މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅުގެ ރަށްތަކުގައި ތަންފީޒުކުރަން ފަށާފައިވާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢު، ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި މަޝްރޫޢުގެ އިފްތިތާޙީ ރަސްމިއްޔާތު ބާއްވާފައި ވަނީ ބ. ކުޑަރިކިލުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ބ. އަތޮޅުން އިސްނަގައިގެން ފަށާފައިވާ މި މަޝްރޫޢަކީ ރާއްޖޭގެ އެހެން އަތޮޅުތަކަށްވެސް ނަމޫނާއެއް ކަމަށާއި، 21 ވަނަ ޤަރުނުގައި ވިސްނުންތެރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އިތުރަށް ވަޒީރު ވިދާޅުވީ، ރަށްރަށުގައި ދިރިއުޅެމުންދާއިރު ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އެންމެހާ ފަރާތްތަކުން ސަމާލުކަން ދިނުމާއެކު، ކޮންމެ ފަރުދެއްގެވެސް އަމިއްލަ ޒިންމާ އަދާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން، ބ. އަތޮޅުގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާގައި 15 ކިލޯވޯޓްގެ ސޯލާ ޕީވީ ސިސްޓަމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ބ. އަތޮޅު ކައުންސިލްގެ ރައީސާއި، ބ. އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ އިތުރުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އަލްފާޟިލް އާދަމް ޝަރީފް ޢުމަރު އަދި ކުޑަރިކިލުގެ ގިނަ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

