ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކުރައްވަނީ އެންމެ ފުރަތަމަ ރާއްޖެ އެވެ. ވެރިކަމަށް ވަޑައިގެން އެކި ގައުމުތަކާއި ގުޅުން ބަދަހި ކުރުމުގެ ދާއިރާގެ ތެރެއިން މަޝްވަރާ ކުރެއްވިއިރު އޭގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ރާއްޖެއަށް އުންރާނީ ގޮތުން ތަރައްގީ ގެނައުމުގެ މަސައްކަތުގައި އިންޑިއާގެ ހިއްސާއެއް އޮތުމާއި، ރާއްޖެއާއި އެންމެ ގާތުގައި އޮތީ އިންޑިއާކަމުން ދިވެހިން އެހީތެރިކަމެއް ބޭނުންވި ކޮންމެ ވަގުތެއްގައި އެ ގައުމު އެކުގައި ދެމިއޮތުމެވެ.
އެހެން ނަމަވެސް ރައީސް މުއިއްޒުގެ ސިޔާސަތަކީ، ރާއްޖެއާއި ދިވެހި ރައްޔިތުން އަދި ގައުމުގެ މިނިވަންކަމަށް އިހުތިރާމް ކުރާ ބަޔަކާއި އެކު މަސައްކަތް ކުރުމެވެ.
ކުރީ ސަރުކާރުގައި އެކުލަވާލާފައި ހުރި އެއްބަސްވުންތަކެއްގެ ދަށުން އެ ގައުމުގެ ސިފައިންނަށް ރާއްޖޭގައި ގާއިމުވެ ތިބުމަށް ޖާގަ ލިބިފައިވާތީ އެކަމަށް އިހުތިޖާޖު ކުރެއްވި ނަމަވެސް، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެއީ އިންޑިއާއަި މެދު އޮތް ދެކޮޅުވެރިކަމެއް ނޫނެވެ. އެކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ، ވެރިމަށް ވަޑައިގެން ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން ކުރި މަޝްވަރާތައްކަމަށް ސަރުކާރުން ދެކެ އެވެ.
އިންޑިއާ ސަރުކާރުގެ ދައުވަތަކަަށް ފުރަމާނަ ދަތުރުފުޅެއްގައި ހަތަރު ދުވަހަށް ރައީސް މުއިއްޒު މިއަދު އިންޑިއާއަަށް ވަޑައިގެންނެވިއިރު، އެމަނިކުފާނާއި އެކު ސަރުކާރުގެ ވަފުދު ވަޑައިގަތީ އިންޑިއާގެ ސަރުކާރުން ހަމަޖައްސައިދިން ހާއްސަ ފްލައިޓެއްގަ އެވެ.
ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި، ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށެވެ. އެއަށް ފަހު މުމްބާއި، ބެންގަލޫރު އަދި އާގްރާއަށް ވަޑައިގަންނަވާނެ އެވެ.
މި ދަތުރުފުޅުގައި ރައިސްގެ އަރިހުގައި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް, ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން އަދި ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ނާޒިމް ވަޑައިގަތެވެ. އަދި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލްއާއި، އެމްއެމްއޭގެ ގަނަވަރ އަހުމަދު މުނައްވަރު ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް އިންޑިއާއަށް ވަޑައިގަންނަވާތީ، ދިއްލީ އެކަމަށް ތައްޔާރުކޮށް ވަނީ ދެ ގައުމުގެ ދިދަތައް ޖަހައި ޒީނަތްތެރިކޮށްފަ އެވެ. ދަތުރުފުޅުގެ ރަސްމީ މަރުހަބާ ދެންނެވުން ހަމަޖެހިފައި ވަނީ މާދަމާ އެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލު ކުރައްވައި އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ރަސްމިއްޔާތެވެ.
މިއަދު އޮންނާނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖައިޝަންކަރްއާއި ބައްދަލު ކުރެއްވުމެވެ. އަދި މިރޭ އިންޑިއާގައި ދިރިއުޅެމުންދާ ދިވެހިންނާއި ރައީސް މިރޭ ބައްދަލު ކުރައްވާނެ އެވެ.
މަގާމާއި ހަވާލުވުމަށް ފަހު، މިއީ އިންޑިއާއަށް ރައީސް މުއިއްޒު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ނަމަވެސް ބޮޑުވަޒީރުކަމަށް މޯދީ ތިން ވަނަ ދައުރަކަށް އިންތިހާބުވެ އޮތް ހުވާ ކުރުމުގެ ރަސްމިއްޔާތަށް މިދިޔަ ޖޫން މަހު ރައީސް ވަޑައިގެންފައި ވެއެވެ. މި ދަތުރުފުޅުގެ ތެރެއިން ވެސް ރައީސް މުއިއްޒު ވަނީ މޯދީއާއި ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މީގެއިތުރުން ކޮޕް ސަމިޓު ހަވާސާގެ ތެރެއިން ރައީސް މުއިއްޒު، އެކި ގަައުމުތަކުގެ އިސްވެރިނާއި ބައްދަލު ކުރެއްވިއިރު އޭގެ ތެރޭގައި މޯދީ ހިމެނެ އެވެ.

