ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަގު ޕާސްޕޯޓު ބޭނުންކޮށްގެން ދިވެހި ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި 27 މީހަކު އަތުލައިގަނެވުނުކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ
މި މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާ ގުޅޭ ތަފްޞީލު ދެމުން، އިމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި، ޞައްޙަނޫން ޕާސްޕޯޓު ބޭނުންކުރި 27 މީހުންގެ އިތުރުން، ޞައްޙަނޫން އައިޑެންޓިޓީ ކާޑު ބޭނުންކުރި ދެ މީހުންނާއި، ޞައްޙަނޫން ބަޔޯމެޓްރިކް ޕޭޖު ބޭނުންކުރި 3 މީހުންނާއި، ޚިޔާލީ ޕާސްޕޯޓު ބޭނުންކުރި މީހެއް ހިމެނެއެވެ. މީގެ އިތުރުން، މި މުއްދަތުގެ ތެރޭގައި ޞައްޙަނޫން ވީޒާ ބޭނުންކުރި ދެ މީހުންނާއި، ޞައްޙަނޫން ތައްގަނޑު ބޭނުންކުރި 4 މީހަކުވެސް އިމިގްރޭޝަނުން ހައްޔަރުކޮށްފައިވެއެވެ.
ގާނޫނާއި ހިލާފަށް އަދި ޞައްޙަނޫން ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވުމަށް މަސައްކަތްކުރި ފަރާތްތަކުގެ ތެރެއިން ގިނައީ މެދުއިރުމަތީގެ ޤައުމުތަކުގެ ރައްޔިތުންކަމަށް އިމިގްރޭޝަނުން ފާހަގަކުރެއްވިއެވެ. އެ ފަރާތްތަކުން ދިވެހިރާއްޖެ ބޭނުންކުރަނީ ޔޫރަޕަށް އެތެރެވުމަށް ޓްރާންސިޓް ޤައުމެއްގެ ގޮތުގައެވެ.
މި މުއްދަތުގެ ތެރޭގައި އެކި ގޮތްގޮތުން ރާއްޖެއަށް އެތެރެވުމަށް މަސައްކަތްކުރި ފަރާތްތަކުގެ ޖުމްލަ އަދަދު 45 އަށް އަރައެވެ. މި ހުރިހާ ފަރާތްތަކެއްވެސް ވަނީ އެ ފަރާތްތައް ރާއްޖެ އައި ފްލައިޓުން އަނބުރާ އެ ފަރާތްތަކުގެ ޤައުމުތަކަށް ފޮނުވާލާފައިކަމަށް އިމިގްރޭޝަނުން ހާމަކުރެއްވިއެވެ.
ފާއިތުވި އަހަރުގެ ތަފާސްހިސާބުތައް ހިއްސާކުރަމުން، އިމިގްރޭޝަނުން ބުނެފައި ވަނީ އަހަރުގެ ފަހު ކުއާޓަރުގައި ޞައްޙަނޫން 4 ޕާސްޕޯޓާއި ޞައްޙަނޫން ރެސިޑެންޓް ކާޑެއް ގެންގުޅުނު ފަރުދެއް ހައްޔަރުކުރެވިފައިވާ ކަމަށާއި، އެ ފަރާތްތައްވެސް ވަނީ އަނބުރާ އެ ފަރާތްތަކުގެ ޤައުމުތަކަށް ފޮނުވާލާފައެވެ.
މިފަދަ މައްސަލަތައް ޙައްލުކުރުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން މުހިންމުކަން އިމިގްރޭޝަނުން ފާހަގަކުރެއްވިއެވެ.

