ހެޔޮވެރިކަމަކީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު ކުރާ ވެރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބާގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ހެޔޮ ގޮތުގައި ކުރެވޭ ވެރިކަމަކީ، ރައްޔިތުންގެ މަސްލަހަތުތައް ރަނގަޅަށް ބަލަހައްޓައިގެން ކުރާ ވެރިކަމެއްކަމަށެވެ. ގާނޫނީ ގޮތުންނާއި އިންސާނިއްޔަތުގެ ގޮތުން ފުރިހަމަ ޒިންމާ އުފުލަންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހެޔޮވެރިކަމަކީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު، ރައްޔިތުން ކުރާ ރައްޔިތުންގެ ވެރިކަމެއްކަމަށެވެ.
ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ވެރިކަމަށް މީހަކު ހޮވީމާ ރައްޔިތުން މަތިން ހަނދާން ނައްތާލާފައި، އޭނާގެ ވެރިކަން ދިފާޢުކުރުމަށްޓަކައި ކަންކަން ކުރުމަކީ އެކަން ވާންޖެހޭގޮތް ނޫން ކަމަށާއި އެ މަނިކުފާނަށް ވެރިކަން ޙަވާލުކުރި ފަސް އަހަރުގެ ތެރޭގައި ބޭނުންފުޅުވަނީ އިޚުލާސްތެރި ކަމާއެކުގައި ރައްޔިތުންނަށް ކަންކަން ކޮށްދެއްވަންކަމަށެވެ. އަދި ކުރިއަށް އޮތް 20 އަހަރު ދުވަހަށް، ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް ހެދުމަށް ނިންމެވީ، ރައްޔިތުން ކައިރީގައި އަހައިގެން، ރައްޔިތުން ރާއްޖެ ތަރައްޤީ ކުރަން ބޭނުންވާ ގޮތް އޮޅުންފިލުވުމަށްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަކީ އަންނަ ކޮންމެ ސިޔާސީ ބަޔަކު އެބަޔަކު ބޭނުންވާ ގޮތަކަށް ބަދަލުކުރަމުންދާ، ރައްޔިތުންގެ ބައިވެރިވުމެއް ނެތް ކަމެއްގެ ގޮތުގައި ބާއްވަން ބޭނުންފުޅުނުވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އަދުގެ ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނޭކަމަށް ވިދާޅުވަމުން ރައީސް ވަނީ، އެ މަނިކުފާނު މަޤާމާ ހަވާލުވެވަޑައިގެންނެވި ދުވަހުންފެށިގެން މިއަދާ ހަމައަށްވެސް، ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒުފޯރުވާފައި ނުވާނެކަމަށާއި، ކުރިއަށްއޮތްތަނުގައިވެސް ނުފޯރުވާނޭކަމުގެ ޔަޤީންކަން އަރުވާފައެވެ. އޭގެ ބަދަލުގައި މި ސަރުކާރުން މަސައްކަތް ކޮށްފައިވާނީ، ޝަރުޢީ ދާއިރާއަށް ބޭނުންވާ ކަންތައްތައް ފަހިކޮށްދެއްވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، އަންނަ އަހަރު ކްރިމިނަލް ކޯޓުގެ ޢިމާރާތް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ނިމި، ސުޕީރިއަރ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ފެށި، ޝަރުޢީ ދާއިރާއަށް ބޭނުންވެފައިވާ ޢިމާރާތުގެ ޖާގައިގެ ބޮޑެތި ކަންތައްތަކެއް ހައްލުވާން ފަށާނެކަމަށް އެމަނިކުފާނު ވިދާލުވިއެވެ. އަދި އަންނަ އަހަރު މުސާރަ ބޮޑުވާ މުވައްޒަފުންގެ ތެރޭގައި ޝަރުޢީ ދާއިރާގެ މުވައްޒަފުން ހިމެނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ދުސްތޫރީ އިޞްލާޙުގެ މަސައްކަތުގައި އެ އިދާރާއިން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
ކުރިއަށްއޮތްތަނުގައި ދެ ކަމެއްގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ވޯޓެއް ނެގުން އެކަށީގެންވާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެއީ ޖުމްހޫރީ ދުވަހުގެ ތާރީޚާއި ރައީސް ހުވާ ކުރައްވާ ތާރީޚު އެއް ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުގެ މައްސަލައާއި ރިޔާސީ އަދި ޢާންމު އިންތިޚާބުގެ ނިޒާމަށް ބަދަލުގެނައުމުގެ މައްސަލައިގައިކަން އެމަނިކުފަމާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ލޯކަލް ކައުންސިލްތައް ތަމްސީލުކުރާ މެންބަރުންގެ ޢަދަދު، އެ ދާއިރާއެއްގެ އާބާދީއަކާއި ބައްދަލު މިންވަރަކަށް އުނިއިތުރު ގެނައުމުގެ މައްސަލަވެސް މުރާޖަޢާ ކުރައްވަން ގަސްދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ވާހަކަ ދައްކަވަމުން ރައީސް ވަނީ، މިހާތަނަށް ރާއްޖޭގެ 169 ކައުންސިލާ ސީދާ އެމަނިކުފާނު ބައްދަލުކުރައްވާފައިވާނެކަން ފާހަގަކުރައްވައި، ބާކީ ހުރި ކައުންސިލްތަކާ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބައްދަލުކުރައްވާނޭކަމުގައި ވިދާޅުވެފައެވެ.

