އަންހެނުން ބާރުވެރިކުރުމަށްޓަކައި ޖެންޑާރ އެފެއަރޒް ޑިޕާޓުމެންޓުން މަސައްކަތްތައް ކުރަމުންދާ ދާއިރާތަކުގެ ތެރޭގައި އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ ދާއިރާވެސް ހިމެނޭކަމަށް ސޯޝަލް މިނިސްޓްރީއިން ބުނެފިއެވެ.
ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި މައުލޫމާތު ދެމުން ސޯޝަލް މިނިސްޓްރީން ވަނީ އެ ވުޒާރާގެ އެކުލަވާލެވިފައިވާ ޖެންޑާރ އެފެއަޒް ޑިޕާޓުމެންޓާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ޑިޕާޓުމެންޓު އެކުލަވާލެވިފައި ވަނީ ރާއްޖޭގެ މިންތީގެ ހަމަހަމަ ކަމުގެ ގާނޫނުގެ ދަށުންކަމަށާއި މައިގަނޑު މަސްއޫލިއްޔަތަކީ އެ ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލާޒިމުކުރާ ކަންކަން ތަންފީޒުކުރުންކަމަށް ވިދާޅުވި އެވެ.
މި ގާނޫނުގެ ދަށުން ތަންފީޒު ކުރަން ޖެހޭ ސިޔާސަތުތަކުގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ގައުމީ ސިޔާސަތުތައް އެކުލަވާލުމާއި އެކްޝަން ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރުންވެސް ހިމެނެ އެވެ. އަދި އެ އެކްޝަން ޕްލޭން ތަންފީޒުކޮށް މޮނީޓަރ ކުރުމުގެ މަސައްކަތްތައް އޭގެ ތެރޭގައި ހިމެނެ އެވެ.
މިނިސްޓްރީން ބުނީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވުން ވެސް ހިމެނޭއިރު އެ މަގުސަދު ހާސިލުކުރުމަށްޓަކައި ވަކި ދާއިރާތަކެއްގައި މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އިޖްތިމާއީ، އަދި އިގްތިސާދީއާއި ސިޔާސީ ދާއިރާވެސް އޭގެ ތެރޭގައި ހިމެނޭކަމަށެވެ. އަދި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ގާނޫނާއި ގަވައިދުތައް އެކުލަވާލުމުގައި ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރާކަމަށް މައުލޫމާތު ދިނެވެ.
ގާނޫނުތައް އެކުލަވާލައި ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ރަނގަޅުކުރުމަށްޓަކައި ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތްތައް ވެސް މީގެ ތެރޭގައި ހިމެނޭކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

