އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕު 279 އިލެކްޓޯރަލް ވޯޓު ކާމިޔާބުކޮށްފިއެވެ.
ރާއްޖެއާއިއެކު 60 ވަރަކަށް އަހަރުގެ ގުޅުމެއް ބާއްވާފައިވާ އެމެރިކާ އޮތީ އިންތިހާބީ ހާލަތުގައެވެ. ވާދަކުރަމުންދަނީ މިހާރު އެ ގައުމުގެ ނައިބުރައީސްކަމުގައި ހުންނެވި ކަމަލާ ހެރިސް އަދި މިފަހަކާއި ޖެހެންދެންވެސް ބޮޑެތި ޝަރުއީ ގޮންޖެހުންތަކާއި ކުރިމަތިލަމުން އައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓު ޑޮނަލްޑް ޓްރަމްޕެވެ. ވޯޓު ގުނުން ދިގުދެމިގެންދާނެކަމަށް އެ ގައުމުގެ ސިޔާސީ އެކި ފަރާތްތަކާއި ޑިމޮކްރެޓުންނަށް ތާއީދުކުރާ އެ ގައުމުގެ ބައެއް ކުރީގެ ރައީސުންވެސް ބުނަމުންދާއިރު އެމެރިކާގެ އިންތިހާބީ ވުޒާރާ އަދި މަސައްކަތްތެރިންވަނީ އެ ގައުމުގެ ރިޔާސީ ކެންޑިޑޭޓުންގެ އެދުމާއި އެއްގޮތަށް ވޯޓު ގުނުމުގެ މަސައްކަތްތައް އިންތިހާއަށް ހަރުދަނާ ކޮށްފައެވެ.
މި އިންތިހާބު ރާއްޖޭގައި ކުރިއަށް ގެންދާ އިންތިހާބާއި ތަފާތުކަށްވުމުން އިންތިހާބާއި ގުޅުން ހުރި އިންގެންޖެހޭ މުހިންމު މައުލޫމާތުތައް ހުރެވެ. ރާއްޖޭގައި ރައީސަކު އިންތިހާބުކުރަނީ މަގުބޫލު ވޯޓުންކަމަށްވާއިރު އެމެރިކާގައި އޮންނަނީ އިލެކްޓޯރަލް ވޯޓިންގް ސިސްޓަމެކެވެ. މަގުބޫލު ވޯޓުގެ އިތުރުން ކޮންމެ ސްޓޭޓެއް ނުވަތަ ކަނޑައެޅިފައިވާ ވަކިވަކި ސަރަހައްދުތަކުގެ ކަނޑައެޅިފައިވާ އަދަދަކަށް އިލެކްޓޮރޭޓުންގެ ގޮތުގައި ނަންދެވިފައިވާ މަންދޫބުންތަކެއް ތިބެއެވެ. މަންދޫބުންގެ އަދަދު ކަނޑައަޅަނީ އާބާދީގެ ނިސްބަތުންކަމަށްވާއިރު އިންތިހާބު ކާމިޔާބުކުރުމަށްޓަކައި 538 ޖުމުލަ އިލެކްޓޮރަލް ވޯޓުން އަގުލަބިއްޔަތު ހާސިލުކުރަންޖެއެވެ. އިންތިހާބު ކާމިޔާބުކުރެވެނީ 270 ވޯޓު ނުވަތަ އެއަށްވުރެ ގިނަ އިލެކްޓޯރަލް ވޯޓު ހާސިލުކުރާ ކެނޑިޑޭޓަށެވެ.
އެމެރިކާގެ ނައިބުރައީސް ކަމަލާއަށް 224 އިލެކްޓޯރަލް ވޯޓު އަދި އާންމު ވޯޓުން 47.5 އިންސައްތަ ލިބިފައިވާއިރު ޑޮނަލްޑް ޓްރަމްޕުވަނީ ތާރީހީ ކާމިޔާބެއް ހާސިލުކޮށްފައެވެ. ޓްރަމްޕަށް 279 އިލެކްޓޯރަލް ވޯޓު ކާމިޔާބުވެފައިވާއިރު މަގުބޫލު ވޯޓުގެވެސް 51 އިންސައްތަ ލިބިފައިވެއެވެ. ޓްރަމްޕު މި ކާމިޔާބު ހާސިލުކުރީ އިލެކްޓޮރޭޓް ވޯޓުތައް ގިނަ ސްޓޭޓުުތަކުންނާއި މީގެ ކުރިން ޑިމޮކްރެޓުންނަށް ކާމިޔާބުވެފައިވާ ކަށަވަރުކަމަށް ބަލަމުން އައި ބައެއް ސްޓޭޓުތަކުންވެސް ކުރިނަގައިގެންނެވެ.
ޑޮނަލްޑު ޓްރަމްޕަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އިސްވެރިން މަރުހަބާ ކިޔާފައިވާއިރު ރާއްޖޭޭގެ ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ކާމިޔާބީ ފާހަގަކޮށް ތަހުނިޔާ އަރިސްކުރައްވާފައެވެ. ޓްރަމްޕު މި އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި ކުރި މަސައްކަތްތަކުގައި ދުނިޔޭގެ އެންމެ މަގުބޫލު އެއް ބިލިއަނަރުކަމަށްވާ އީލަން މަސްކުވެސް ބައިވެރިވެފައިވާއިރު، ދުނިޔެ ބަލައިގަންނަ އިންވެސްޓިގޭޓިވް ޖާނަލިސްޓެއްކަމަށްވާ ޓަކާ ކާލްސަންގެ އިތުރުން ސޯޝަލްމީޑިއާގައި ފުޅާ ދާއިރާއެއްގައި ޕޮޑްކާސްޓުތައް ކުރިއަށް ގެންދާ ޖޯ ރޯގަންވެސް ޓްރަމްޕަށް ތާއީދުކޮށްފައިވެއެވެ. ޗައިނާއިންވެސް ވަނީ މި ކާމިޔާބު ފާހަގަކޮށް އެމެރިކާގެ ރައްޔިތުންގެ ނިންމުމަށް އެ ގައުމުން އިހުތިރާމްކުރާނެކަން ހާމަކޮށްފައެވެ.

