އާއިލާއާއި ގުޅުވައި ކުރި ތުހުމަތުތަކަކީ ސިޔާސީ މަގްސަދުގައި ބަޔަކު ދައްކަމުން ދާ ވާހަކަތަކެއްކަމަށާއި، ދޮން މަންމައާއި މެދު އިހާނެތި ގޮތަކަށް އަމަލު ކުރައްވާފައި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގާތްވެފައި ވަނިކޮށް ރާއްޖޭގެ މީޑިއާއަކުން ރައީސް މުއިއްޒާއި އެމަނިކުފާނުގެ އާއިލާގެ މައްޗަށް ތުހުމަތުތަކެއްކޮށް އާންމު ކުރި ރިޕޯޓުގެ މައްސަލަ އެވެ. އޭރު ވެސް އެކަމަށް ދެއްވި ރައްދުގައި ރައީސް ވިދާޅުވީ، އަބުރު ކަތިލުމަށް ސިޔާސީ ބޭނުމުގައި ދައްކާ ވާހަކަތަކަށް ސަމާލުކަން ދޭން ބޭނުންފުޅު ނުވާކަމަށެވެ.
މި މައްސަލައިގެ ވާހަކަތައް އަނެއްކާވެސް ދެކެވެން ފެށުމުން، ކުރި ސުވާލަކަށް ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ވެސް އެމަނިކުފާނުގެ މައްޗަށް ކުރި އެ ތުހުމަތުތަކަށް ރައްދު ދެއްވައި އެއީ ބަޔަކު ސިޔާސީ ނިޔަތެއްގައި ފެތުރި ދޮގު ވާހަކަތަކެއްކަމަށް ދަންނަވާފައިވާނެކަމަށެވެ. އެކަމަކު އޭގެ ފަހުން ވެސް މިއަދާއި ހަމައަށް ވެސް ތަފްސީލުކޮށް އެ މައުޟޫއުއަށް ވާހަކަ ދައްކަވާފައި ނުވަނީ ޒާތީ ދިރިއުޅުމާއި، ބައެއްގެ ގޯސް އަމަލެއްގެ ވާހަކަ ދައްކަން ބޭނުންފުޅު ނުވާތީކަމަށް ރައީސް ވިދާޅުވި އެވެ.
އާއިލީކަމެއްގެ ވާހަކަ އާންމުކޮށް ދެއްކުމަކީ އުނދަގޫކަމެއްކަމަށާއި، އެހެން ނަމަވެސް ކަންކަން އޮޅުވާލުމުގެ ނިޔަތުގައި ބަޔަކު ސިޔާސީ މަންފާއެއް ނަގަމުން ދިއުމުން އެކަމަށް ވާހަކަ ދައްކަން ބޭނުންވާކަމަށް ރައީސް ވިދާޅުވި އެވެ.
ތިކަމުގަ ވެއްޖެއްޔާ ދަންނަވަން އޮތީ، އަޅުގަނޑަށް ވަރަށް އުނދަގޫވޭ އާއިލީ ޒާތީކަމެއްވީމަ ތަފްސީލަށް ދާންވެސް.. އެހެން ނަމަވެސް މިކަންތައް ބޮޑުވެފައި އޮތް ވަރުން ކޮންމެވެސް އެއްޗެއް ދަންނަވާލާނަން.. އަޅުގަނޑުގެ ބައްޕަ ނިޔާވެގެން ދިޔައީމަ، ތަރިކަ ބެހުމުގެ ކަންތައްތަކުގައި، ހަމަ އެ އޮންނަ އުސޫލުން ހަމަ ކުރިހާކަމެއް އެއޮތީ ނިމިފައި… ބައްޕަގެ ގޯތި ހުންނާނެ ރާއްޖެއިން ބޭރުގައި ލަންކާގައި.. ކޮލަމްބޯގައި ދެބިން.. ކެންޑީގައި އެއް ބިން.. ތިން ބިން.. ތިން ގޯތި.. އިމާރާތް ހަދާފައި.. އެތަނުން ދެ ތަނުގައި ގެސްޓް ހައުސް ހަދާފައި ވިޔަފާރި ކުރާ ގޮތަށް.. އަނެއް ތަނުގައި ދިރިއުޅޭ ގޮތަށް. އަޅުގަނޑު ނިންމީ އެ ތިން ގޯތި، އިމާރާތާއި އެއްކޮށް.. ވިޔަފާރިއާއި އެއްކޮށް ދޮން މަންމައަށް ދޭން… ހިލޭ އެއްވެސް ބަދަލަކާއި ނުލައި.. އެހެންވީމަ އެ ތިން ގޯއްޗާއި އިމާރާތާއި އެއްކޮށް.. ވިޔަފާރިއާއި އެއްކޮށް ދޮން މަންމައަށް ދީފައި ހުރީ… އަދި ބައްޕަގެ ލަންކާގައި އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް..
ސިޔާސީ މަގުސަދާއި، ސިޔާސީ ނިޔަތް ނޫން އެހެން އެއްވެސްކަމެއް މި ތުހުމަތުތަކުގައި ނެތްކަމަށް ރައީސް ވިދާޅުވި އެވެ.

