ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުއާއިއެކު އެއް އަހަރު: ރާއްޖޭގެ އިގްތިސާދު ފުޅާކޮށް އާމްދަނީ އިތުރުކުރެވުނު އެއް އަހަރު

ކްރިއޭޓާރ އިކަނަމީ ހަބް އިފްތިތާހުކުރުން: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރު ފެށުނުއިރު، ދިވެހިރާއްޖެ ދިމާވެފައިވަނީ ނާޒުކު މާލީ ހާލަތަކަށެވެ. މި ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް އެކިއެކި މަސައްކަތްތައް ކުރެވުނު ނަމަވެސް، އެންމެ ބޮޑު ހުރަހަކަށްވީ އިޤްތިޞާދީ ނުކުޅެދުންތެރިކަމެވެ. މީގެ މައިގަނޑު ސަބަބަކީ އެއް ދާއިރާއަކަށް ބަރޯސާވެފައިވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އައު އީޖާދީ ޚިޔާލުތަކަށް އެކަށީގެންވާ ޖާގައާއި ފުރުޞަތު ލިބިފައިނުވުމެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މި ކަންކަން ދެނެގަނެ، ރާއްޖޭގެ އިޤްތިޞާދުގައި ފާހަގަކުރެވުނު މައްސަލަތައް ޙައްލުކުރުމަށްޓަކައި މި އަހަރުގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މި މަސައްކަތުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވީ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދެވެ. ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި އަދި މަސްވެރިކަމުގެ ޞިނާޢަތުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ބައިތަކެއް ނަމަވެސް، ވަކި ވުޒާރާތަކަކާ މި މަސައްކަތްތައް ޙަވާލުކުރެވިފައިވާތީ، މި ރިޕޯޓުގައި އެ ދާއިރާތަކުން ޙާޞިލުކުރެވިފައިވާ ކާމިޔާބީތަކުގެ ތަފްޞީލީ މަޢުލޫމާތު ނުހިމަނާނަމެވެ.

ސޯލާ ޕްރޮޖެކްޓްގެ ހުށައެޅުން ރިވިއުކުރުން: ފޮޓޯ/ މިނިސްޓްރީ

ޚާރިޖީ ގުޅުންތަކުގެ ތެރެއިން ކުރެވުނު މަސައްކަތްތައް:

މި އަހަރު އިޤްތިޞާދީ ދާއިރާގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޗައިނާގައި ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމެވެ. އިޤްތިޞާދީ ވުޒާރާއިން އިންތިޒާމުކޮށްގެން ޗައިނާގެ ފޫޖިއަން ސަރަޙައްދުގައި ބޭއްވި މި ހަރަކާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މި މަސައްކަތްތަކުގެ މަޤްޞަދަކީ ދެ ސަރުކާރުގެ އިތުރުން ދެ ޤައުމުގެ ވިޔަފާރިތަކުގެ ދެމެދު ކުރެވޭ މުޢާމަލާތްތައް އިތުރުކޮށް، ރާއްޖެއަށް ޗައިނާގެ އިންވެސްޓަރުން ޖަލްބުކުރުމާއި ރާއްޖޭގެ ތަރައްޤީއަށް މަގުފަހިކުރުމެވެ.

ނިއު ދިއްލީގައި ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި މަސައްކަތްތަކަކީ އިންޑިއާގެ ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ފަދަ މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވުނު ޙަރަކާތްތަކެކެވެ. މި މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖެއާއި އިންޑިއާގެ ސަރުކާރުގެ އިސްވެރިންނާއި، ވިޔަފާރީގެ ދާއިރާގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ކުރެވިފައިވެއެވެ. މިއީ އައު އިންވެސްޓްމަންޓް ފުރުޞަތުތަކަށް މަގުފަހިވުމުގެ އިތުރުން، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ މުހިންމު މަސައްކަތްތަކެއްކަމުގައި ފާހަގަކުރެވެއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ދުރުވި ގުޅުމަށް އިޝާރާތްކުރައްވާފައެވެ. އަދި ދިވެހި ސަރުކާރުގެ ތަރައްޤީގެ ތަޞައްވުރުވެސް ހިއްސާކުރެއްވިއެވެ. މިގޮތުން، ދިވެހިރާއްޖެއިން އިޤްތިޞާދީ ދާއިރާތައް ފުޅާކުރުމަށް ދެވޭ އަހައްމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި މި އަމާޒު ޙާޞިލުކުރުމަށްޓަކައި މާލީ ޚިދުމަތްތަކުގެ އިތުރުން، ކަނޑުވެށީގެ އިޤްތިޞާދާއި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ހަރުދަނާކުރެވިގެންދާނެކަމުގެ މަޢުލޫމާތު ދެއްވިއެވެ.

