ސީޓު އެއަރ ކާގޯ ނަމުގައި ރާއްޖެ މެދުވެރިކޮށް ބަންގްލަދޭޝް އިން ގާމެންޓު އެކްސްޕޯޓު ކުރަން ފެށުމުން އެ ޚިދުމަތުގެ ޑިމާންޑު ބޮޑުވެ ނިމިދިޔަ އޮކްޓޯބަރ މަހު އެކަނިވެސް 96 ކޮންޓެއިނަރ ގެ މުދާ ވަނީ ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ނާޒުކު އިގުތިޞާދު ހަރުދަނާކޮށް އިގުތިޞާދަށް ދިރުން ގެނެސްދޭނެ އިތުރު ސިނާޢަތްތައް އުފެއްދެވުމަކީ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ވެރިކަން ފެށްޓެވުމާއި އެކު އެންމެ އިސްކަން ދެއްވި އެއް މަސައްކަތްފުޅު ކަމަށް ވަޖީހު ވިދާޅުވިއެވެ. އެގޮތުން ރައީސްގެ ވެރިކަމަށް 1 އަހަރު ނުވަނީސް، “ސީޓު އެއަރ ކާގޯ” ނަމުގައި އިގުތިސާދަށް ދިރުން ގެނެސްދޭނެ އިތުރު ދާއިރާ އަކުން މަސައްކަތް ފެށައި އެމަސައްކަތް ތަރައްގީ ވާން ފަށާފައި ކަމަށް ވަޖީހު ވިދާޅުވިއެވެ.
ސަންގަށް މައުލޫމާތު ދެއްވަމުން ވަޖީހު ވިދާޅުވީ މި ސަރުކާރު އައިފަހުން މިއީ އަލަށް ފަށާފައިވާ ހިދުމަތެއް ކަމަށާއި އަދި މިކަމުގެ ޑިމާން މިހާރު ރާއްޖޭގައި ވަރަށް ބޮޑަށް ބޮޑުވެފައިވާ ކަމަށެވެ. ސީޓު އެއަރ ކާގޯގެ ޚިދުމަތަކީ ކަޑު މަގުން އަންނަ މުދާ ޓުރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމު ތަކަށް ފޮނުވުން ކަމަށް ވިދާޅުވިއެވެ.
މިމަސައްކަތަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުން ކުރަމުން އަންނަ އަދި މިމަސައްކަތުން އެގައުމު ތަކުގެ އިގުތިސާދަށް ބޮޑެތި މަންފާތަކެއް ހޯދަމުން އަންނަ މަސައްކަތަކެއް. ދިވެހި ރާއްޖޭގައި މިމަސަތްކަތް ފެށުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި އެކު ފުރަތަމަ ފަހަރަށް އެއްބަސް ވުމެއްގައި ސޮއި ކުރެވުނީ މިއަހަރުގެ މާޗް މަހު ޓާކިޝް އެއަރ ލައިނާ އެކު. އެއަށް ފަހު ފުރަތަމަ ކާގޯ ޝިޕުމެންޓު ފޮނުވާލީ މިއަހަރުގެ މެއި މަހު
މި ވަގުތު ރާއްޖެއިން ބޭރުކުރެވޭ މުދަލަކީ ބަގުލާދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތައް ކަމަށް ވަޖީހު ވިދާޅުވިއެވެ. ބަގުލާދޭޝްގެ ގާމެންޓު އިންޑަސްޓުރީގެ ބޮޑު ޕަސެންޓޭޖެއް ވައިގެ މަގުން ފޮނުވަނީ ޔޫރަޕުގެ ގައުމު ތަކަށް ކަމަށާއި މިހާތަނަށް މި މުދަލުގެ ބޮޑު ބައެއް ދުނިޔޭގެ އެކި ގައުމު ތަކަށް ގޮސްފައި ވަނީ އިންޑިޔާ އާއި ސުރީލަންކާ މެދުވެރި ކޮށް ކަމަށް ކަމަށް ވަޖީހު ވިދާޅުވިއެވެ.
ރާއްޖޭގައި މިޚިދުމަތް ފެށިފަހުން މިކަމަށް ލިބޭ ތަރުހީބު ބޮޑުވެ މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި މި ޚިދުމަތުގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުތުރު ވެފައި ކަމަށް ވަޖީހު ވިދާޅުވިއެވެ. އެގޮތުން ނިމިދިޔަ އޮކްޓޯބަރ މަހު އެކަނިވެސް 96 ކޮންޓެއިނަރ (418 ޓަނުގެ މުދާ 34946 ދާގީނާ) ގެ މުދާ ވަނީ ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
މި މަސައްކަތުގައި މިވަގުތު ރާއްޖެ އަށް ދަތުރުކުރާ 7 އެއަރ ލައިނަރ އަކުން ބައިވެރިވާ ކަމަށް ވަޖީޙު ވިދާޅުވިއެވެ.
ރާއްޖޭގައި މިޚިދުމަތް ފުޅާވެ މިކަމުގެ ޑިމާންޑު ބޮޑުވަމުންދާތީ މިވިޔަފާރީގައި އުޅޭ މިސަރަހައްދުގެ ބައެއްގައުމުތައް ވަނީ ކަންބޮޑުވާން ފަށާފައި ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. ރާއްޖޭގައި މިޚިދުމަތް އިތުރަށް ފުޅާކޮށް ކަސްޓަމަރުންގެ އިތުބާރު ހޯދުމަށް ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ދާދި ފަހުން ވަނީ، އެމްޕީއެއްލް ގެ ޓީމަކާއި މިމަސައްކަތުގައި އިސްކޮށް އުޅުއްވާ އެއްފަރާތްކަމަށްވާ އިނަރ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާޤާއި އެކު ބަގުލާދޭޝްގެ ޗިޓަގޮންގ އަށް ޒިޔާރަތް ކޮށް ބަގުލާދޭޝްގެ ގާމެންޓު ފެކްޓަރީ ތަކުގެ ވެރިންނާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
މިމަޝްވަރާ ތަކުން އެގިގެންދިޔަ މުހިންމު އެއްކަމަކީ މިކަން ރަގަޅަށް ކުރެވޭ ގޮތް ވެއްޖެނަމަ، މަހެއްގެ މައްޗަށް 400 އަށް ވުރެ ގިނަ ކޮންޓެއިނަރ ގެ މުދާ ކަޑުމަގުން ރާއްޖެ ގެނެސް ވައިގެ މަގުން ދުނިޔޭގެ އެކި ގައުމު ތަކަށް ފޮނުވުމުގެ ފުރުސަތު އޮތްކަމަށް ވަޖީހު ވިދާޅުވިއެވެ. ކޮންޓއިނަރ ތައް ރާއްޖެ ގެނައުމަށްޓަކައި ރާއްޖެ އަށް ދަތުރު ކުރާ ޝިޕިންގ ލައިން ތަކާއި އެކު ވާހަކަ ދެކެވެމުން ގެންދަވާ ކަމަށާއި އަދި މިމަސައްކަތަށް ބޭނުންވާ މެޝިނަރީ ތަކާއި އިކުއިޕު މެންޓުސް ތައް ހަމަ ކޮށް ކަސްޓަމަރުން ހިތްހަމަ ޖެހޭފަދަ ޚިދުމަތްތަކެއް ފޯރު ކޮށްދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެވެމުން ގެންދަވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ވަޖީޙު ވިދާޅުވީ މިއީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އިގުތިސާދަށް އިތުރަށް ދިރުން ގެނެސްދޭނޭ ސިނާޢަތަކަށް ވެގެން ދާނެއެވެ. ސީޓު އެއަރ ކާގޯ ގެ ޚިދުމަތް ފުޅާކޮށް ކަސްޓަނަރުންގެ އިތުބާރު ލިބޭފަދަ ފުރިހަމަ ޚިދުމަތް ތަކެއް ފޯރު ކޮށްދެމުން ގެންދިއުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ވަނީ މިމަސައްކަތުގައި ސީދާ ބައިވެރިވާ ސަރުކާރުގެ ދެ ކުންފުނި ކަމަށްވާ އެމްޕީއެލް އާއި އެމްއޭސީއެލް ގުޅިގެން މަސައްކަތް ކުރުމަށް އިރުޝާދު ދެއްވާފައި ކަމަށް ވަޖީހު ވިދާޅުވިއެވެ.

