މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާގެ ބައްޕާފުޅު، އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޔޫސުފް (ކުވަ މޮހޮދޭ) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ، އެ ޚަބަރު އެއްސެވީ ފުން ހިތާމައާއިއެކު ކަމަށެވެ.
އޭގެ އިތުރުން، މަރްޙޫމް މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަކީ، ވިޔަފާރީގެ ދާއިރާއިން ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ އަދި ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ފޯރުކޮށްދެއްވާފައިވާ އިޙްސާންތެރިއެއްކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މަރްޙޫމް މުޙައްމަދު ޔޫސުފްއަކީ ގިނަ ބަޔަކު ދަންނަ ރަޙްމަތްތެރި ސާދާ މިޒާޖެއްގެ ވެރިއެއް ކަމަށާއި، އެއީ ޚިދުމަތްތެރި ދަރީންތަކެއްގެ ބައްޕައެއް ކަމަށެވެ.
ރައީސް ވަނީ މަރްޙޫމް މުޙައްމަދު ޔޫސުފްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެންފައެވެ.

