ޚުދުމުޚްތާރު ވެރިކަމެއްގެ މަގަށް ރާއްޖެ ދިޔަ ނުދިނުމަށް މަސައްކަތް ކުރުމަކީ އެންމެންގެވެސް ޤައުމީ ވާޖިބެއްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެފަދައިން ވިިދާޅުވީ ޖުމްހޫރީދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝާހިދު ވިދާޅުވީ، ރިޔާސީ ނިޒާމު ނުވަތަ ސީދާ ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު ވެރިކަން ހިންގާ ނިޒާމެއް ދިވެހި ރައްޔިތުން ބަލައިގަތީ މަތިވެރި އުއްމީދެއްގައި ކަމަށެވެ.
އަދި ވިދާޅުވީ، އެކަން އެގޮތަށް ބަލައިގަތީ މާޒީގައި ދިވެހީން ކުރި ތަޖުރިބާގެ އަލީގައި ހައްދެއްނެތި ބާރުތައްލިބިފައިވާ ޚުދްމުޚްތާރު ވެރިކަމުގެ ނިޒާމަށް ނޫނެކޭ ބުނުމަށްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އޭގެ އިތުރުން، މިހާރު އަމަލުކުރަމުން އަންނަ ޤާނޫނުއަސާސީގެ ފުރަތަމަ ބާބުގެ 4 ވަނަ މާއްދާގައި ވެރިކަމުގެ ބާރުތައް ވުޖޫދުވެގެން އަންނަ ގޮތް އެހައި ސާފުކޮށް ބަޔާން ކޮށްފައި އެވަނީވެސް ހަމަ އެ ތަޖުރިބާގެ އަލީގައިކަން ޝާހިދު ފާހަގަ ކުރެއްވިއެވެ. އެގޮތުން އެ މާއްދާގައި ބަޔާންކޮށްފައިވަނީ ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ.
ޝާހިދު ވިދާޅުވީ، އެ މާއްދާގައި ސާފު ސާދާ ޢިބާރާތުން ބުނެފައި އެވަނީ ދިވެހި ރައްޔިތުން ޚުދުމުޚްތާރު ވެރިކަމަކަށް ޖާގަ ނުދޭނެކަމަށް ކަމަށެވެ.
ކަންއެހެން އޮތް ނަމަވެސް، ޤާނޫނު އަސާސީގެ ރޫޙާއި އަސާސްތަކާއި ޚިލާފަށް, ވެރިކަމުގެ ބާރުތައް ޖަމާކޮށް ޚުދުމުޚްތާރު ވެރިކަމެއްގެ ސިފަ މިއަދު އަށަގަންނަމުންދާތަން ފެންނަމުންދާކަމަށާއި، އެއީ ހިތާމަހުރި ކަމެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެ މަގަށް ރާއްޖެ ދިޔަ ނުދިނުމަކީ އެންމެންގެވެސް ޤައުމީ ވާޖިބެއް ކަމަށެވެ.
ޝާހިދު އެހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ނުގޮސް، ފުރަތަމަ ބުރުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވެރިއަކު ހޮވޭނެ ނިޒާމެއް އޮތްތޯ ބެލުމަށް ދިރާސާތައް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

