވެ. އަދި އޭނާވަނީ ރަޝިއާ އާއި ދެކޮލަށް އެ ގައުމުން ކުރަމުންދާ މަސައްކަތްތަކުގައި ނޭޓޯގެ އެއްބާރުލުން މެދު ކެނޑިގެން ނުދާނެކަމުގެ ޔަގީންކަން ދެއްވާފައިކަމަށެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ އާއި މާކް ބައްދަލުކުރެއްވިއިރު ވައިގެ ހަމަލާތައް އައިސްދާނެކަމުގެ އިންޒާރުތައް ދެ ފަހަރެއްގެ މަތިން އަޑުއިވިގެންދިޔަކަންވެސް ނޫސްތަކުން ފާހަގަކުރެއެވެ. އަދި އޭނާވަނީ ޔޫކްރެއިން އަށް ނޭޓޯގެ ފަރާތުން ލިބޭ އެއްބާރުލުން މިހާރަށްވުރެ ވަރުގަދަ ކުރުމަށްޓަކައި ހުޅަނގުގެ ގައުމުތަކާއިއެކު މަސައްކަތްކުރާނެކަންވެސް ހިއްސާކޮށްފައެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރަޝިއާ ދެމެދު ފެށުނު ހަމަލާ ބަދަލުކުރުންތައް ހޫނުވެ މިވަގުތު ޔޫކްރެއިން އިން ބޮޑަށް ކުރަމުންދަނީ ދިފާއީ މަސައްކަތްތައްކަމަށްވެސް ބައެއް ރިޕޯޓުތަކުގައިވެއެވެ.
މާކް ވިދާޅުވީ، އެމެރިކާގެ ރައީސްކަމަށް ކޮންމެ މީހަކު ވަޑައިގެންނެވި ނަމަވެސް ޔޫކްރެއިންއަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި އެކުގައި މަސައްކަތްތައް ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށެވެ. ނޭޓޯގެ މެމްބަރުންގެ ތެރެއިން އެންމެ ބާރުގަދަ މެމްބަރު އެމެރިކާގެ ރިޔާސީ އިންތިހާބު ކުރިއަށް އޮތް ނޮވެމްބަރު މަހަށް ތާވަލު ކުރެވިފައިވާއިރު މި އިންތިހާބުގެ ނަތީޖާއާއިއެކު ކުރެވެމުންދާ ހަނގުރާމައިގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތައް އައުމުގެ ފުރުސަތު އޮތްކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ޒެލެންސްކީ މީޑީއާތަކަށް ހާމަކުރެއްވިގޮތުން އޭނާވަނީ ރަޝިއާ ހަނގުރާމައިގައި ކުރި ހޯދުމުގެ ގޮތުން އެކުލަވާލާފައިވާ ”ވިކްޓަރީ ޕްލޭން“ ގެ މުހިންމު ތަފްސީލުތައް މާކް އާއި ހިއްސާކޮށްފައިކަމަށެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ނޭޓޯގެ ބައްދަލުވުމެއް ބޭއްވުމަށް ކަނޑައެޅިފައިވަނިކޮށް ކަމަށާއި މި ބައްދަލުވުުމުގައި ހަނގުރާމައިގެ މައިދާނަށް ހަތިޔާރުތައް ފޮނުވުމާއި ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކުގައި 50 އަށްވުރެ ގިނަ ގައުމުތަކުން ދިފާއީ ކަންކަމާއި ގުޅުން ހުރި އިސްވެރިން ބައިވެރިވާނެކަމަށެވެ.
ޒެލެންސްކީ އަދި މާކް ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ހަނގުރާމައިގެ ހާލަތުގެ އިތުރުން މިވަގުތު ޔޫކްރެއިންއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ އަސްކަރީ އެހީތަކާއި ގުޅޭގޮތުންވެް މަޝްވަރާކުރެވުނެވެ. އަދި ޔޫކްރެއިންއަށް ދިފާއީ ވަސީލަތްތަކުގެ އިތުރުން އެތައް ދުވަހެއް ވަންދެން އެދެމުން އައިސްފައިވާ ގޮތަށް ދުރު ސަރަހައްދުތަކަށް ހަމަލާ ދިނުމުގެ ގާބިލުކަން ހުރި ހަތިޔާރުތައްވެސް ބޭނުންވާކަމަށް ޒެލެންސްކީ ހިއްސާކުރެއްވިކަމަށެވެ.
ޒެލެންސްކީވަނީ މެދުއިރުމަތީގައި ކުރެވެމުންދާ ހަނގުރާމައާއި ގުޅޭގޮތުންވެސް މީޑިއާތަކާއި ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، އީރާނުންވަނީ ޔޫކްރެއިންއާއި ދެކޮޅަށް ބޭނުންކުރުމަށްޓަކައި ރަޝިއާ އަށް ޑްރޯން އަދި މިސައިލް ފަދަ ހަތިޔާރު ފޯރުކޮށްދީފައިކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުން މައުލޫމާތު ދީފައިވާކަމަށެވެ. އަދި ހުޅަނގުގައި އުފައްދާ ދުރަށް ހަމަލާ ދިނުމުގެ ގާބިލުކަން ހުރި ހަތިޔާރުތައް ހަނގުރާމައިގައި ބޭނުންކުރުން މަނާކޮށްފައި އޮތުން ބާތިލުކޮށް އެކަމަށް ހުއްދަ ދިނުމަށްވެސް އޭނާވަނީ އެދިވަޑައިގެންފައެވެ.