ދިވެހިރާއްޖެއާއި އިސްލާމީ ޤައުމުތަކުގެ ދެމެދުގައިވެސް އިޤްތިޞާދީ ގުޅުން ޤާއިމުކުރުމަށާއި ހަރުދަނާކުރުމަށް މި އަހަރު ތެރޭގައި މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މިގޮތުން، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއިކުރެވިފައިވާއިރު، މި މަސައްކަތްތަކުގައި އިސްނެންގެވީ މިނިސްޓަރ ސަޢީދުކަން ފާހަގަކުރެވެއެވެ. މީގެއިތުރުން، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ގިނަ މަސް ބާވަތްތަކަށް ސުން ރޭޓުގައި ތުރުކީއަށް އެކްސްޕޯޓްކުރުމަށް މަގުފަހިކުރުމަށް ތުރުކީ-މޯލްޑިވްސް ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް އެކުލަވާލެވިފައިވެއެވެ. އަދި ހުޅަނގުގެ ބައިވެރިންނާއެކުވެސް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވެއެވެ.

ވޯލްޑް ބެންކާއިއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދިއުން: ފޮޓޯ/ މިނިސްޓްރީ

ސަރުކާރުން ވަނީ އެމެރިކާއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާ ހަރުދަނާކުރުމަށްބައިލެޓަރަލް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވަރކް އެގްރީމަންޓްގެ ދަށުން ކައުންސިލް ބައްދަލުވުންތައް ބާއްވާފައެވެ. މީގެއިތުރުން، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް މޯލްޑިވްސްގެ 5 ފޯރަމެއް ރާއްޖެއިން ބޭރުގައި ބޭއްވިއިރު، ރާއްޖޭގައިވެސް މިފަދަ އެއް ބައްދަލުވުން ބޭއްވިފައިވެއެވެ.

މި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ފުޅާކޮށް، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ ދައުރު އިތުރުކުރުމަށް އަމާޒުކޮށްގެން ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުގެ ސަބަބުން، ރާއްޖެއަށް އައު އިންވެސްޓްމަންޓް ފުރުޞަތުތައް ހުޅުވި، އިޤްތިޞާދީ ދާއިރާތައް އިތުރަށް ތަރައްޤީވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.

ޚާއްޞަކޮށް، ފައިނޭންޝަލް ސަރވިސަސް، މެރިޓައިމް އިކޮނޮމީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާތަކަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތްތަކަކީ، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ވަރުގަދަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަގުފަހިކޮށްދޭނެ ކަންކަމެވެ. އަދި މިފަދަ މަސައްކަތްތަކުގެ ސަބަބުން، ރާއްޖެއަށް ބޭނުންވާ ޓެކްނޮލޮޖީއާއި ހުނަރުވެރިކަން ލިބި، ވަޒީފާގެ އައު ފުރުޞަތުތައް އުފެދިގެންދާނެކަމަށް ބެލެވެއެވެ.

ޖުމްލަކޮށް ބަލާއިރު، މި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށާއި، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. މި މަސައްކަތްތަކުގެ ނަތީޖާ ކުރު މުއްދަތެއްގެ ތެރޭގައި ފެންނަން ފަށާނެކަމަށް އުންމީދުކުރެވެއެވެ.

އިދާރީ ގޮތުން އިޤްތިޞާދު ހަރުދަނާކުރުމާއި ޑިޖިޓަލައިޒްކުރުން:

ދިވެހިރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި ކުރެވޭ އިދާރީ މަސައްކަތްތައް ހަރުދަނާކޮށް، ފަސޭހަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މި ގޮތުން، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރެޖިސްޓްރާރސް ގެޒެޓް އާންމުކޮށް ފެންނަ ގޮތަށް އޮންލައިން ޚިދުމަތެއްގެ ގޮތުގައި ތަޢާރަފުކުރެވުނެވެ. މީގެ އިތުރުން، އަމިއްލަ ވިޔަފާރިތަކާއި ސަރުކާރާ ދެމެދު ކުރެވޭ މުޢާމަލާތްތައް ލުއިފަސޭހަކޮށް، ހަރުދަނާކުރުމުގެ ގޮތުން އަމިއްލަ ވިޔަފާރިތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކާ ގުޅޭ އުސޫލުތައް އިޞްލާޙުކޮށް، އިތުރު ފުރުޞަތުތަކެއް ހުޅުވާލެވިފައިވެއެވެ.

ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތައް ޒަމާނީ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަނީ މުހިންމު ސިޔާސަތުތަކެއް ތަންފީޛުކޮށްފައެވެ. މިސާލަކަށް، ކުރިން ވިޔަފާރިތަކުން ބޭންކު އެކައުންޓް ހުޅުވުމަށް ބޭނުންވާ ލިޔެކިޔުންތައް ކަރުދާހުގައި ހުށަހަޅަންޖެހޭއިރު، މަދު ވަސީލަތްތަކަކުން ގިނަ އަދަދެއްގެ ކުންފުނިތަކަށް ޚިދުމަތް ދިނުމުގައި ދަތިތަކާ ކުރިމަތިވެއެވެ. މި ކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިޤްތިޞާދީ ވުޒާރާއިން ވަނީ ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކާ ގުޅިގެން މަޢުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް ފަސޭހަކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ބިޒްނަސް ރެޖިސްޓްރީގެ ކޮމާޝަލް އެޕްލިކޭޝަން ޕްރޮގްރާމިންގ އިންޓަރފޭސް މެދުވެރިކޮށް ބޭންކުތަކަށް ފަސޭހަކަމާއެކު މަޢުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކުރެވޭނެއެވެ.

ރާއްޖޭގެ އެތެރޭގެ އިޤްތިޞާދީ މުޢާމަލާތްތައް ހަރުދަނާކުރުމުގެ އިތުރުން، ބޭރުގެ އެކިއެކި ފަރާތްތަކާއެކު ކުރެވޭ މުޢާމަލާތްތައް ފަސޭހަކުރުމަށާއި، އެފަދަ މުޢާމަލާތްތަކުގެ މިންވަރު އިތުރުކުރުމަށްވެސް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މި ގޮތުން ކުރެވުނު އެއް މަސައްކަތަކީ ”ޓްރޭޑިއަން“ ގެ ނަމުގައި ދިވެހިރާއްޖޭގެ ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް ތަޢާރަފުކުރުމެވެ.

ކްރިއޭޓާރ އިކަނަމީ ހަބް އިފްތިތާހުކުރުން: ފޮޓޯ/ މިނިސްޓްރީ

މި ޕްލެޓްފޯމަކީ ރާއްޖެއާއި އެހެނިހެން ޤައުމުތަކާ ދެމެދު އިޤްތިޞާދީ މުޢާމަލާތްތައް އިތުރުކޮށް، އެ މަސައްކަތްތައް ފަސޭހަކުރުމަށް މަގުފަހިކޮށްދޭނެ ވަސީލަތެކެވެ. މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ޤަބޫލުކުރެވިފައިވާ އުސޫލުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ނިޒާމެއް ކަމަށްވާއިރު، ގިނަ އަދަދެއްގެ ތަރައްޤީވަމުންދާ ޤައުމުތަކުގައި މިހާރު މި ނިޒާމު ބޭނުންކުރަމުން ގެންދެއެވެ.

ޓްރޭޑިއަންއަކީ ޖުމުލަގޮތެއްގައި ވިޔަފާރި މުޢާމަލާތަކާ ގުޅޭ އެންމެހައި މަޢުލޫމާތު ލިބެން ހުންނާނެ، އަދި އެ މުޢާމަލާތުގެ ހުރިހާ މަރުޙަލާއެއް ކުރިއަށް ގެންދެވި، ބޭނުންވާ ހުއްދަތައްވެސް ހޯދޭނެ އެއް ޕްލެޓްފޯމެކެވެ. މިއީ ވިޔަފާރީގެ މުޢާމަލާތްތަކުގައި ޝާމިލުވާ އެންމެހައި ފަރާތްތަކަށް، ވިޔަފާރިއާއި މުދާ އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުންފަދަ ކަންކަން އެއް ތަނަކުން ކުރެވޭނެ މަގު ފަހިވެގެންދާނެ ނިޒާމެކެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވޭ މި މަޝްރޫޢުގައި، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ އިތުރުން އެހެން ޤައުމުތަކުގެ އެފަދަ މުއައްސަސާތަކުގެ ބައިވެރިވުންވެސް އޮންނާނެކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި މި ވަސީލަތަކީ ސިންގަޕޫރުގެ އުފެއްދުމެއްކަން ފާހަގަކޮށްލެވެއެވެ.

މި އިސްލާޙުތަކާއި އައު ނިޒާމުތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރަށް ހަރުދަނާވެ، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ވިޔަފާރިތަކަށާއި، އާންމު ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުޔެއްކަން ކަށަވަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: